ދުނިޔެއަށް އަންނަމުންދާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއެކު، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް މިހާރު ގެންދަނީ ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ވަކީން ޚާއްސަކޮށް ސްރީ ލަންކާފަދަ ގައުމުތައް މިހާރު ވެއްޓިފައިވާފަދަ އިގްތިސާދީ ފުންވަޅުގަޑަކަށް ގައުމުތަކުގެ އިގްތިސާދު ވެއްޓިގެން ދިޔަ ނުދިނުމަށްޓަކާ، ދައުލަތުގެ އާމްދަނީއާއި ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ގެންދަނީ އިގްތިސާދީ ބައެއް މުހިންމު ބަދަލުތަކެއް ގެނެސް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކާ ގައުމުގެ އިގްތިސާދީ އޮޑި ދަތުރުކުރާ މިސްރާބުވެސް ބަދަލު ކުރަމުނެވެ.
މީގެ ތެރޭގައި، ހުރިހާ އިގްތިސާދެއްގެވެސް އެންމެ ބޮޑު އަމާޒަކަށް ދައުލަތަށް އާމްދަނީ އިތުރު ކުރުން ވެގެން ގޮސްފައި ވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ބައެއް ގައުމުތަކުން އިގްތިސާދު ޑައިވާސިފައިކޮށް، އިގްތިސާދީ ވަސީކަތްތަކަށް ދަނީ އިންވެސްޓުވެސް ކުރަމުންނެވެ. އަނެއްބައި ގައުމުތަކުން ޓެކުހަށް ބަރޯސާކޮށް، ޓެކްސްގެ ބްރެކެޓަށް ބަދަލުގެނެސް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަނީ މިސްރާބު ހިފާފައެވެ.
މިގޮތުން، މިއިން ކޮންމެ ވަސީލަތެއްގެ ބޭނުން ކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތެއް ކޮންމެ ސަރުކާރަކުން ގެންގުޅުނު ނަމަވެސް، ސާފުވާން އޮތް އެއް ހަގީގަތަކީ، އަހަރުން އަހަރަށް ބޮޑުވަމުންދާ ދައުލަތުގެ ބަޖެޓާއި، މުވައްޒަފުންގެ މުސާރަތަކަށް އަންނަމުންދާ ކުރިއެރުމާއި، އަދި އޭގެ އިތުރުންވެސް ދައުލަތުގެ ބައެއް ކުންފުނިތައް ގެއްލުމުގައި ހިންގާންޖެހުމަކީ، ހަމަ ޓެކްސް ޕޭޔަރުންގެ ފައިސާއިން "ބްލީޑް" (ދައުލަތުން އަގު ދައްކަން ޖެހުން) ވުން ކަމުގައި މެނުވީ މޭރުން ކުރެވޭކަށް ނޯންނާނެއެވެ.
ފާއިތިވެދިޔަ 2019 އަދި 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް ކާރިސާގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއި، އެއަށްފަހު މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަގުރާމައާއެކު ދުނިޔޭގެ އިގްތިސާދު މިހާރު ވެއްޓިފައިވާ އަދަވަޅާއެކު، ރާއްޖޭގެ އިގްތިސާދަށްވެސް ދަނީ އޭގެ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. މިގޮތުން އިންފްލޭޝަން މަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުންވެސް މިހާރުވަނީ މީގެ ނޭދެވޭ އަސަރު ފެންނާން ފަށާފައެވެ.
މިގޮތުން އާންމު ކެއިންބުއިމަށް ބޭނުންކުރާ އެތައް ބާވަތެއްގެ އަގު %20 އާއި %30 އިން އުފުލިގެން ގޮސްފައިވާއިރު، ދަތުރުފަތުރު ކުރުމުގެ އެންމެ އަސާސީ އެއް ވަސީލަތް ކަމުގައިވާ ޓެކްސީގެ ޚިދުމަތުގެ އަގަށްވެސް މިހާރުވަނީ ބަދަލު ގެނެސްފައެވެ.
މިހުރިހާ ބަދަލުތަކާއެކު، އަހަރުން އަހަރަށް ދައުލަތުން ކުރަމުން އަންނަ ޚަަރަދުތައް ދެކޮޅު ޖެއްސުމަށްޓަކާ، ލިބޭ އާމްދަނީ އިތުރުކުރުމަށް ގޮތްތަކެއް ހޯދުމަށް ސަރުކާރަށްވެސް މަޖުބޫރުވެ އެންމެ ފަހުން މިވަނީ މިހާތަނަށް ނަގަމުން އަންނަ ޓެކުހުގެ ބައެއް ބާވަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައެވެ.
