ސިޔާސީ ގޮތުން ނުފޫޒުގަދަ، ކުރީގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމާއެކު މުޅި ޖަޕާން ކުއްލި ސިހުމެއްގައި!

ސިޔާސީ ގޮތުން ނުފޫޒުގަދަ، ކުރީގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމާއެކު މުޅި ޖަޕާން ކުއްލި ސިހުމެއްގައި!

Author
ހުސެއިން
10 ޖުލައި 2022 07:29
0

ޖަޕާންއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ރައްކާތެރި އެއް ގައުމުކަން އެއީ ވާންހަނާ ވާން އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެހެން ބައެއް ގައުމުތަކާއި ޚިލާފަށް، ޖަޕާންގައި އަސްލު ވަޒަން ބޭނުން ކުރެވޭ ގޮތަށް ހުންނަ ބަޑި ބޭނުން ކުރުމުގެ ހުއްދަ ހޯދުމަކީ ވަރަށްވެސް ދަތި އުދަގޫ ކެމެކެވެ. އެއީ އެކަމަށް އެތައް މަރުހަލާއެއް ކަޑައްތު ކުރާންޖެހޭ، އަދި އެތައް ދުވަހައެއް ހޭދަވާ ކަމެކެވެ.

ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެންމެ ކުރިއަރާފައި އެއްގައުމު ކަމުގައިވާ އެމެރިކާ ފަދަ ގައުމުތަކާއި ޚިލާފަށް ޖަޕާން ހިމެނިގެން ގޮސްފައިވަނީ، "ގަން ވަޔަރަލެންސް" (ބަޑި ބޭނުން ކޮށްގެން ހިންގާ ހަމަނުޖެހުން) އެންމެ މަދު އެއް ގައުމު ކަމުގައެވެ.

މިގޮތުން ބަލާއިރު، 127 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ޖަޕާންގައި ބަޑީގެ ބޭނުން ކޮށްގެން ހިންގާ ހަމަނުޖެެހުންތަކުގައި އަހަރަކު އެވްރެޖްކޮށް މަރުވާ މީހުންގެ އަދަދު އުޅެނީ 10 އަށްވުރެ ދަށުގައެވެ. ފާއިތުވެދިޔަ 2021 ވަނަ އަހަރު ޖަޕާންގައި ބަޑި ބޭނުން ކޮށްގެން 10 ހަމަނުޖެހުމެއް ހިގާފައިވާއިރު، މަރުވެފައިވަނީ އެންމެ މީހެކެވެ.

މިނިސްބަތުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު މިފަދަ ހަމަނުޖެހުންތައް ޖަޕާނުގައި މިހާދަށުގައި ހުރި މައިގަޑު އެއް ސަބަބަކީ، އާންމުން ހަތިޔާރު ގެންގުޅުމާއި ދެކޮޅަށް އެގައުމުގައި ހަދާފައިވާ އުސޫލުތައް ހަރުދަނާ ވުމާއި، އަލާފައިވާ ފިޔަވަޅުތަކުގެ ހަރުކަށި ކަމުންނެވެ.

ދުނިޔޭ އެންމެ މުއްސަދި 7 ގައުމު G7ގެ ގައުމުތަކުގެ، 2020ވަނަ އަހަރު ހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ކޮންމެ 100،000 މީހަކުން 7 މީހަކު، އާންމުން ހަތިޔާރުގެ ބޭނުން ކޮށްގެން ހިންގާފައިވާ ހަމަނުޖެހުންތަކުގައި މަރުވެފައި ވެއެވެ. އެހެންމަވެސް މި ނިސްބަތް ޖަޕާނުގައި ހުރެފައިވަނީ 0.03 ގައެވެ. މިއީ މިނިސްބަތް އެމެރިކާއާއި އަޅާބަލާއިރު ދަށުގައިހުރި އެހެން ގައުމުތަކާ އަޅާ ބަލާއިރުވެސް އާދަޔާ ޚިލާފަށް ދަށް ނިސްބަތެކެވެ.

