ރާއްޖޭއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކުރެވުނު އިސްލާހީ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރެއްވި، އަދި އެމްޑީޕީ އުފެއްދެމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވި، މަޝްހޫރު ގޯގޯ ލަތީފް އަވަހާރަ ވެއްޖެއެވެ.
2008ވަނަ އަހަރުގެ ކުރިން، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ގޯގޯލަތީފެވެ. މިގޮތުން، ރައްޖޭގެ އެންމެ ދުވަސްވީ ޕާޓީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވީވެސް އޭނާއެވެ. އޭރު އޭނާ އެމަސައްކަތް ކުރައްވާފައިވަނީ ސްރީ ލަންކާގައި ހުންނަވައިގެންނެވެ.
އަދި 2003 ވަނަ އަހަރު އެމްޑީޕީ ރާއްޖެއިން ބޭރުގައި އުފެއްދުމަށްފަހު، ރައީސް މައުމޫނުގެ ވެރިކަމުގައި ހިގައިދިޔަ އިންސާނިއްޔަތާއި ޚިލާފް އެތައްކަމެއް ބޭރު ދުނިޔެއާއި ހަމައަށް ގެނެސްދިނުމަށް ގޯގޯ ލަތީފް ވަނީ އޭރު އިސް ދައުރެއް އަދާ ކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ފަހު ދުވަސް ކޮޅުގައި ހިގައިދިޔަ އިވާން ނަސީމްގެ މަރުގެ ހާދިސާއަށްފަހު، ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި އޭނާ އަދާކުރައްވާފައިވާ ދައުރެވެ.

ގޯގޯ ލަތީފްވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިއުމަން ރައިޓްސް އެމްސެބެޑަރުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
ނަޝީދުގެ ވެރިކަން ވެއްޓި ދިއުމަށްފަހު ހިގައިދިޔަ މުޒާހިރާތަކުގައި މަގުމަތީގެ ބައެއް ހަރަކާތްތަކުން އޭނާ ފެނިފައިވި ނަމަވެސް، ފަހަކަށް އައިސް ސިޔާސީ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.
ފަހަކަށް އައިސް ދިގު މުއްދަތަކަށް އޭނާ ދިރިއުޅުއްވާފައި ވަނީ ސްރީ ލަންކާގައެވެ. ގޯގޯ ލަތީފަކީ ގދ. ތިނަދުއަށް އުފަން ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