ދިވެހި ސަރުކާރުން ވަނީ ޚާރިޖީ ސިޔާސަތު ޖަރީމާއަކަށް ހަދާފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސާއާއިމެދު އެޤައުމުގެ އެތައް ހާސް ރައްޔިތުންނެއްގެ މެދުގައި އިންތިހާއަށް ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސް ގޮޓާބަޔައަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގޮޓާބަޔަ ފުރަން ވެގެން ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރި ނަމަވެސް އެކަން މިހާތަނަށް ކާމިޔާބު ވެފައި ނުވަނީވެސް އެޤައުމުގެ ރައްޔިތުންނާއި މުވައްސަސާތަކުން އެއްބާރުލުން ނުދިނުމުންނެވެ.
ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި ގޮޓާބަޔަ އަށް ރާއްޖެއިން ވަނީ ހިމާޔަތްދީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔާފައެވެ. އޭނާއަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހަރަކާތްތެރިވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިކަމާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރައްވައި ޑރ.ޝަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޮޑު ޖަރީމާއަކަށް ހަދާފައިވާކަމަށެވެ. އަދި ވެރިކަން ހިންގަން ތިބި ރާއްޖޭގެ އިސްވެރިން ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ލަންކާގެ މުޖުރިމަކަށް ހިމާޔަތް ދީފައިކަމަށާއި، މިއީ ލަދުވެތި ކަމެއްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ރައީސް ސާލިހުވަނީ އޭނާގެ ޚާރިޖީ ސިޔާސަތު ޖަރީމާއަކަށް ހަދާފަ. މިހާރު އޭނާއާއި ގައުމުގެ ހިންގުމުގައި ތިބި އޭނާގެ އައުވާނުން އެވަނީ ހަގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ސްރީ ލަންކާގެ މުޖުރިމުންނަށް ހިމާޔަތް ދީފަ. މިއީ ލަދުވެތި ކަމެއް!
– ޑރ.ޝަހީދު ވިދާޅުވިއެވެ.
ގޮޓަބަޔަ ރާޖަޕަކްސްއަކީ ފާއިތުވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް އޭނާގެ މައްޗަށް ކުރެވިފައި އެތައް ތުހުމަތަކަށް ޖަވާބުދާރީ ވުމަށް ކޯޓުތަކަށް ހާޒިރު ކުރެވިފައި ނުވާ ފަރާތެކެވެ. މީގެ ތެރޭގައި އޭނާގެ އާއިލާއިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލްތަކުގެ ތުހުމަތަކަށްވެސް އޭނާ ޖަވާބުދާރީ ވާންޖެހިފައި ވާއިރު، ސްރީ ލަންކާގައި ވަކިވެގަތުމަށް ތަމަޅައިން ކުރި ހަނގުރާމަ ނިމުމަކަށް ގެނައިއިރު، ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ގޮޓަބަޔަގެ ޑިފެންސް މިނިސްޓަރު ކަމުގައި އިންސާނިއްޔަތާއި ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.
ރައީސް ގޮޓަބަޔައަކީ އޭނާގެ ޑިފެންސް މިނިސްޓަރު ކަމުގައި ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް އެތައް ޖަރީމާއަކަށް ޖަވާބުދާރީ ވާން ޖެހިފައިވާ ފަރާތަކަށް ވުމާއެކު، އޭނާއަށް ރާއްޖެއިން ކީހޫނު މަރުހަބާއަކީ ބައިނަލްއަގުވާމީ މަސްރަހަށް ބަލައިގަންނަން ފަސޭހަ މަރުހަބާއަކަށް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