ޖަޕާނަކީ ހަތިޔާރު ބޭނުންކޮށްގެން ހިންގާ ހަމަނުޖެހުން އެންމެ މަދު އެއް ގައުމު

ހަމަ އެފަދައިން، ދުނިޔޭގައި ސިޔާސީ ހަމަނުޖެހުންވެސް އެންމެ ދަށް، އަދި އާންމުކޮށް ހިނގާ ގޭންގު މާރާމާރީތަކާއި ވައްކަމާއި ލޫޓުވުންވެސް، ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާބަލާއިރު ޖަޕާނަކީ މަދު ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

2022 ވަނަ އަހަރު ދުނިޔޭގެ އިންސްޓީޓިއުޓް ފޯރ އިކޮނޮމިކްސް އެންޑް ޕީސް (IEP)އިން އާންމު ކޮށްފައިވާ "ދަ ވާރލްޑްސް ލީޑިން މެޝަރ އޮފް ގްލޯބަލް ޕީސްފުލްނެސް" GPI (ދުނިޔޭ އެންމެ އަމާން ތަންތަނުގެ) ރިޕޯޓުގައި އާންމުކޮށްފައިވާ، ގްލޯބަލް ޕީސް އިންޑެކްސް 2022 ގައި ހިމަނާފައިވާ އެންމެ ތަރައްގީ ވެފައިވާ އެންމެ ރައްކާތެރި 10 ގައުމުގެ ތެރޭގައި ޖަޕާން ހިމެނިފައި ވެއެވެ.

މިލިސްޓުގައި ހިމެނިގައިވާ އެހެން ގައުމުތަކުގެ ތެރޭގައި، ސިންގަޕޯރ، ޗެކް ރިޕަބްލިކް، ސްލޮވޭނިއާ، ޕޯޗުގަލް، އޮސްޓްރޭލިއާ، ޑެންމާރކު، އަޔަރލޭންޑް، ނިއުޒލޭންޑް އަދި އައިސްލޭންޑް ހިމެނެއެވެ.

އެހެންކަމުން، ޖަޕާންފަދަ، ސިޔާސީ ދެކޮޅުވެރިކަމާއި ހަމަނުޖެހުން ކުޑަ، އެކި ބާވަތުގެ ކުށްކުރުންވެސް އިންތިހާއަށް މަދު، އަދި ދުނިޔޭގަވެސް އޮތް އެންމެ ސުލްހަވެރި ގައުމުގެ ގޮތުގައި ބެލެވެމުން އައި ގައުމެއްގައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރަކު ބަޑިން ހަމަލާދީ އަވަހާރަ ކޮށްލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ޖަޕާންގެ އިތުރުން ދުނިޔެވެސް ބަލައިގެންފައެއް ނުވެއެވެ.

ޖަޕާންއަކީ މިވަގު ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި ގައުމު

 

ޝިންޒޯ އަބޭއަކީ ކާކު؟

ޖަޕާނަކީވެސް ބަރުލަމާނީ ވެރިކަމެއް އޮންނަ ގައުމަކަށް ވުމާއެކު، ދުނިޔޭގެ ބަރުލަމާނީ ވެރިކަން އޮންނަ އެހެން ގައުމުތަކެކޭ އެއްފަދައިން ޖަޕާންވެސް ވެގެން ގޮސްފައިވަނީ އަވަސް އަވަހަށް ބޮޑުވަޒީރު ބަދަލުވާ ގައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ޖަޕާނަކީ ކޮންސްޓިޓިއުޝަނަލް މޮނާކީއެއް (ގާނޫނު އަސާސީން ބާރު ލިބިދީފައިވާ ވިރާސީ ރަސްކެމެއް) އޮތް ގައުމަކަށް ވިނަމަވެސް، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޖަޕާންގައި ސިޔާސީ ގޮތުން އޮވެފައިވަނީ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެކެވެ.

