ނުރައްކާތެރި އެކްސިޑެންތަކުގައި ސިކުންތު ކޮޅެއްގެ ތެރޭ މުޅި ހަޔާތް ބަރުބާދު ވެދޭ! ސަމާލުވޭ!

ނުރައްކާތެރި އެކްސިޑެންތަކުގައި ސިކުންތު ކޮޅެއްގެ ތެރޭ މުޅި ހަޔާތް ބަރުބާދު ވެދޭ! ސަމާލުވޭ!

Author
ހުސެއިން
05 ޖުލައި 2022 09:38
0

އިއްޔެ ވެގެން ދާނީ އަނެއްކާވެސް ގިނަ ބަޔަކަށް ސިހުން ގެނުވި ދުވަހަކަށެވެ. މާލޭގައި ހިގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި 6 މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، 3 މީހެއްގެ ހާލު ސީރިއަސްވެ، އޭގެ ތެރެއިން އެކަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ.

އިއްޔެގެ އިރު އޮއްސުނު ވަގުތަކީ ތުނިކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެއް ނަމަވެސް، އެވަގުތަކީ އާންމު އުސޫލުން މާލޭގެ ވަށައިގެން އޮންނަ ބޮޑު މަގުގައި ކާރޫބާރޫ ބޮޑު ގަޑިއެކެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްދޭ ބަސްތަކާއި، ދުވާ މީހުންނާއި، އަދި އޭގެ އިތުރުން ހަވީރު ފިންޏަށް ވާރޭ ތެރޭގައިވެސް ދުއްވާލަން މާލޭގެ ވަށައިގެން އޮންނަ ބޮޑު މަގަށް ނުކުމެ އުޅުނު ކާރުތަކާއި ސައިކަލްތައް ގިނަ ވަގުތެކެވެ.

މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގަކީ މަގުގެ ދެކުނު ފަރާތުން ތާރައަޅާފައި އޮންނަ ސަރަހައްދަކަށް ވުމާއެކު، މި ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައިދާ އެއްގަމު އުޅަދުތަކަށް ވާރޭ ވެހޭ ދުވަސްތައް އާންމު ގޮތެއްގައި ވަނީ އުދަގޫ ދުވަހަކަށެވެ.

މިގޮތުން އިއްޔެގެ އިރު އޮއްސެމުންދިޔަ ވަގުތަކީ ތުނިކޮށް ވާރޭވެހި މަގުތަކުގައި ފެން ހެދިފައިވާ ވަގުތަކަށް ވުމާއެކު، ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ބައެއް އުޅަނދުތަކަށް އިއްޔެގެ އެވަގުތު ހަގީގަތުގައިވެސް ވެގެންދިޔައީ ނުރައްކާތެރި، އެހާމެ ހިތާމަވެރި ވަގުތުކޮޅަކަށެވެ.

ހަވީރު އިރު އޮއްސުނު ގަޑީގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް މުޑިއަރާ އެކްސިޑެންޓްވެ، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް، ކާރުގައި ތިބި 4 މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.

ޜޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކަކު ވަނީ ނިޔާވެފައި

މި އެކްސިޑެންޓް ހިނގާފައިވަނީ، އިއްޔެގެ އިރު އޮއްސެމުން ދަނިކޮށް ބަހަކާއި ކާރެއް މުޑި އަރައިގެންނެވެ. މިއެކްސިޑެންޓުގައި އެކްސިޑެންޓްވި ބަހަށްވެސް ބޮޑެތި ގެެލުންތަކެއް ލިބިފައި ވާއިރު އެކްސިޑެންޓްވި ކާރު އޮތީ ފުނޑުފުނޑު ވެފައެވެ.

މިހާރު އާންމު ވެފައިވާ މި އެކްސިޑެންޓުގެ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި މިކާރާއި އެމްޓީސީސީގެ ބަސް އެކްސިޑެންޓް ވެފައިވަނީ އެކުވެނި ޓްރެކް ސަރަހައްދު ބޭރުން ދުއްވާފައި ދަނިކޮށެވެ. އެމްޓީސީގެ ބޮޑު ބަހުގެ ކުރިން ބާރު ސްޕީޑުގައި ދުއްވާފައި އައި ރަތްކުލައިގެ މިކާރު ބެލެވޭ ގޮތުގައި ބުރަކި ޖައްސާފައިވަނީ، ކުރިމަތިން މަގުގެ ޓްރެކާވީ ފަޅިން ދުވަން ނިކުމެތިބި ދެމީހަކާ ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް އޭގެ މިސްރާބު ބަދަލު ކޮށްލުމުގެ ބޭނުމުގައެވެ.