ޓެކްސްއަށް ބަދަލު ގެނައުން! ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު!
ދައުލަތަށް އުފުލަން ޖެހިފައިވާ، ޚަރަދުތައް އިތުރުވަމުން ދާދިއުމުގެ ބުރަ ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ކުރިޔަށް އޮތް 2023 ވަނަ އަހަރުން ފެށިގެން، ދައުލަތުގެ ނަގަމުން އަންނަ ޖީއެސްޓީއާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުން ނަގަމުން އަންނަ ޓިޖީއެސްޓީ ބޮޑު ކުރުމަށެވެ.
މިގޮތުން ސަރުކާރުން ނިންމާފައިވަނީ، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށެވެ.
މިކަން އިއުލާން ކުރުމަށްޓަކާ ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކުރުމުން، މިހާރުވެސް އުފުލެމުންދާ ތަކެތީގެ އަގު އިތުރަށް އުފުލިގެން ދާނެކަމަށާއި، އެހެންނަމަވެސް އިންފްލޭޝަން ބޮޑުވި ނަމަވެސް، މިނޫން ގޮތެއް ނެތްކަމަށެވެ.
އިއްޔެ ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު %6ގައި ނަގަމުންދާ ޖީއެސްޓީ %8 އަށް ބޮޑުކޮށް، %12 ގައި ނަގަމުންދާ ޓީޖީއެސްޓީ %16އަށް ބޮޑު ކުރުމުން އިންފްލޭޝަން އިތުރު %1 އުފުލިގެން ދާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންފްލޭޝަން މަތިވި ނަމަވެސް، މިހާރުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދައުލަތަށް ޓެކްސްއިން ލިބޭ އާމްދަނީ އިތުރު %6 އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމުގައެވެ.
އޭގެ މާނައަކީ ދައުލަތުން ދެމުން އަންނަ ޚިދުމަތްތަކަށް އުނިކަމެއް ނުގެނެސް، މުސާރަތައް ކުޑަނުކޮށް، ޚަރަދުތައް ދެކޮޅު ޖެއްސުމަށް ބޭނުން ވާނަމަ، ޓެކްސް ބޮޑު ކުރުން ނޫން ހައްލެއް ސަރުކާރަށް މިއަދު ފެންނާން ނެތްކަން ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުން ވަރަށްވެސް ރަގަޅަށް މޭރުންކުރެވެން އެބައޮތެވެ.
އެހެންނަމަވެސް، ޓީޖީއެސްޓީއަކީ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ދައުލަތަށް ދައްކާ ޓެކުހަކަށް ވެފައި، ޓީޖީއެސްޓީއަކީ މުދަލާއި ޚިދުމަތުން އާންމު ރައްޔިތުން ދައުލަތަށް ދައްކަމުން އަންނަ ޓެކުހެކަށް ވާއިރު، މި ދެބާވަތުގެ ޓެކުސް ބްރެކްޓެ ފުޅާވަމުން ދާދިއުން ވެގެންދާނީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިނަމަވެސް، އާންމު ރައްޔިތު މީހާގެ ޖީބަށާއި އަދި އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މެދުފަންތީގެ ވިޔަފާރިތައް ކަމަށް ބެލެވޭ ގެސްޓްހައުސްތަކާއި ސަފާރީތަކަށްވެސް ބޮޑު އަސަރެއް ކުރާނޭ ބަދަލަކަށެވެ.
އަދި އަމުދުން އިގްތިސާދީ ގޮތުން ދަތި، ތަކެތީގެ އަގުތައްވެސް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅަކާއި ދިމާކޮށް މި ދެބާވަތުގެ ޓެކްސް ބޮޑުކޮށް ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ވިސްނުމަކީ، ހަގީގަތުގައިވެސް އޭގެ ނޭދެވޭ އަސަރު އާންމު ރައްޔިޔު މީހާގެ އިގްތިސާދީ ހާލަތުން ނުރަގަޅުކޮށް ފެނިގެން ހިގައިދާނޭ ބަދަލެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ދައުލަތަށް އާމްދަނީ ހޯދޭނެ އާވަސީލަތެއް އީޖާދު ކުރުމެއް ނެތް! ޓެކްސް ބޮޑު ކުރުމަކީ އެންމެ ފަސޭހަ ހައްލު!