މިގޮތުން ޖަޕާނުގައި އޮތް ބަރުލަމާނީ ވެރިކަމުގައި މިހާރުވެސް އޮތް އެލްޑީޕީ (ލިބަރަލް ޑިމޮކްރަޓިކް ޕާރޓީ) (LDP)އަކީ 1955 ވަނަ އަހަރު އެޕާޓީ ވުޖޫދު ވުމަށްފަހުވެސް ޖަޕާނުގައި ވެރިކަން ކުރަމުންދާ ޕާޓީއެވެ. އެހެންނަމަވެސް ޖަޕާންގައި ސިޔާސީ ގޮތުން އުފެދިފައިވާ 9 ވަރަކަށް ސިޔާސީ ޕާޓީ އޮވެފައި، މިޕާޓީތަކުން ބަރުލަމާނީ އިންތިޚާބުތަކުގައި ވާދަކުރަމުން ދާނަމަވެސް، އެލްޑީޕީ ފިޔަވާ އެކަށިގެންވާ ކާމިޔާބީއެއް މިހާތަނަށް މިއިން އެއްވެސް ޕާޓީއަކަށް އެއްވެސް އިންތިޚާބެއްގައި ހޯދިފައެއް ނުވެއެވެ.

އެހެންކަމުން ޖަޕާންގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު އައްޔަން ކުރުމަށް އަބަދުވެސް އެންމެ މުހިންމު އިންތިޚާބަކަށް ވެގެން ދަނީ، އެލްޑީޕީގެ ލީޑަރަކު އިންތިޚާބު ކުރުމަށް އެޕާޓީގެ އެތެރޭގައި ބޭއްވޭ އިންތިޚާބެވެ.

މިގޮތުން ޖަޕާންގެ މިހާރުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަކީ އެގައުމުގެ 102ވަނަ ބޮޑުވަޒީރަށް ވެގެންދާއިރު، 102 ބޮޑުވަޒީރުކަމުގެ ދައުރުގައިވެސް، ޖަޕާންގެ ތަރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީ ކުރީގެ ބޮޑވަޒީރު އަބޭއެވެ. އޭނާ ދެ ފަހަރެއްގެ މަތިން 11 އަހަރު ޖަޕާންގެ ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.

އަބޭ އެންމެ ފުރަތަމަ ޖަޕާންގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2006ވަނަ އަހަރު ސެޕްޓެމްމަހުގެ 26 ވަނަ ދުވަހު، އުމުރުން 52 އަހަރުގައެވެ. އެހެންނަމަވެސް، 52 އަހަރަށްފަހު، ޖަޕާންގެ މަތިގޭގައި އަބޭގެ އެލްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށްފަހު ސިޔާސީ މަސްރަހުގައި ހިގައިދޔަ ހަލަބޮލިކަމާއެކު، ގިނަ ބަޔަކު އުއްމީދު ކުރިގޮތާއި ޚިލާފަށް 2007ވަނަ އަަހަރުގެ އޮގަސްޓުމަހުގެ 27ވަނަ ދުވަހު އޭނާ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވެއެވެ.

އަބޭ 2014ވަނަ އަހަރު ބޭއްވުނު ޕާޓީ ކޮންވެންޝަންގައި

އެހެންނަމަވެސް އޭގެ 5 އަހަރުފަހުން ދެވަނަ ފަހަރަށް އަބޭ ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވީ 2012ވަނަ އަަހަރު، އެލްޑީޕީގެ ލީޑަރުކަމުގެ މަގާމުގައި އޭރު ހުންނެވި ސަދަކަޒު ޓަނިގަކި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، އަބޭ އެލްޑީޕީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގެންނެވުމާއި ހަމައިންނެވެ. އެފަހަރު އޭނާ އެލްޑީޕީގެ ލީޑަރުކަމަސް ވަޑައިގެންނެވީ ޕާޓީގެ އެތެރޭގެ އިންތިޚާބު 5 ކެނޑިޑޭޓަކާއި ވާދަކޮށް ކާމިޔާބު ކުރައްވައިގެންނެވެ. އެއަށްފަހު 2020 ވަނަ އަހަރާއި ހަމައަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާ، އަބޭ ވެވަޑައިގެންފައިވަނީ، ޖަޕާންގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާ ކަމުގައެވެ.

