ސްރީ ލަންކާއަކީ މުއްސަދި ސަގާފަތެއް އޮތް، އަދި ފަޚުރުވެރި ތާރީޚެއްވެސް އޮތް ގައުމެކެވެ.
އިނގިރޭސީންގެ އިސްތިއުމާރުން ސްރީ ލަންކާއަށް މިނިވަންކަން ލިބިފައިވަނީ 1948 ވަނަ އަހަރުއެވެ. އެހެންނަމަވެސް ކޮމަންވެލްތު ގައުމުތަކުގައި އޮތް ރަސްކަމުގެ ދަށުގައި އެގައުމަށް އޭރު މިނިވަންކަން ލިބިގެން ދިޔައީ ސިލޯންގެ ގޮތުގައެވެ. އެއީ އޭގެ ފަހަށް އައި 24 އަހަރުގެ މުއްދަށަވެ. 1972 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހު ސިލޯނުގެ ނަން މިހާރުގެ ސްރީ ލަންކާއަށް ބަދަލުކޮށް، އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި ރިޕަބްލިކް އޮފް ސްރީ ލަންކާ އުފެދިގެން އައެވެ.
އެއަށްފަހު ސްރީ ލަންކާ ވެގެން ގޮސްފައިވަނީ ރިޔާސީ ވެރިކަމުގެ ނިޒާމެއް އެގައުމުގައި އޮތް، އެހެންނަމަވެސް އަހުލީ ހަނގުރާމައިގެ ހިޔަނީގައި ކުރިއަރަމުން އައި ގައުމަކަށެވެ.
1983ވަނަ އަހަރު ފެށިގެން، ސްރީ ލަންކާގައި ވަކި ދައުލަތެއް ގާއިމް ކުރުމަށް ހަނގުރާމަ ކުރަމުން އައި ތަމަޅަ ޓައިގަރުން، އެއަށްފަހު ސްރީ ލަންކާގައި ހިގަމުން އައި ވެރިކަންތަކާއި ދެކޮޅަށް މައިގަޑު ގޮތެއްގައި ޖަފްނާގައި ކުރަމުން އައި ހަނގުރާމައަށް ނިމުން އައިސްފައިވަނީ އޭގެ 26 އަހަރު ފަހުން 2009 ވަނަ އަހަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ.
މި މުއްދަތުގެ ތެރޭގައި، ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތަމަޅައިން ވަނީ ސްރީ ލަންކާގެ ކުރީގެ ރައީސް ޕްރަމަދާސާއާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަ ކޮށްލާފައެވެ. އަދި އަނިޔާވެރިކަން ބޮޑު މި ހަނގުރާގައި ފާއިތުވެގެން ދިޔަ 26 އަހަރުގައި ސްރީ ލަންކާގެ 9 ކެބިނެޓް ވަޒީރަކު އަވަހާރަކޮށްލާ، ގާނޫނުހަދާ މަޖިލީހުގެ 26 މެމްބަރަކު ތަމަޅައިންގެ ހަމަލާތަކުގައި މަރާލާފައި ވެއެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ 22 މީހަކު މި އަހުލީ ހަގުރާމާގެ ޝިކާރައަކަށްވެސް މަރުވެގެން ގޮސްފައި ވެއެވެ.
އެހެންނަަމަވެސް މި ހަމަނުޖެހުމުގައި ފާއިތުވެދިޔަ މުއްދަތުގައިވެސް، ކުރިމަތިވަމުންދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް ސްރީ ލަންކާ އައީ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ކުރިއެރުންތައް ހޯދަމުންނެވެ. ތަރައްގީއާއި ތަމައްދުނުގެ ރޮގުން ކުރިމަގު ކޮށަމުންނެވެ. އަދި ވަކީން ޚާއްސަކޮށް، 2009ވަނަ އަހަރު އަހުލީ ހަނގުރާމައަށް ނިމުން އައުމަށްފަހު، މުޅި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް، އިގްތިސާދީ ގޮތުން ކުރި އަރައިގެންދާން ސްރީ ލަންކާއަށް އިންތިހާއަށް ތަނަވަސް ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އިގްތިސާދީ ކާރިސާއިން އައި ސިޔާސީ އިންގިލާބު!