ކޮންމެ އަހަރެއްގެވެސް ބަޖެޓް މަޖިލީހަށް ހުށެހެޅިގެން ދާއިރު ކުރެވޭ އެންމެ ބޮޑު ޝަކުވާއަކަށް ވެގެންދަނީ، އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓް ބޮޑު ވުމުގެ ޝަކުވާތަކެވެ.
މިއުސޫލުން ދައުލަތުގެ ބަޖެޓް ބޮޑު ވެގެންދާއިރު، ފާހަގަވާން އޮތް ކަމަކީ ދައުލަތަށް އާމްދަނީ ހޯދޭނެ އާ ވަސީލަތްތަކެއް ގާއިމް ނުކުރެވި ބަޖެޓް އިންފްލޭޓް ވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ބަޖެޓް ޑެފިސިޓް ބޮޑުވެ، އަހަރު ނިމިގެން ދާއިރު، އެކަށީގެންވާ ގޮތެއްގައި ޚަރަދުތައް ދެކޮޅު ނުޖެއްސި، ހުރިހާ ދިމާލަކުން ދަރަނީގެ ނުރައްކާ ގައުމުގެ އިގްތިސާދަށް އަހަރުން އަހަރަށް ބޮޑުވެގެން ދިއުމެވެ.
މިގޮތުން، ކުރީގެ ދައުރުތަކުގައިވެސް، އަދި މިވެރިކަމުގައިވެސް އިގްތިސާދީ ސިޔާތުގެ ތެރެއިން ފެންނާއޮތް އެންމެ ބޮޑު ބަލިކަށި ކަމަކީ، މުޅި އިގްތިސާދު އެންމެ ސިނާއަތެއްގެ މައްޗަށް ބަރޯސާ ކޮށްފައި އޮންނަ އޮތުމެވެ.
ކޮންމެ އަހަރަކުވެސް ދައުލަތަށް އާމްދަނީ ހޯދެން މިއޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ދިޔަ ފެލާލައިގެންނެވެ. އޭގެ އިތުރަށް ދައުލަތަށް އާމްދަނީ ހޯދުމަށްޓާކާ ހިމަނާފައި ހުންނަ އެހެނިހެން ކަންކަންވެސް އަހަރު ނިމިގެން ދާއިރު ފެންނަނީ ތަންފީޒު ނުކުރެވި ދާތަކެވެ.
2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖީލިހަށް ހުށަހަޅުއްވާ، ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރުވެސް، ފާހަގަވާން އޮތް އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް މި ބަޖެޓުގައިވެސް ހިމަނާފައި ހުރި ގިނަ ސިޔާސަތު ތަކަކީ، ފާއިތުވެދިޔަ 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމެނުނު، ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒު ނުކުރެވިދިޔަ ކަންކަން ކަމުގައި ވެގެން ދިއުމެވެ.
2022 އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަޖިލިހަށް ހުށަހެޅުއްވި ބެޖެޓްގައި ހިމަނާފައިވާ ކަންކަމަކީ:
- ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުން
- ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުން
- ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުން
- ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން
ބަޖެޓް އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ މި ކަންކަމަށް ބަލާއިރު، މިއިން އެއްވެސް ކަމަކީ ދައުލަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ނުދާނޭ، އަދި ވިޔަފާރީގެ އާ ސިނާއަތެއްވެސް އުފަންވެގެން ދިއުމުގެ ފުރުސަތު އޮތް ކަންތައް ތަކެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ވަކީން ޚާއްސަކޮށް، އާ ޓެކްސްތައް ތައާރަފް ކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ވިސްނުމަކީ އޭގެ އަސަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށްވެސް ނުރަގަޅުކޮށް ކުރާނޭ ކަމަކަށް ވެގެން ދާއިރު، ފާއިތުވެދިޔައ އަހަރުތަކެކޭވެސް އެއްފަދައިން، އާމްދަނީ އިތުރުކުރުމުގެ ހުރިހާވެސް ވިސްނުމެއް އަދިވެސް އެނބުރެމުންދާތަން ފެންނަމުންދަނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތާއި ޓެކްސް ބްރެކެޓްގެ ވަށައިގެންނެވެ.