ދެފަހަރެއްގެ މަތިން ޖުމްލަ 11 އަހަރު ޖަޕާންގެ ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު އަބޭ ޖަޕާންގެ ބޮޑުވަޒީރުކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވަނީ މަގާމުގައި ދެމިހުންނެވުމަށް ސިއްޙީ ހާޅުކޮޅު ތަން ނުދޭތީކަމަށް ވިދާޅުވެއެވެ.

އަބޭއަކީ ޖަޕާންގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅެކެވެ. އަބޭގެ ކާފައަކީވެސް، އަދި މުނި ކާފައަކީވެސް ޖަޕާންގެ ބޮޑުވަޒީރުކަން ކުރެއްވި ދެ ބޭދުޅުންނެވެ. އަބޭގެ ބައްޕާފުޅަކީ، ވެރިކަންކުރާ އެލްޑީޕީގެ ނުޒޫގަދަ މަގާމެއް ކަމުގައިވާ، ޕާޓީގެ ސެކެޓްރީ ޖެނެރަލްކަން އަދާ ކުރެއްވި ބޭފުޅެކެވެ. ޖަޕާންގެ މިހާރުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކީ އަބޭގެ ކޮއްކޯފުޅެވެ.

އަބޭ އެންމެ ފުރަތަމަ ޖަޕާންގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއަަށް އިންތިޚާބުވެފައިވަނީ އުމުރުން އެންމެ 38 އަހަރުގައި، 1993 ވަނަ އަހަރުއެވެ. އަދި އެއަށްފަހު، 2000ގެ އަހަރުތަކުގައި އަބޭވަނީ ސަރުކާރުގެ ކެބިނެޓްގެ ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. 2003 ވަނަ އަހަރު، ވެރިކަން ކުރާ އެލްޑީޕީގައި އޭނާގެ ބައްޕަވެސް ފުރުއްވާފައިވާ، ނުފޫޒުގަދަ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އަބޭ ވަޑައިގެންނެވިއެވެ.

އަދި އޭގެ 4 އަހަރުފަހު އަބޭ ޕާޓީގެ ލީޑަރުކަމަށް ވަޑައިގެން، ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ތަނަވަސް ކުރެއްވިއެވެ.

އަަބޭ ރަޝިއާގެ ބޮޑުވަޒީރު ޕުޓިންއާއި ބައްދަލު ކުރައްވަނީ

 

އަބޭ އަވަހާރަ ކޮށްލުން ވެގެންދިޔައީ ބޮޑު ސިހުމަކަށް!

2020ވަނަ އަހަރު ޖަޕާންގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުވެސް އަބޭ ވެވަޑައިގެންފައިވަނީ ޖަޕާންގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ބޭފުޅަކަށެވެ. އަދި ވެރިކަން ކުރާ އެލްޑީޕީގެ އެތެރޭގެ އެންމެ ބޮޑު ފެކްޝަންގެ ލީޑަރުގެ ހައިސިއްޔަތުން، އަވަހާރަ ކޮށްލެވުމާހަމައަށްވެސް އޭނާ ހުންނެވީ ޖަޕާންގެ ސިޔާސީ މަސްރަހުގައި ބަސްވިކޭ، އިހުތިރާމް ލިބިގެންވާ، ނުފޫޒުގަދަ ބޭފެޅެއްގެ ގޮތުގައެވެ.

