ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ އުފަން ދުވަސް ފާހަގަކުރުމަށް ފިރިމީހާ ވިކީ ކޯޝަލްއާއެކު ރާއްޖެ އަތުވެއްޖެއެވެ.
ކެޓްރީނާއަށް 39 އަހަރު ފުރުނު އޭނާގެ އުފަން ދުވަހަކީ މިއަދެވެ. އުފަން ދުވަސް ފާހަގަކުރުމަށް އެމީހުން ރާއްޖެ އައީ އިއްޔެ ހެނދުނުއެވެ. އެމީހުން ފުރަން މުންބާއީ އެއަރޕޯޓަށް އައި ފޮޓޯތަކެއް މީޑިއާތަކުން ވަނީ އާންމުކޮށްފައެވެ.
އެހެން ނަމަވެސް އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތަނެއްގެ މައުލޫމާތެއް ވެސް ނުވަތަ ފޮޓޯއެއް ވެސް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

މި ދެމަފިރިންނާއެކު ވިކީގެ ކޮއްކޮ އަދި އެކްޓަރު ސަނީ ކޯޝަލް އާއި އެކްޓްރެސް ޝަރްވަރީ ވެސް އިއްޔެ ވަނީ ރާއްޖެ އަައިސްފައެވެ. އެ ދެމީހުންނަކީ ލޯބިވެރިން ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.
މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަބީރު ޚާނާއި އޭނާގެ އަނބިމީހާ އަދި ބަތަލާ މިނީ މާތުރް ވެސް ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރުމަށް އިއްޔެވަނީ ރާއްޖެ އައިސްފައެވެ.
ކެޓްރީނާ އާއި ވިކީ، ކައިވެންޏަށް ފަހު ކުރު ހަނީމޫނަކަށް ވެސް ރާއްޖެ އައެވެ. އެހެން ކަމުން މިއީ ކައިވެންޏަށް ފަހު މި ދެތަރިން އެކުގައި ރާއްޖެއައި 2 ވަނަ ފަހަރެވެ.
ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރު ނޮވެމްބަރު މަހު 4 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން މިހާރު ކަނޑައަޅާފައިވާ ހޮރޯ ކޮމެޑީ "ފޯނު ބޫތު" އިންނެވެ.
ކޮމެންޓު ފޮނުވާ