މިރާއްޖޭގައި އިސްލާމް ދީން ފަނޑުވަމުން ނުދާކަމަށާއި އެކަން ނުވެސް ކުރެވޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޖް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ. މުހުތާޒް މިހެން މި ވިދާޅުވީ، ދީނީ ޢިލްމުވެރިންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަލެއްގައެވެ. ދީނީ ޢިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ދީނީ ޢިލްމުވެރިންތަކެއް ހައްޔަރުކުރިނަަވެސް، އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިނުވާތީއެވެ.
މުހުތާޒް ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫންކަމަށާއި، އަމިއްލަފައިދާއަށްޓަކައި މަތިވެރި އިސްލާމްދީން ހަތިޔާރަކަށްހެދުން ގޯސްކަމަށެވެ.
މިރާއްޖޭގައި އިސްލާމްދީން ފަނޑުވަމުންނުދޭ. އެކަން ނުވެސްކުރެވޭނެ. އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ އެކަނި ކަމެއްނޫން. ތިމަތިމާމެންގެ އަމިއްލަފައިދާއަށްޓަކައި މަތިވެރި އިސްލާމްދީން ހަތިޔާރަކަށްހެދުން ގޯސް.
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) July 13, 2022
މުހުތާޒް މިހެން ވިދާޅުވެފައިވާއިރު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސް ވަނީ ފާޑުކިޔާ ފަރާތްތަކަށް ހޫނު ރައްދެއް ދެއްވާފައެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ، ގީގަތަކީ ބަޔަކަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ 3 އަހަރާއި ބަޔަށް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ ޢިލްމުވެރިންނަށްވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މިރާއްޖޭގައި ނޯންނާނެކަމަށެވެ.
ރާއްޖޭގައި މިފަހުން ދީނާއި ޚިލާފް ގިނަ ކަންތައްތަކަކާއި، އިލްމުވެރިންނާއި ދެކޮޅަށް އެތައް ކަމެއް ކުރަމުންދާއިރު އަދާލަތު ޕާޓީން ރަސްމީކޮށް މިކަންކަމުގައި އުޅޭލެއް ކުޑަވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަދާލަތަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