އެހެންނަމަވެސް ކަން ދިމާކުރި ގޮތުން، ކާރުގެ ބުރަކި ޖެއްސުމާއެކު، ބާރު ސްޕީޑުގައި ދުއްވަމުން އައި މިހާރުވަނީ ކޮންޓްރޯލުން ނެއްޓި، ފެން ހެދިފައި އޮތް މަގުން ކައްސާލައިގެން ގޮސް 50 ވަރަކަށް މީޓަރު ދުރުން ދުއްވާފައި އައި، އެމްޓީސީސީގެ ބަހާއި މުޑި އަރާފައެވެ.

އަދި ބަހުގެ ކުރީ ކޮޅުގައި ކާރު ޖެހުމަށްފަހު 10 ވަރަކަށް ފޫޓު ދުރަށް ކާރު ވިއްސައިގެން ގޮސްފައިވެސް ވެއެވެ. މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދަނީ 4 މީހަކަށެވެ. އެތިން މީހުންގެ ހާލުވެސް ސީރިއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.

 

އެންމެންގެ ރައްކާތެރި ކަމަށްޓަކާ، ދުއްވުމުގައި ސަމާލު ވާންޖެހޭ!

މާލެއަކީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ އަދަދުގެ ގިނަކަމާއި، ދުއްވާ އުޅަދުފަހަރުގެ އަދަދުވެސް އިންތިހާއަށް ގިނަވެ، ހުރިހާ ގޮތަކުންވެސް ތޮށްޖެހިފައިވާ ސިޓީއެކެވެ.

އަދި މާލެއަށް ވެހިކަލްތައް އެތެރެ ކުރުމުގައި އަދިވެސް މާބޮޑު ކޮންޓްރޯލެއް ނެތުމާއެކު، ސައިޒުގެ ގޮތުން ކުޑަ ނަމަވެސް، ދަތުރު ފަތުރު ކުރުމުގައި މާލޭ ސިޓީގައި ސައިކަލާއި ކާރުގެ ބޭނުން ކުރުމަކީ އެންމެ އާންމު ވަސީލަތްކަމަަށްވެ، މާލޭގެ ދަތުރުފަތުރުގެ ވަސީލަތް ވެގެން ގޮސްފައިވަނީ އެންމެންގެވެސް ދިރުއުޅުމާއި، ރައްކާތެރިކަމާ ގުޅި ލާމެހިގެން ގޮސްފައިވާ ކަމަކަށެވެ.

އޭގެ އިތުރުން ރައީސް ޔާމިންގެ ދައުރުގައި މާލެއާއި ހުޅުމާލެއާ ގުޅުވާލުމުގެ ގޮތުން ބިނާ ކޮށްފައިވާ ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރުތަކަށް ހުޅުވާލުމަށްފަހު، ބްރިޖްމަީިގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުންވެސް ފާއިތުވެދި 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަނީ ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައެވެ.

މިގޮތުން ބްރިޖު މަތީގައި ފާއިތުވެދިޔަ ތަނުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި މީހެއްގެ ފުރާނަ ގެއްލިގެން ގޮސްފައި ނުވިނަމަވެސް، މިފަދަ ބައެއް އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. މިގޮތުން ލިބިފައިވާ އަނިޔާތަކުގައި މުޅި ހަޔާތައް އޭގެ އަސަރުކުރާވަރުގެ ބޮޑެތި އަނިޔާތައްވެސް މީހުންނަށް ލިބި، މުދަލަށްވެސް ބޮޑެތި ގެއްލުންތައް ފާއިތުވެދިޔަ ތަނުގައި ލިބިގެން ގޮސްފައި އެބަހުއްޓެވެ.

ބުރިޖުމަތީ ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވިނަމަވެސް, ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިގަމުން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2020ވަނަ އަހަރު އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އެއަހަރު އެކަނިވެސް މަގުމަތީ އެކްސިޑެންޓް ތަކުގައި 9 މީހުން މަރުވެފައިވެއެވެ. މިއީ އެއަހަރު ރާއްޖޭގައި މަރުވެފައިވާ މީހުންގެ %0.75 ނަމަވެސް، ދިވެހިރާއްޖޭގެ ނިސްބަތުން، އަހަރަކު މަގުމަތީގެ އެކްސިޑެންޓްތަކުގައި 9 މީހުން މަރުވުމަކީ ހަގީގަތުގައިވެސް މަތީ އަދަދެއް ކަމުގައި ދަންނަވާން ޖެހެއެވެ. ސަބަބަކީ ރާއްޖޭއަކީ ބޮޑެތި ހައިވޭތައް ހުރި ގައުމަކަށް ނުވެފައި، ދުރު ދަތުރުތައް ކުރާންޖެހޭ، ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް ނުވުމެވެ.

 

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަނީ މަގުމަތީ އެކްސިޑެންޓް ތަކުގައި!

މަގުމަތީ އެކްސިޑެންޓްތަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން މަރުވާ އެއް ސަބަބެވެ. މިގޮތުން، ހިސާބުތައް ދައްކާ ގޮތުން، މަގުމަތީގެ އެކްސިޑެންޓްތަކުގައި އަހަރަކު 1.35 މިލިއަން މީހުން މަރުވާއިރު، އިތުރު އެތައް މިލިއަން މީހުންނަށް މި އެކްސިޑެންޓްތަކުގައި އަނިޔާ ވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި މީހުން މަރުވަމުންދާ ރޭޓަށް ބަލާއިރު، ކޮންމެ 24 ސިކުންތަކުން މަގުމަތީ އެކްސިޑެންޓެއްގައި މީހަކު މަރުވެއެވެ.

އަދި މިފަދަ އެކްސިޑެންޓްތަކުގައި އެންމެ ބޮޑަށް އަސަރު ކުރަނީ ފަގީރު އަދި ތަރައްގީވެފައި ނުވާ ގައުމުތަކަށެވެ. އަދި އެންމެ ގިނައިން މަރުވަނީ ޒުވާން އުމުރުގެ މީހުންނެވެ. ނަތިޖާއެއްގެ ގޮތުން، މަގުމަތީގެ އެކްސިޑެންޓްތައް ފާހަގަ ކުރެވިފައިވަނީ، އަންނަން އޮތް ޖީލުތަކަށް ކުރިމަތިވަފައިވާ ވަރަށްވެސް ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.

އެހެންކަމުން މަގުމަތީގެ އެކްސިޑެންޓްތަކަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ، އޭގެއިން ރައްކާތެރިވެވިދާނެ، ބޮޑު މަސަލައެއްގެ ގޮތުގައި ފާހަގަ ވެގެން ދާއިރު، މިއީ ރާއްޖެފަދަ ސައިޒުގެ ގޮތުން ކުޑަ، އަދި ކުޑަ އާބާދީއެއް އޮތް ގައުމަކަށް ހައްލު ހޯދިދާނެ މައްސަލައެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މަގުމަތީ އެކްސިޑެންޓްތަކުގައި ދުނިޔޭގައި މީހުން މަރުވާ ނިސްބަތް ދައްކުވައިދޭ ޗާޓެއް

ސަބަބަކީ ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުކަމަށް ވެފައި، ދުއްވާ އެއްގަމު އުޅަނދުފަހަރު، ދިގު ރާސްތާތައް ކަޑައްތު ކުރަން ނުޖެހުމާއެކު، މަގުމަތީގެ ހޭލުންތެރިކަން އިތުރުކޮށް، އެކަކު އަނެކެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓާ، ރައްކާތެރިކަމާއެކު ދުއްވުމަށް ސަމާލުކަން ދީފިނަމަ، މިފަދަ ކާރިސާތައް ކުރިމަތިވެގެން ދިޔަ ނުދިނުމަކީ ރާއްޖެފަދަ ކުޑަ ގައުމަށް ދާދި ފަސޭހަކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.