ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، އަނެއްކާވެސް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ދިފާޢުގައި ނިކުންނަވައިފިއެވެ.
ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައ ހައްޔަރުކުރި ދެ ދީނީ ޢިލްމުވެރިން ބަންދުކޮށްފައި ބޭތިއްބުމާއި، އެއްޖިންސުން ގުޅުން ހިންގި މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ސަރުކާރާއި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ފާޑުކިޔުންތަކަށް ތަކުރާރުކޮށް ދިފާޢުގައި ޢިމްރާން ގެންދަވަނީ ޓްވީޓްކުރައްވަމުންނެވެ.
ޢިމްރާނަށް ފާޑުކިޔުން އަމާޒުވީ، ފުލުހުންގެ މުއައްސަސާގެ މެންޑޭޓްވެސް ހިމެނޭ ހޯމް މިނިސްޓަރަކަށް އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ހުންނެވުމުންނެވެ.
ޔޯގާ ހަރަކާތާއ ގުޅިގެން ދީނީ ޢިލްމުވެރިންކަމަށްވާ ޝައިޚް ފަޟްލޫން މުޙައްމަދާއި، ޝައިޚް އާދަމް ނިޝަން ހައްޔަރުގައި ހުންނަވާތާ މިހާރު ވަނީ 28 ދުވަސް ވެފައެވެ. އެ ޢިލްމުވެރިންގެ ބަންދުގެ މުއްދަތު ހަމަވާއިރަށް ފުލުހުން ދަނީ މުއްދަތު އިތުރުކުރަމުންނެވެ.
ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުން ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރ ޢިމްރާނެވެ. މިކަމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޭ ޢިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އޭނާ އަނިޔާއެއް ނުދެއްވާނެ ކަމަށެވެ. އަދި އިލްމުވެެރީން ހައްޔަރު ކޮށްގެން ގެންގުޅުމާ އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ދައްކަވަން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުންނަށް އަބަދުވެސް އިލްތިމާސް ކުރައްވާކަމަށެވެ.
Maaiy Allah iraadhakurehviyya ehvesmeehakah vakin khaassakoh dheenee Ilmu veriakah alhugadu aniyaaeh nukuraanan.adhi kieh aniyaalibey meehunge dhua in rakkaatheri vumah abadhume fuluhunna,MCS ge officerunnah ilthimaas kuran
— Imran Abdulla (@ShimranAb) July 17, 2022
ހޯމް މިނިސްޓާރ މިހެން ވިދާޅުވެފައިވާއިރު، ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއްކަމަށް ވިދާޅުވެ ދީނީ ޢިލުމުވެރިންގެ ފާޑުކިޔުން ޢިމްރާނަށް އަމާޒުވެފައިވެއެވެ. އޭގެތެރޭގައި މީގެ ކުރިން ސިޔާސީ އެއްވެސް ކަމަކަށް ވާހަކަ ދައްކާފައިނުވާ ޢިލްމުވެރިންވެސް ގެންދަވަނީ ޢިމްރާނަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