ދިވެހި ޙައްޖުވެރިން މާދަމާ އަންނަން ފަށާނެ

ދިވެހި ޙައްޖުވެރިން މާދަމާ އަންނަން ފަށާނެ

ގުޅުންހުރި

1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެގަޑިން ހެނދުނު 10:10ގައި ރާއްޖެ އަންނަން ފަށާނެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، ހޮނިހިރުދުވަހުގެ އިތުރުން އަންނަ ހަފްތާގެ ބުދަދުވަހުއެވެ. މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދުރުވާ ބޭފުޅުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށެވެ.

މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ވަޑައިގެންނެވުމަށް ވެހިކަލްތައް ހަމަޖެހިފައިވާނެއެވެ. އެގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30ގައި ބަސްތައް އޮންނާނެއެވެ. އެއަރޕޯޓުން ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ބަސްތައް އޮންނާނީވެސް މި ހަތަރު ސަރަހައްދުގައި، މެންދުރުކުރި 11:00، 11:15، 11:30، 11:45، އަދި 12:00 އަށެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެއެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެއެވެ.

ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިންވެސް ވަނީ ޙައްޖުގެ މަތިވެރިއަޅުކަން އަދާކޮށް ނިމި ފުރުމަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖުމިޝަން އިން މަޢުލޫމާތުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