ޚަރަދު ކުޑަކުރިޔަސް، މުސާރަ ކުޑަކުރުމުގެ ވިސްނުމެއްނެތް: އަމީރު

ޚަރަދު ކުޑަކުރިޔަސް، މުސާރަ ކުޑަކުރުމުގެ ވިސްނުމެއްނެތް: އަމީރު

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2022 06:17
0

ދުނިޔޭގެ ބާޒާރުގައި ބެލުގެ އަގު އުފުލި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާ މިދަނޑިވަޅުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާ، ނަމަވެސް މުސާރަތައް ކުޑަކުރަން ނުވިސްނާ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަރަދު ގާތްގަނޑަކަށް 6 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ ކޯވިޑްގެ ހާލަތާ ގުޅިގެން އިޤްތިޞާދީގޮތުން ދިމާވި ދަތި ޙާލަތުގައިވެސް ސަރުކާރުން ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. އެދަނޑިވަޅުގައިވެސް މުސާރަ ކުޑަކޮށްފައިވަނީ ހަމައެކަނި ސިޔާސީ މުވައްޒަފުންގެކަން ފާހަކުރަމުން އަމީރު ވިދާޅުވީ ސަރުކާރުން ޚަރަދުކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބެލިނަމަވެސް ރިކަރަންޓް ހަރަދުން 22 ޕަސެންޓް ކުޑަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ ގިނަ ނަމްބަރުތަކެއް ވިދާޅުވެ ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންދާޒާ ކުރި ވަރަށް ވުރެ ވެސް ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ޗައިނާއިން ޓޫރިސްޓުން ނައި ނަމަވެސް ޓޫރިސްޓު އެރައިވަލް 2019 އާ އެއްވަރެއްގައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.