2009ވަނަ އަަހަރު ސްރީ ލަންކާގެ އަހުލީ ހަނގުރާމައަށް ނިމުން އައުމަށްފަހު އެގައުމު އިގްތިސާދީ ގޮތުން ކުރިއެރުން ހޯދާ، ތަރައްގީއާއި ތަމައްދުނު ރޮގުން ކުރިއަރައިގެން ދިއުމަށް އިންތިހާއަށް ދޮރުތައް ހުޅުވިގެން ދިޔައެވެ. އަދި ގައުމަށް ޑިމޮކްރަސީ އައިސް، އާންމު އިންތިޚާބުތަކުން ވެރީން އައްޔަންކޮށް، ޒަމާނީ ޑިމޮކްރަސީއަކަށް ރުޖޫއަވުމަށްވެސް ފުރުސަތު ހުޅުވިގެން ދިޔައެވެ.
މިގޮތުން، ސްރީ ލަންކާއަކީ މުއްސަދި ސަގާފަތެއް އޮތް، ފަތުރުވެރިކަމުގެ ވަރުގަދަ ސިނާއަތެއް އޮވެފައި، އަދި ސައިފަތުގެ ސިނާއަތު އިގްތިސާދުގެ މުހިންމު ވަސީލަތަކަށްވެ، އަމިއްލަ ފައިމައްޗަށް ތެދދުވުމުގެ ގާބިލްކަން ހުރި ގައުމަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން، ސްރީ ލަންކާ ވެގެން ދިޔައީ ބޭރުގެ ގައުމުތަކަށްވެސް މުހިންމު ގައުމަކަށެވެ.
މިގޮތުން ސްރީ ލަންކާގެ ތަރައްގީއަށް އެގައުމަށް ބޭނުންވާ ލޯންތައް ދޫކުރުމާއި، ބޭރުގެ ކުންފުނިތަކުންނާއި ގައުމުތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގައި ސްރީ ލަންކާ ވެގެންދިޔައީ އިންތިހާއަށް ފުރުސަތު އޮތް ގައުމެއް ކަމުގައެވެ.
އެހެންނަމަވެސް، 2009ވަނަ އަހަރު، ސްރީ ލަންކާއަށް އެގައުމުގައި ހިގަމުން އައި އަހުލީ ހަނގުރާމައި އަަރައިގަނެވުމަށްފަހު ލިބިގެންދިޔަ އިގްތިސާދީ ގިނަ ފުރުސތަކާއި ގައުމަށް އައި ތަރައްގީއާއި ތަމައްދުނު ފެނިގެން ދިޔައީ، އެއަށްފަހު އެގައުމަށް އަންނަން ފެށި ސިޔާސީ ބަދަލުތަކުގެ ޝިކާރައަކަށް ވެގެން ދިޔަތަނެވެ.
އޭރު ގައުމުގައި ތިއްބެވި ސިޔާސީ ވެރީންވަނީ އެމީހުންގެ ސިޔާސީ ކުރިމަގަށް، ބޮޑެތި ޑީލްތައް ހަދާ، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުއޮތް ގައުމެއްގެ އިސް މަގާމްތަކަށް އާއިލީ މީހުން އިސްކޮށް، އަމިއް މަސްލަހަތުގައި މުޅި ގައުމު ގުރުބާން ކޮށްފައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ޗައިނާފަދަ ގައުމުތަކުން ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާއިރު، މި އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްރީ ލަންކާގެ މުހިންމު ގައުމީ ބައެއް އެސެޓްތައް ޗައިނާގެ ބާރުގެ ދަށަށް ދިއުމެވެ.
މުޅި ދުނިޔޭގައިވެސް އެންމެ ބާރުބޮޑު، އިރުން ހުޅަނގަށް އޮތް ޝިޕިން ރޫޓާއި ގުޅިފައި އޮތް ހަމްބަން ޓޯޓާ ޕޯޓު 2017ވަނަ އަހަރު ސްރީ ލަންކާއިން ޗައިނާއަށް ދޫކޮށްލުމަށް މަޖުބުރުވީ އެ ޕޯޓު ތަރައްގީ ކުރުމަށް ސްރީ ލަންކާއިން ނެގި ލޯނު އަދާ ކުރެވޭނޭ އެއްވެސް މަގެއް ނުފެނި، ދަރަނީގެ މިދަންތުރާގައި އެގައުމު ޖެހިގެންނެވެ.
އެއަށްފަހު އައި އަހަރުތައް ވެގެން ދިޔައީ ސްރީ ލަންކާ އިންތިހާއަށް ދަރަނިވެރި ވެގެން އައި އަހަރުތަކެއް ކަމުގައެވެ. މިހޮތުން 2012ވަނަ އަަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްރީ ލަންކާގެ ދަރަނި 37 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރެފައި، 2022 ވަނަ އަހަރާ ހަމަައަށް އައިރު ސްރީ ލަންކާގެ ބޭރުގެ ދަރަނި ވަނީ 47 ބިލިއަން އެމެރިކާ ޑޮލަަރަށް އަރާފައެވެ. މި މުއްދަތުގެ ތެރޭގައި 2019ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މި ދަރަނި ވަނީ 55 ބިލިއަން އެމެރިކާ ޑޮލަރަށްވެސް އަރާފައެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެގައުމުގެ އިގްތިސާދު އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާ، ހަމައެކަނި ސިޔާސީ މަންފާއަށް ވެރިކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްރީ ލަންކާ ދަރަނިވެރިވެ، ގައުމަށް ލިބޭ އާންދަނީއަށްވުރެ ގައުމުން ބޭރުވާ ފައިސާ އިންތިހާއަށް މައްޗަށް ގޮސް، ރައްކާ ކުރެވިފައިވާ ރިޒާވް އިންތިހާއަށް ދަށްވެގެން ދިއުމެވެ.
މިގޮތުން، 2019ވަނަ އަހަރު ނިމިގެން ދިޔައިރު، 7.6 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ރިޒާވް 2020 ވަނަ އަހަރު ނިމިގެން ދިޔައިރު 5.7 ބިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިގެން ދިޔައެވެ. 2021 ވަނަ އަަހަރު ނިމިގެން ދިޔައިރި ރިޒާވް 3.1 ބިލިއަން ޑޮލަރުން 1.9 ބިލިއަން ޑޮލަރަށް ވެއްޓި، މިއަދު ސްރީ ލަންކާ ވެގެން މިދިޔައީ ގައުމަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތަކަށް އަގު ދެއްކޭނޭ މަގެއް ނުފެނި، ބަގުރޫޓުވެފައިވާ ގައުމަކަށެވެ.
އެންމެ ފަހުން، 1948 ވަނަ އަހަރު ގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވީ އެންމެ އެންމެ ބޮޑު އިގްތިސާދީ ކާރިސާ މިއަދު މިވަނީ އެގައުމަށް ކުރިމަތި ވެފައިވާ ސިޔާސީ ބޮޑު އިންގިލާބަކަށް ބަދަލުވެފައެވެ. ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ފުން ވަޅުގަޑުން އަރައި ނުގަނެވި، ރައްޔިތުން މިވަނީ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ މުހިންމު އިދާރާތައްވެސް ހިސާރު ކޮށްފައެވެ. ސަރުކާރުގެ ކެބިނެޓާއި ބޮޑުވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެ، ގައުމުގެ ރައީސަށް ޖެހިވަޑައިގަތީ ގައުމު ދޫކޮށް ފިއްލަވާށެވެ.
އެހެން ގައުމުތަކަށް އެތައް ގޮތަކުން އިންޒާރެއް!
