އީގަލްސް އަށް ބޮސްނިޔާގެ ފޯވާޑަކާއި ބުރުކީނަ ފާސޯގެ ޑިފެންޑަރެއް

އީގަލްސް އަށް ބޮސްނިޔާގެ ފޯވާޑަކާއި ބުރުކީނަ ފާސޯގެ ޑިފެންޑަރެއް

ޔޫރަޕްގެ ލީގުތަކުގެ ތަޖުރިބާ ހުރި ބޮސްނިއާގެ ފޯވަޑެއްގެ އިތުރުން މިސްރުގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ ޑިފެންޑަރެއް، ކްލަބު އީގަލްސްއަށް ގެންނަން ނިންމައިފާވާކަން އެކުލަބުން ހާމަ ކޮށްފިއެވެ.

އީގަލްސްއިން ގެންނަން ނިންމާފައިވާ، ބޮސްނިއާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަދްނާން ބަޝިކަކީ ޔޫރަޕްގެ ލީގުތަކުގެ ތަޖުރިބާހުރި ފޯވާޑެކެވެ. ބަޝިކް ވަނީ ޔޫރަޕްގެ ބައެއް ގައުމުތަށް ކަމަށްވާ ޗެކްރިޕަބްލިކާއި ލަކްސަންބާގް އަދި ސްލޮވޭނިއާގެ ލީގުތަކަށް ކުޅެފައެވެ.

ބަޝިކް ވަނީ ބޮސްނިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އިތުރުން 18 އަހަރުން ދަށުގެ ޓީމަށްވެސް ބައެއް މެޗުތައް ކުޅެފައެވެ. ސްލޮވޭނީއާގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ޑްރޫގާ ލީގާއަށް 2016 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނު ބަޝިކް ވަނީ އޭގެ ފަހުން ލަކްސަންބާގުގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބު ކަމަށްވާ ޓައިޓަސް ޕެންޓާޖް އަދި އެފްސީ އޫނާ ސްޓްރަސަންއަށް ވެސް ކުޅެފައެވެ. މިއަހަރު ކުރީކޮޅު ބަޝިކް ކުޅެފައިވަނީ ސްލޮވޭކިއާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސްލަވޯޖަ ސެކެރާޑަކަށެވެ.

މީގެއިތުރުން ދެން ގެންނަން ނިންމާފައިވަނީ މިސްރުގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ޑިފެންޑަރު އިސްމާއީލް ޔަނޯގޯއެވެ. ޔަނޯގޯއަކީ ބުރުކީނަ ފާސޯއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޑިފެންޑަރެކެވެ.

އޭނާ ވަނީ ބުރުކީނަ ފާސޯގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ އާރްސީ ކަޑިއޯގޯގެ އިތުރުން ދުބާއީގެ ކްލަބެއް ކަމަށްވާ ރަލް އަލް ހައިމާއަށްވެސް ކުޅެފައެވެ. ޔަނޯގޯގެ ކެރިއަރުގެ ބޮޑު ބައެއްގައި އޭނާ ކުޅެފައި ވަނީ މިސްރުގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބެއް ކަމަށްވާ އަލް މަކާސާއާއި އެލް ނަސްރަށެވެ. އެންމެފަހުން އޭނާ ކުޅެފައި ވަނީ ސައުދީ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އޮރުބާއަށެވެ.

އީގަލްސްއިން ބްރެޒިލް ގޯލްކީޕަރު އަދްރޭ ރެގްލީ ވެސް ވަނީ މިހާތަނަށް އެޓީމަށް ގެނެސްފައެވެ.

ބިދޭސީ ކުޅުންތެރިންނާއެކު އީގަލްސް އިތުރަށް ވަރުގަދަކުރި އިރު އެޓީމުން ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުގައި ވާދަކުރުމަށް އަންނީ ތައްޔާރުވަމުންނެވެ. އޭއެފްސީ ކަޕް އީގަލްސް ފަށާނީ ކޮލިފައިން ޕްލޭއޯފް ބުރުންނެވެ.

ލީގުގައި އަންނަމަހު އީގަލްސްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *