އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވަމުން ދަނިކޮށް، އިންތިޚާބީ ރައީސް ޖޯ ބައިޑްން އިންތިގާލީ އިންތިޒާމްތަކާއިގެން ކުރިޔަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
މިގޮތުން، ބައިޑްންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފްކަމުގެ މަގާމަށް އިސްކުރުމަށް ހަމަޖެހިފައިވާ ރޮން ކްލެއިން ވިދާޅުވެފައިވަނީ، ބައިޑްން-ހެރިސް ޓީމުގެ އެންމެ އިސް ސައިންޓިފިކް އެޑްވައިޒަރުން ވަނީ އަންނަ ހަފްތާހައި، އެމެރިކާގައި ކޯވިޑް19 ވެކްސިންތައް ތައްޔާރުކުރަމުންދާ ބޮޑެތި ކުންފުނިތަކާ ބައްދަލު ކުރުމަށް ހަމަޖެހިފައެވެ.
ކްލެއިން ވިދާޅުވި ގޮތުގައި ވެކްސިން އޭގެ ޒާތުގައި އިޖާދު ކުރެވިގެން ދިއުމަކީ ފުރާނަ ސަލާމަތް ކޮށްދޭ ކަމެއް ނޫންކަމުގައެވެ. އެހެންނަމެސް ފުރާނަ ސަލާމަތްވާނީ ކުންފުނިތަކުން އުފައްދާ ވެކްސިންތައް އެންމެ އެކަށީގެންވާ ގޮތުގައި ދެވިގެންނެވެ. އެހެންކަމުން އޭނާ ވިދާޅުވިގޮތުގައި މިވެކްސިންތައް އެމެރިކާގެ އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ބައިޑްންގެ ސަރުކާރަށް ކުރިމަތިވެގެން ދާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ.
ބައިޑްންގެ ކެމްޕޭން ޓީމުން ބުނެފައިވާ ގޮތުގައި މިހަފްތާގެ ހޯމަދުވަހު، އިންތިޚާބީ ރައީސް ޖޯ ބައިޑްންއާއި އަދި އިންތިޚާބީ ނާއިބް ރައީސާ ކާމަލާ ހެރިސް "އެމެރިކާގެ އިގްތިސާދު އަބުރާ އިޢާދަކުރުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ހާލަތު ރަގަޅު ކުރުން" މި މައުޟޫއަށް ބައިޑްގެ އަމިއްލަ ސްޓޭޓް ކަމަށްވާ ޑެލަވާގެ ވިލްމިންގޓަންގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އިއްޔެ ކުރެެއްވި ޓުވީޓެއްގައި ޓްރަމްޕްވަނީ ބައިޑްން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް ޓްރަމްޕް ވިދާޅުވެފައިވަނީ ބައިޑްން އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އިންތިޚާބު އޮޅުވާލައިގެން ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އޭނާ އިންތިޚާބުން ބަލިވެފައި ނުވާކަމަށާއި ކުރަންއޮތް ދަތުރު ވަރަށް ދިގުކަމުގައެވެ.
އިންތިޚާބުގެ ނަތީޖާއިން ޓްރަމްޕަށް ކުރި ހޯއްދެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާކަމަށް އެމެރިކާގެ ހުރިހާ މީޑިއާއަކުން ރިޕޯޓު ކޮށްފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުންވެސް ގެންދަވަނީ އެމެރިކާގެ އިންތިޚާބީ ރައީސަށް މަރުހަބާ ކިޔަމުންމުންނެވެ. މީގެތެރޭގައި ޗައިނާވެސް ހިމެނެއެވެ. އެހެންނަމަވެސް ރަޝިޔާއިން އަދި މިހާތަނަށް ބައިޑްއަށް މަރުހަބާ ކިޔާފައެއް ނުވެއެވެ. ރަޝިޔާއިން ބުނެފައިވަނީ އެގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރެވެންދެން އެއްވެސް ކޮޅަކަށް ފައިދާވާގޮތަށް ބަސްނުބުނެ މަޑުކޮށްލުން ކަމުގައެވެ.