ޢިމްރާންގެ ވާހަކަ ބަދަލުވެއްޖެ، ވިދާޅުވީ ޢިލްމުވެރިންގެ މެދުގައިި ނަފްރަތު އުފައްދަން ބަޔަކު އުޅޭކަމަށް!

ޢިމްރާންގެ ވާހަކަ ބަދަލުވެއްޖެ، ވިދާޅުވީ ޢިލްމުވެރިންގެ މެދުގައިި ނަފްރަތު އުފައްދަން ބަޔަކު އުޅޭކަމަށް!

Author
މުޙައްމަދު ޖިމީ
19 ޖުލައި 2022 10:02
0

އަދާލަތު ޕާޓީގެ އިލްމުވެރީންނާއި، ޖަމިއްޔަތުއްސަލަފުގެ އިލްމުވެރީންގެ މެދުގައި އަރައިރުން އުފެއްދުމަށް ބަޔަކު ވަރަަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރ އިމްރާން ދެއްކވި ވާހަކަފުޅުގެ ރާގު ބަދަލުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ، އެމަނިކުފާނާއި، އެމަނިކުފާނު ރައީސްކަން ކުރައްވާ އަދާލަތު ޕާޓީގެ ދިފާޢުގައި ގިނަ ޓްވީޓްތަކެއް ކުރެއްވުމުންވެސް ގިނަބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވަނިކޮށެވެ. އެގޮތުން ގިނަ ޢިލްމުވެރިންތަކެއްވެސް ޢިމްރާނަށް އަންނަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާ ފާޑުވިދާޅުވަމުންނެވެ.

ޢިމްރާން އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާޢުގައި ކުރެއްވި ޓްވީޓްގައި ވަނީ ސަލަފް ޖަމްޢިއްޔާގެ ޢިލްމުވެރިންނަށް ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި މި ޚުތޫރަތްތެރި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ ޢިލްމުވެރިންނާއި ސަލަފް ޢިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް ޢިލްމުވެރިންނަށް ނަފްރަތު ކުރާ ބަޔަކު ވަރަށް މަސައްކަތް ކުރައްވާކަމަށާއި، ޢިލްމުވެރިން އެ ފުރުޞަތު ނުދެއްވުމަށް އިލްތިމާސްކުރާކަމަށް ޢިމްރާން ވިދާޅުވެފައިވެއެވެ.

ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައ ހައްޔަރުކުރި ދެ ދީނީ ޢިލްމުވެރިން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްޖިންސުން ގުޅުން ހިންގި މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ސަރުކާރާއި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ފާޑުކިޔުންތަކަށް ތަކުރާރުކޮށް ދިފާޢުގައި ޢިމްރާން ގެންދަވަނީ ޓްވީޓްކުރައްވަމުންނެވެ.

ޢިމްރާނަށް ފާޑުކިޔުން އަމާޒުވީ، ފުލުހުންގެ މުއައްސަސާގެ މެންޑޭޓްވެސް ހިމެނޭ ހޯމް މިނިސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ހުންނެވުމުންނެވެ. ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުން ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރ ޢިމްރާނެވެ. މިކަމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޭ ޢިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ،  އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އޭނާ އަނިޔާއެއް ނުދެއްވާނެ ކަމަށެވެ. އަދި އިލްމުވެެރީން ހައްޔަރު ކޮށްގެން ގެންގުޅުމާ އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ދައްކަވަން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުންނަށް އަބަދުވެސް އިލްތިމާސް ކުރައްވާކަމަށެވެ.

ހޯމް މިނިސްޓާރ މިހެން ވިދާޅުވެފައިވާއިރު، ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއްކަމަށް ވިދާޅުވެ ދީނީ ޢިލުމުވެރިންގެ ފާޑުކިޔުން ޢިމްރާނަށް އަމާޒުވެފައިވެއެވެ. އޭގެތެރޭގައި މީގެ ކުރިން ސިޔާސީ އެއްވެސް ކަމަކަށް ވާހަކަ ދައްކާފައިނުވާ ޢިލްމުވެރިންވެސް ގެންދަވަނީ ޢިމްރާނަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.