ސްރީ ލަންކާއަށް ކުރިމަތިވީ އިގްތިސާދީ ކާރިސާއިން އެގައުމަށް ސިޔާސީ އިންގިލާބެއް އަންނަމުންދާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރައްޔިތުން މަގުތަކަށް ނިކުން ކުރަމުންދާ މުޒަހިރާތަކުންނާއި އަދި ހިގަމުންދާ ހަމަނުޖެހުންތަކުން ސާފުވާން އޮތް އެއް ހަގީގަތަކީ، ސްރީ ލަންކާގެ ވެރީންގެ މަތީން ރައްޔިތުން ފޫހިވެއްޖެކަމެވެ. ސިޔާސީ ވެރީން ވަމުންދިޔަ ވައުދުތަކާއި، ދައްކަމުން ދިޔަހާ މަންޒަރަކީ ބިލާހަކަށް ވެއްޖެކަމުގައި ގަބޫލުކޮށް، އެގައުމަށް އާ ލީޑަރޝިޕެއް އައުމަށް ގައުމުގެ ރައްޔިތުން ލޮލުން ބޮލުން އެދެމުންދާކަން ސްރީ ލަންކާއިން މިދަނީ ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވެމުންނެވެ.
ސަބަބަކީ، ރައްޔިތުންގެ ޕްރެޝަރަށް ކެތް ނުކުރެވިގެން، އެގައުމުގައި އޮތް ބާރުގަދަ، ރާޖަޕަކްސަ ވެރިކަމުގެ ޚާންދާ އެކީ ކަހަލަގޮތަކަށް އިނދަ ޖެހިގެން ގޮސްފައިވާއިރު، އަދިވެސް ގައުމަށް ހަމެޖެހުމެއް އައިސްފައި ނެތުމެވެ. ގަބޫލު ކުރެވޭ ގޮތުގައި، ގޮޓަބަޔައަށްފަހު، މިހާރު ރައީސްކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރަނިލް ވިކްރެމެސިންހެއަށްވެސް، އަދި އެގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށްވެސް ޖެހިވަޑައިގަންނަވާނީ ހަމަ މިދަތުރެވެ.
ސްރީ ލަންކާގެ އިގްތިސާދީ ކާރިސާއިން އެގައުމަށް އަންނަމުންދާ ސިޔާސީ އިންގިލާބު ހަގީގަތުގައިވެސް މޭރުން ކުރެވެނީ، ސްރީ ލަންކާއަށް މުޅިން އާ ސިޔާސީ ލީޑަރޝިޕެއް އައުމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ ޑިމާންޑްތަކެއްގެ ގޮތުގައެވެ.
މިހުރިހާ ބަދަލުތަކާއެކު، ސްރީ ލަންކާ ވެގެން މިދަނީ އިގްތިސާދީ ގޮތުން ޟައީފް، ސިޔާސީ ހަމަނުޖެހުން ބޮޑު ގައުމުތަކަށް އޮތް ވަރަށްވެސް ރަގަޅު އިބުރަތެއް ކަމުގައެވެ.
ރައްޔިތުންގެ ދުޅަހެޔޮކަމަށްވުރެ ސިޔާސީ ވެރީންގެ މަސްލަހަތު އިސްކޮށްގެން ވެރިކަމުގައި ތާއަބަދު ދެމި ނުތިބެވޭނޭ ކަމާއި، ދަރަނިވެރިކަމާއި، އިގްތިސާދީ ގޮތުން އަންނަ ދައްޗަކީ ހަގީގަތުގައިވެސް ނުރައްކާތެރިކަން ބޮޑު ކަމެއްކަން ސްރީ ލަންކާގެ ތަޖުރިބާއިން މިވަނީ ކަށަވަރުވެ ޔަގީންވެފައެވެ. ސްރީ ލަންކާ ހަގީގަތުގައިވެސް ވެގެން މިދިޔައީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރީން އެއިން އިބުރަތެއް ހާސިލް ކުރުމަށް މަޖުބޫރު ތަޖުރިބާއަކަށެވެ.