މިސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ މަސްލަހަތު އޮންނަ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏާއި ގުޅުންހުރި މަނީލޯންޑަރިންއަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙްގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
ބިގް ކުންފުންޏަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައާއި ގުޅިގެން އޭސީސީން ތަޙްގީގުކުރި ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ. އަދި އެރިޕޯޓްގައި ހިމެނޭ ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި މެންބަރުންނާއި ހިއްސާކުރައްވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އޭސީސީގެ ރިޕޯޓްގައި ބުނެފައިވާގޮތުން މިއަހަރުގެ މާޗު މަހުގައި ބިގް ކުންފުނިން 2.15 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ޖަމާ ކުރުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިޔުމުން އެފައިސާ ލިބުނު ގޮތެއް އެކުންފުނިން ހާމަކުރުމަށް އެދުމުން ބޭންކާއި، ހިއްސާކުރި ލިޔެކިޔުންތަކުން އެކަށީގެންވާ މިންވަރަށް އެފައިސާގެ އަސްލު ބީއެމްއެލްއަށް ޔަގީންކުރެވިފައިނުވާތީ އެ ފައިސާތައް އެބޭންކުން ޖަމާކޮށްދިނުމަސް ދެކޮޅު ހަދާފައިވާކަމަށެވެ.
ނަމަވެސް އޭގެފަހުން އެކުންފުނިން ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް މިއަހަރުގެ މާރިޗް މަހުގެ 18 ވަނަ ދުވަހު އެފައިސާ ޖަމާކޮށްފައިވާކަން އޭސީސީގެ ތަޙްގީގަށް ހާމަވާމަކަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
ސިޔާސީ ގޮތުން އިސް ބޭފުޅުންތަކަކާއި ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު ޢަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާތީއާއި، އެފައިސާދިން ކަމަށް ބިގުން ބުނާ، ސިންގަޕޫރުގެ ކުންފުނީގެ އަސްލު ހޯދިފައި ނުވާތީ، އެފައިސާގެ އަސްލު ޔަގީން ކުރުމަށް އެމުއާމަލާތާއި ގުޅިގެން އެމްއެމްއޭއިން ދޫކުރި އެސްޓީއާރުގައި ބަޔާންކުރާ މަނީލޯންޑަރިންގެ ކުށުގެ ޢަމަލުތައް ހިމެނޭތޯ ބެލުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން އޭސީސީއިން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެރިޕޯޓް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީޢަށް ދިރާސާކުރުމަށް މިހާރު ވަނީ ފޮނުވާފައެވެ.
ބިގް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައިތިއްބަވަނީ ރައީސސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓެރީ ޙަސަން އިސްމާއިލާއި، އެއޮފީހުގެ ފޮޓޯގްރަފާ މުންޝިދް މުހައްމަދެވެ. ބިކް ކުންފުންޏަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ ހިއްސާވެސް ކުރިން އޮންނަ ކުންފުންޏެކެވެ. ނަމަވެސް މިނިސްޓަރ މަޖިލީހުގައި ވިދާޅުވެފައިވަނީ ބިގް ކުންފުނީގައި މީގެ ކުރިން މަސްލަހަތުތަކެއްއޮތް ނަމަވެސް މިހާރު އެ ކުންފުންޏަކީ މަސްލަހަތެއް އޮތް ކުންފުންޏެއް ނޫން ކަމަށެވެ.
ކޮމެންޓު ފޮނުވާ