ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަ ކޮށްލީ، އޭނާ ޖަޕާންގެ ދީނީ ޖަމާއަތަކާއި ގުޅުން ބާއްވާތީ ހިތްހަމަ ނުޖެހިންގެ ކަމުގައި، އަބޭ އަވަހާރަ ކޮށްލި ކަމަށް މިހާރު އެއްބަސްވެފައިވާ ޓެޓްސޫޔާ ޔަމަގަމީ ބުނެފައިވާކަމަށް މިހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ވިދާޅު ވެއްޖެއެވެ.
ޖަޕާންގެ ނާރާ ޕްރީފެކްޗަރގެ ފުލުހުން އަދިވެސް ގެންދަނީ އަބޭ އަވަހާރަ ކޮށްލީ ދުރާލާ ރާވައިގެންތޯ ބެލުމަށްޓަކާ މިހާދިސާއާއި ގުޅުންހުރި ހެކިތައް އެއްކުރަމުންނެވެ. އަބޭ އަވަހާރަ ކޮށްލާފައިވަނީ، މި ހަފްތާގެ އާދީއްތަ ދުވަހު އޮތް، ގާނޫނުހަދާ މަޖިލިހުގެ މަތިގޭގެ އިންތިޚާބުގައި ވާދަކުރާ އެލްޑީޕީގެ ކެނޑިޑޭޓުންނަށް އޭނާ ކެމްޕޭން ކުރައްވަން ހުންނަވަނިކޮށް ބަޑިން ހަމަލާ ދީއެވެ.
މިހާދިސާ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޓަރުން ވިދާޅުވެފައި ވާގޮތުގައި، ޔަމަގަމީ، އަބޭ އަވަހާރަ ކޮށްލާފައިވަނީ، ޔަމަގަމީގެ މަންމަ ފައިސާގެ ބޮޑު އަދަދެއް ދައްކާފައިވާ ދީނީ ގުރޫޕަކާއި އަބޭއާއި އޮންނަ ގުޅުމުގެ މައްޗަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ރުޅިވެރިކަމުގެ ސަބަބުންނެވެ.
ކުރުކޮށް "ޔުނިފިކޭޝަން ޗަރޗް" ނަމަކަށް ކިޔާ "ދަ ފެމިލީ ފެޑެރޭޝަން ފޯރ ވާރލްޑް ޕީސް އެންޑް ޔުނިފިކޭޝަންއިން" ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުން ވަނީ، ޔަމަގަމީގެ މަންމައަކީ އެ ޖަމާއަތުގެ މެމްބަރެއްކަމުގައި ބުނެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޔަމަގަމީ އެންމެ ފުރަތަމަ މަރާލަން މަސައްކަތް ކޮށްފައިވަނީ މި ގުރޫޕުގެ އެންމެ އިސް ފަރާތެވެ. އެހެންނަމަވެސް ޔަމަގަމީއަށް ގަބޫލު ކުރެވުނު ގޮތުުގައި އޭނާ މަރާލުމަކީ ފަސޭހަކަމެއް ނޫނެވެ.
ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ އަބޭ އަވަހާރަކޮށްލަން ނިންމާފައިވަނީ، މިގުރޫޕުގެ އެންމެ އިސްފަރާތާއި ގުޅުންއޮތް އޯގަނިޒޭޝަންއިން ބޭއްވި ބައްދަލުވުމަކަށް، ފާއިތުވި ސެޕްޓެމްބަރުމަހު އަބޭ ރިކޯޑް ކޮށްފައިވާ ވީޑިއޯއެއް ބެލުމަށްފަހުއެވެ. އެއަށްފަހު އޭނާއަށް ގަބޫލުކުރެވިފައިވާ ގޮތުގައި، އަބޭއަކީ މިޖަމާއަތާއި ގުޅުން އޮތް ފަރާތެކެވެ.
ޔުނިފިކޭޝަން ޗަރޗްއިން ހާމަ ކޮށްފައިވާ ގޮތުގައި ޔަމަގަމީއަކީވެސް އަދި ކުރީގެ ބޮޑުވަޒީރު އަބޭއަކީވެސް އެއްވެސް އިރަކު، އެ ޖަމާއަތުގެ މެމްބަރެއްކަމަށް ރެކޯޑުތަކުން ނުދައްކައެވެ.
ފުލުހުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، ޔަމަގަމީ، އަބޭގެ ގަޔަށް ފުރަތަމަ ވަޒަން ޖަހާފައިވަނީ އަބޭއާއި 7 މީޓަރު ދުރުގައި ހުރެގެންނެވެ. އަދި ވެނަ ވަޒަން އަމާޒު ކޮށްފައިވަނީ އަބޭއާއި 5 މީޓަރު ދުރުގައި ހުރެފަައެވެ.
ކޮމެންޓު ފޮނުވާ