ސްރީ ލަންކާގެ ވަގުތީ ރައީސަކަށް ރަނިލް ހަމަޖައްސަވައިފި

ސްރީ ލަންކާގެ ވަގުތީ ރައީސަކަށް ރަނިލް ހަމަޖައްސަވައިފި

ގުޅުންހުރި

ގައުމު ދޫކުރައްވާ ފިއްލވާ ވަޑައިގަންނަވަމުން، ގޮޓަބަޔަ ސްރީ ލަންކާގެ ވަގުތީ ރައީސަކަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރެމެސިންހެ ހަމަޖައްސާވާކަމުގައި ގާނޫނުހަދާ މަޖިލިހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ގައުމު ދޫކުރައްވާ ވަޑަައިގަންނަވަމުން ގޮޓަބަޔަ ރާޖަޕަކްސަވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހަށް ވަގުތީ ރައީސްކަމަށް ރަނިލް ހަމަޖެއްސެވިކަން އަންގަވާފައެވެ.

މީޑިއާއަށް ދެއްވި ޚާއްސަ މެސެޖެއްގައި ގާނޫނުހަދާ މަޖިލިހުގެ ރައީސް މަހިންދަ ޔަޕަ އަބީވަރުދެނަ ވިދާޅުވި ގޮތުގައި ގޮޓަބަޔަ ގައުމުގައި ނޫޅުއްވާނެތީ ރަނިލް ހަމަޖައްސަވާފައިވަނީ، އޭނާގެ ފަރާތުން ރައީސްގެ ބަދަލުގައި ވަގުތީ ރައީސްކަން އަދާ ކުރެއްވުމަށް ކަމަށެވެ.

ގާނޫނުހަދާ މަޖިލިހުގެ ރައީސް ވިދާޅުވެފައިވަނީ، ރަނިލް ވަގުތީ ރައީސްކަމަށް އައްޔަން ކުރައްވާފައިވަނީ، ސްރީ ލަންކާގެ ގާނޫނު އަސާސީގެ 34ވަނަ މާއްދާގެ 1ގައި ވާގޮތުގެމަތިން ކަމުގައެވެ.

ގޮޓަބަޔަ ގައުމު ދޫކުރައްވާ ވަޑައިގަތުމާއެކު މިއަދުވެސް ވެރިރަށް ކޮލޮމްބޯގެ އެކި ހިސާބުތަކުގައިވަނީ މުޒާހިރާތައް ކުރިޔަށްދާން ފަށާފައެވެ. އެމީހުން ގޮވަމުންދަނީ، ރައީސްއާއި ބޮޑުވަޒިރާ ދެބޭފުޅުންވެސް އިސްތިއުފާ ދެއްވުމަށެވެ.

އިސްތިއުފާ ދެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ގައުމުދޫކޮށް، ފިއްލަވައިގެން އެންމެ ފަހުން މިއަދުވަނީ ރާއްޖެ ވަޑައިގެންފައެވެ.

ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގޮޓަބަޔަ ރާއްޖެ ދަތުރު ކޮށްފައިވަނީ އޭނާގެ އަނބިކަބަކުންނާއެކީ، ސްރީ ލަންކާގެ އަސްކަރިއްޔާގެ AN32 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

ބައެއް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގޮޓަބަޔަ ދަތުރު ކުރަމުންދިޔަ މަތިންދާބޯޓު ހުޅުލޭ އެއަރޕޯޓުގައި ޖެއްސުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއަރ ޓްރެފިކް ކޮންޓްރޯލްއިން ދެކޮޅު ހަދާފައި ވެއެވެ. އަދި މި ފްލައިޓް ޖެއްސުމުގެ ހުއްދަ އެއަރ ޓްރެފިކް ކޮންޓްރޯލުން ދީފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެގެން ކަމުގައިވެސް ސީއެންއެންއިން ރިޕޯޓު ކޮށްފައި ވެއެވެ.

އިސްތިއުފާ ދެއްވާނޭކަން އިއުލާން ކުރައްވާފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ސްރީ ލަންކާ ދޫކޮށް ދޫކޮށް ދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ސްރީ ލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްރީ ލަންކާއިން ފުރައިގެން ދިއުމަށް ގޮޓަބަޔަ އިއްޔެ މަސައްކަތް ކޮށްފައިވަނީ ދުބާއީއަށެވެ. ސްރީ ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރާވަޑައިގަތުމަށް ގޮޓަބަޔަ ހޯމަދުވަހު އެއަރޕޯޓަށް ވަޑައިގެންފައިވަނީ އާއިލާގެ 15 މީހެއްގެ ޕާސްޕޯޓާއެކީއެވެ. އެމީހުންގެ ފްލައިޓް ބުކިން ހަދާފަ އޮތީ ހަވީރު 6:25ގައި ދުބާއީއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓުންނެވެ.

2009ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅައިން ވަކިވެގަތުމަށް ކުރަމުން އައި ހަނގުރާމަ ނިމުމަމަށް އައިއިރު، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާނިއްޔަތާއި ޚިލާފް އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ގޮޓަބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފައެވެ.

ފާއިތިވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިތުހުމަތުތަކާއި ކުރިމަތި ލުމަށް ގޮޓަބަޔަ ކޯޓުތަކަށް ހާޒިރު ކުރެވިފައެއް ނުވެއެެވެ.

ގޮޓަބަޔަ މަގާމުން އިސްތިއުފާ ދެއްވާނޭކަން ހާމަ ކޮށްފައިވަނީ، އޭނާގެ އިސްތިއުފާއަށް ގޮވާ، ސްރީ ލަންކާގެ ރައްޔިތުން މުޒާހިރާ ކުރަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