އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާގެ އަލަތު ދަރިފުޅުގެ މޫނު އާންމުކޮށް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
ދަރިފުޅު ދައްކާލާފައި ވަނީ އެދެމަފިރިން އިއްޔެ އާންމުކުރި ވްލޮގް އެއްގައެވެ. މީގެކުރިން ދަރިފުޅުގެ ނަން ހާމަކުރީވެސް އެއާއިލާ ޗުއްޓީއަށް ގޯއާއަށް ކުރި ދަތުރުގެ ތެރެއިން ހަދާފައިވާ ވްލޮގެއްގައެވެ. އެ ވީޑިއޯގައި ބާރްތީ ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް ކިޔަނީ ލަކްޝް ކަމަށެވެ. އަދި ދެން އެންމެ އަވަހަށް ނެރޭ ވީޑިއޯއެއްގައި ދަރިފުޅުގެ މޫނު ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.
އިއްޔެގެ ވީޑިއޯގައި ބާރްތީ ވަނީ ދަރިފުޅުގެ ކޮޓަރިއާއި އެނދާއި ކުޅޭ އެއްޗެހިވެސް ދައްކާލާފައެވެ. އެއަށްފަހު ދަރިފުޅު ރީތިކޮށް ނަލަހައްދާލާފައި އޮންނަ ތަން ދައްކާލައި ދަރިފުޅާއެކު ދެމަފިރިން ކުޅެ ސަކަރާތްޖަހާ މަންޒަރު ފެނެއެވެ. އަދި ކުރީގެ ފޮޓޯ ޝޫޓް ތަކުގެ މަންޒަރުތައް ވެސް ފެނެއެވެ.
ބާރްތީ ވިހެއުމުގެ ކުރިން ދިއައީ ރިއަލިޓީ ޓީވީ ޝޯ "ހުނަރުބާޒް"ގެ ހޯސްޓްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. ދަރިފުޅު ވިހެއުމަށްފަހު 11 ދުވަހުގެ ތެރޭގައި ބާރްތީ އަލުން މަސައްކަތައް ވަނީ ނުކުމެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ގިނަބައެއްގެ ފާޑުކިއުންވެސް އަމާޒުވިއެވެ. ބާރްތީ ވިހެއީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަދުވަހުއެވެ.
ހަރްޝް އާއި ބާރްތީ ކައިވެނި ކުރީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު ގޯއާގައެވެ. ބާރްތީ އަކީ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ވެސް ފެނިގެންދާ ފަންނާނެކެވެ.