މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުގެ އަޅުކަމަށްފަހު މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެއެވެ.
ޙައްޖުގެ އަޅުކަމަށްފަހު ދިވެހިން ރާއްޖެ އަންނަނީވެސް 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހާއި 23 އަދި 27 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެ އަންނަންފަށާނެއެވެ. މިހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިންއިންނެވެ.
ދިވެހި ޙައްޖު މިޝަނުން ވިދާޅުވީ، ރާއްޖެއިން މިފަހަރު ޙައްޖަށް ދިޔަ 453 ދިވެހިން އައްޔާމުއްތަސްރީޤުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލައުކުމަށްފަހު މިވަގުތު މައްކާގެ ދިވެހިންނަށް ޚާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާކަމަށެވެ. އަދި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަނުން ވިދާޅުވެއެވެ.
ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރައްވަމުންނެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައްދަލުކުރައްވާ، ޙާލު އޮޅުންފިލުއްވާފައެވެ.
ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުޞަތު މިއަހަރު 453 ދިވެހިންނަށް ލިބިފައިވެއެވެ. މިއީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު ކޯޓާގެ އަދަދެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.