ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދިވެހި ސަރުކާރުން ހިސާބު ޖައްސަވަނީ މުޅިން ގޯސްކޮށް ކަމަށާއި، ރާއްޖެ މިދަނީ ދަރަން ކަމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން އެކަން ހާމަކުރުމާއި ގުޅިގެންނެވެ. ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުގައި ރައީސް ނަޝީދުގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތީ ވެރިކަން ކުރާ މައި ޕާޓީއަކީ އެމްޑީޕީއަށް ވެފައި، އެމްޑީޕީއާއި އަދި މަޖިލިސްގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާއިވެސް މިކަމުގެ މަޝްވަރާ ނުކުރުމެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި ދަރަނި ރީ ސްޓްރަކްޗަރ ކޮށްފަ ޚަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑު ކުރާކަށް ނުޖެހޭނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިދަރަޖައަށް ޤައުމުގެ ކަންކަން ބޮއްސުންލައިގެން މިދަނީ ރައީސުލްޖުްހޫރިއްޔާ މިކަންކަން ބައްލަވަން ޖެހޭވަރަށް ނުބައްލަވާތީކަމަށެވެ.
ސަރުކާރުން އަޅުގަނޑުމެންނާއި އެއްވެސް މަޝްވަރާއެއް ނުކޮށް ޓެކްސް ބޮޑުކުރަން ނިންމެވީ. އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ މަޖިލިސް މެމްބަރެއް. އަޅުގަނޑަށް ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭނެ. ދިމަލެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާ މިކަންކަން ވަރަށް ގާތުން ނުބައްލަވާތީ މިހެން މިވަނީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހެދުނު ގޯސްތައް އަލުން ރަނގަޅު ކުރުމަށްޓަކައި އަދިވެސް ވަގުތު އެބައޮތްކަމަށެވެ. ސަރުކާރުން ޕާޓީއާއި މަޝްވަރާކޮށް މިކަމުގައި ކުރިއަށްދާންވީ ގޮތެއް އަވަހަށް ކަނޑައަޅުން ބުއްދިވެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވ.
މިރާއްޖެ މިދަނީ ދަރާން. ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް ޕާޓީއާއި މަޝްވަރާ ކުރަން ފައްޓަވާ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ނުކޮށްފިނަމަ އަޅުގަނޑުމެންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ.
އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރު ރާއްޖޭގެ އިޤްތިޞާދު 13 އިންސައްތައާއި 16 އިންސައްތައާ ދެމެދުން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަކީ ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް އިއާދަވަމުންދާ އިޤްތިޞާދުގެ އިތުރުން، އޭޝީއާގެ ޤައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކޯވިޑްގެ ތެރޭގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ހާސިލުކުރެވެމުންދާ ކާމިޔާބީއެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.