ވީޑިއޯ ގޭމްތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމް ސީރީޒް، ފީފާގެ އެންމެ ފަހު ވަރޝަންގެ ކަވަރ އިން އަނެއްކާވެސް އެމްބާޕޭ ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓުބޯޅަ ކަމުގައިވުމުން، އެންމެ ގިނަބަޔަކު ވީޑިއޯ ގޭމް ކޮންސޯލްތަކުގައިވެސް އެންމެ ގިނައިން ކުޅޭ ގޭމަކީ ފުޓުބޯޅަ އާއި ގުޅުންހުރި ގޭމުތަކެވެ. އެގޮތުންވެސް އެންމެ ގިނަބަޔަކު އިހްތިޔާރުކުރާ ގޭމަކީ އެލެކްޓްރޯނިކް އާޓްސް (އީއޭ) އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއާ ގުޅިގެން ބާޒާރަށް ނެރޭ "ފީފާ"ގެ ގޭމް ސީޑީތަކެވެ.
އެމްބާޕޭގެ އިތުރުން އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ފީފާ 2023 ގެ ކަވާ ފޮޓޯގައި ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިޔަކު ހިމެނޭނެއެވެ. އެއީ ޗެލްސީގެ ތަރި ސެމް ކާއެވެ. ގޭމުގެ ކަވާ އިން ތިންވަނައަށް އެންމެ ގިނައިން ޖާގަ ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ ވެފައިވާއިރު، އޭނާގެ ކުރިން ދެވަނައިގައި އޮތީ ހަތަރު ފަހަރު އެ ޝަރަފް ހޯދި ލިއޮނެލް މެސީއެވެ. އޭނާ އެ ޖާގަ ހޯދީ 2013، 2014، 2015 އަދި 2016 ގައެވެ.
Presenting your #FIFA23 Cover Stars:@samkerr1 and @KMbappe
Two phenomenal forces up front.
One ultimate strike partnership.See the full reveal on July 20
https://t.co/yjXnlCteDR pic.twitter.com/oOWyqoqBzB
— EA SPORTS FIFA (@EASPORTSFIFA) July 18, 2022
މީގެއިތުރުން ގޭމުގެ ކަވަރަށް އެންމެ ގިނައިން އެރުމުގެ ރެކޯޑު ހޯދާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ އެ ޝަރަފު 2006 އިން 2012 އަށް މެދުނުކެނޑި ހޯދާފައެވެ.
އީއޭ ސްޕޯޓްސް އިން އަދި ފީފާ 23 ވިއްކާނެ އަގެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން އިނގިރޭސިވިލާތުގައި މި ގޭމް ލިބޭނީ 59.99 ޕައުންޑަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 1107.01 ރުފިޔާއެވެ. އަދި އެމެރިކާގައި މި ގޭމު ވިއްކާނެކަމަށް ބެލެވެނީ 59.99 ޑޮލަރަށެވެ. އެއީ 920.85 ދިވެހި ރުފިޔާއެވެ. މިއީ ފީފާ 23 ގެ ސްޓޭންޑާޑް އެޑިޝަން ވިއްކާނެކަމަށް ބެލެވޭ އަގެވެ.