އާ ވިސްނުމެއް ބޭނުން!
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކާ ޓެކްސް ބްރެކެޓަށް ބަދަލު ގެނެސް، ދައުލަތުގެ އާމްދަނީއަކީ ޓެކުހަށް ބަރޯސާވާ އާމްދަނީއަކަށް ހެދުމުގެ ވިސްނުމާއި ސަރުކާރުން ދުރަށް ދާން އެބަޖެހެއެވެ. އޭގެ ބަދަލުގައި އިގްތިސާދީ އާ ސިނާއަތްތައް ވުޖޫދު ކުރެވޭތޯ މަސައްކަތް ކުރާން އެބަޖެހެއެވެ.
ދިވެހިރާއްޖެއަކީ ކަނޑު ދަތުރުފަތުރާއި ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ ބައްރުތައް ހުރަސްކޮށް ދަތުރު ކުރަމުންދާ ބޯޓު ފަހަރުތަކަށް ޚާއްސަ ޓްރާންޝިޕަންޓް ބަނދަރެއް ގާއިމް ކުރުމުގެ ވިސްނުމަކީ މިހާރުވެސް ސަރުކާރުން ގެންގުޅެން ޖެހިފައިވާ ވިސްނުމެކެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިރުން ހުޅަނގަށް ދަތުރު ކުރާ ގިނަ ބޯޓު ފަހަރުތަކުން ރާއްޖޭގެ ކަނޑުތައް ހުރަސް ކުރާންޖެހޭގޮތަށް، އުތުރުން ދެކުނަށް ވާގޮތަށް 1،000 ވަރަކަށް ކިލޯ މީޓަރަށް ފެތުރިފައި އޮތް ގައުމަކަށް ވާތީއެވެ.
މިއުސޫލުން ބަލާއިރު، ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތް ނުކޮށް ދެއަތް އުރާލައިގެން މިއަދު ތިބޭންވީ ސަބަބެއް ނެތެވެ. އޭގެ ތަހުލީލުތައް ކުރުމުގެ ވިސްނުން ސަރުކާރުތަކުން ނުގެންގުޅޭންވީ އެއްވެސް ސަބަބެއް ނެތެވެ. ނުވަތަ ދުނިޔޭގެ ބާޒާރުގައި ލިބެންހުރި ތެލުގެ ވަސީލަތްތައް ހޯދާ ބަލާ، ކުރޫޑް އޮއިލް ރިފައިން ކޮށްގެން (ތެޔޮ ސާފުކޮށްގެން)، މުޅި ގައުމުގެ ހަކަތައިގެ %70 ތެލުގެ އިމްޕޯޓަށް ބަރޯސާވެފަ އޮތް އޮތުމަށް ބަދަލު ނުގެނެވޭނެ ކަމުގައި ވިސްނާންވީ ސަބަބެއްވެސް މިއަދަކު ނެތެވެ. ސަބަބަކީ، އިގްތިސާދީ އާ ސިނާއަތުތަކާއި އާ ވަސީލަތްތައް ދުނިޔޭގެ އެހެން ގައުމުތަކުންވެސް އީޖާދު ކޮށްފައިވަނީ ހަމަ މި ބީދައިން ކަމަށް ވާތީއެވެ.
އެހެންކަމުން، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ހީނަރުމަކާއި، އަދި ގޮންޖެހުންތަކުން އަރައިގަތުމަށް، އެންމެ ފަސޭހައިން ގެނެވެން އޮތް ބަދަލު ގެނެސްގެން މިއަދު ފަރުޖައްސާލެވުނު ނަމަވެސް، މިއީ އުސޫލު ކަމުގައި ބަލައިގެންފި ނަމަ، މިނޫން ދުވަހެއް ގައުމަށް އަންނާނޭތޯ، އިގްތިސާދީ ގޮންޖެހުން ބޮޑުވެ، ދައުލަތަށް އާމްދަނީ އިތުރުކުރާ ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ނަގާ ޓެކުހަށް ބަދަލު ގެނެވިދާނެތޯ އަދި މިއީ ސިޔާސަތެއްތޯ، މި ހަތްތަހާވެސް ޖަވާބު ހޯދާންޖެހިފައިވާ ސުވާލުތަކެވެ.