ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިންމިނިސްޓަރ ޝާހިދް އަށް އަރުވައިފިއެވެ.
މި ޢިއްޒަތް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.
ޝާހިދަށް މި ޢިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތުގެ" ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑްގެ ޙާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުތރުޞަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތައް މީގެ ތެރެއިން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
#VisitaPGA | #CancillerGT @MarioBucaroGT condecoró al Presidente de la Asamblea General de la #ONU, Abdulla Shahid @UN_PGA, con la Orden Antonio José de Irisarri en el Grado de Gran Cruz, durante su primera visita al país. pic.twitter.com/waqJjpLKFP
— MINEX Guatemala 🇬🇹 (@MinexGt) July 16, 2022
އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. މި ޢިއްޒަތް އެ ޤައުމުން އަރުވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ. އެ ނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.
މިނިސްޓަރު ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ 13 ޖުލައި ވީ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސްއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި، ޤާނޫނު ހަދާ މަޖީހުގެ ރައީސްއާއި، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ. އަދި އެޤައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.