އަދި އޭގެ އިތުރުން އޭނާ ޖަޕާންގެ ބޮޑުވަޒީރުކަން ކުރެއްވި 11 އަަހަރުގައި، އިންގްތިސާދީގޮތުން ޖަޕާން ހޯދި އިގްތިސާދީ ކުރިއެރުމާއި، ބައިނަލް އަގުވާމީ މަސްރަހުގައި ޖަޕާންއިން އަދާ ކޮށްފައިވާ ދައުރުގެ ނަތީޖާއެއްގެ ގޮތުން އަބޭގެ އިގްތިސާދީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވަނީ "އަބެނޮމިކްސް"ގެ ނަމުންނެވެ.

އަބޭ އަވަހާރަ ކޮށްލެވުމާއެކު، ދުނިޔޭގެ ލީޑަރުންނާއި ގައުމުތަކުން މިހަމަލާ ކުށްވެރި ކުރި ކުރުމާއި، ދުނިޔޭގެ މީޑިއާއިން މި ހާދިސާއަށް ދީފައިވާ ސަމާލުކަމުންވެސް، ޖަޕާނުގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާއި ޚިލާފަށް، ބައިނަލްއަގުވާމީ މަސްރަހުން ޝިންޒޯ އަބޭ ބަލައިގެންފައިވަނީ ތަފާތު ހައިސިއްޔަތަކުންކަން ވަރަށްވެސް ރަގަޅަށްކަން ފާހަގަވެގެން ދިޔައެވެ.

އެހެންކަމުން، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަ ކޮށްލި ކޮށްލުން ވެގެން ގޮސްފައިވަނީ، ޖަޕާނުގެ އިތުރުން މުޅި ދުނިޔެއަށްވެސް ލިބިގެން ދިޔަ ކުއްލި ސިހުމަކަށެވެ. ފުން ހިތާމައަކަށެވެ. އަދި ޖަޕާންފަދަ ސުލްހަވެރި ގައުމެއްގައި، ބަޑީގެ ހަމަލާއެއްގައި ގައުމުގެ ވެރިކަން ކުރެއްވި ބޭފުޅަކު އަވަހާރަ ކޮށްލި ކޮށްލުން ވެގެން ދިޔައީ ގިނަ ބަޔަކަށް ގަބޫކުރަންވެސް ދަތިވި ކަމަކަށެވެ.

ބަޑީގެ ހަމަލާއަށްފަހި އަބޭ ވެއްޓިވަޑައިގެން: އަވަހާރަވެފައިވަނީ 4 ގަޑިއިރު ވަންދެން ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރުން ކުރި މަސައްކަތް ނާކާމިޔާބު ވުމަށްފަހު

ސަބަބަކީ 1921 ވަނަ އަހަރު، ޖަޕާނުގެ އޭރުގެ ބޮޑުވަޒީރު ހަރާ ޓަކަޝި، މީހަކު ވަޅިން ހަމަލާދީ އަވަހާރަ ކޮށްލުމަށްފަހު، ފާއިތިވެދިޔަ އެއް ގަރުނުގެ މުއްދަތުގައިވެސް ޖަޕާންގެ ވެރިއަކަށް މިފަދަ ހަމަލާއެއް އަމާޒުވެގެން ގޮސްފައި ނުވާތީއެވެ.

އެހެންކަމުން ހުރިހާ ގޮތަކުން ބެލިކަމުގައިވިނަމަވެސް، މުއްސަދި، ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ، އަދި ސިޔާސީ ގޮތުންވެސް ނުފޫޒުގަދަ، ޖަޕާނުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ރެކޯޑް އޮތް، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބަޑީގެ ހަމަލާއެއްގައި އަވަހާރަ ކޮށްލުން ވެގެން ދާނީ، ސަލާމަތާއި ރައްކާތެރިކަމާއި، އަދި އެނޫން އެތައްގޮތަކުން ޖަޕާނަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ހާދިސާއަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.