ބޮލީވުޑްގައި ލޯބިވެރިންގެ ގޮތުގައި މިހާރު އެންމެ ބާރަށް އަޑުފެތުރޭ އެކްޓަރ ޓައިގާ ޝްރޮފް އާއި ދިޝާ ޕާޓްނީ ރާއްޖޭގައި ޗުއްޓީހޭދަކުރަނީ އެކުގައި ކަން ޔަޤީންވެއްޖެއެވެ.
މިކަން ޔަޤީންކުރެވިފައި މިވަނީ ދިޝާ އިއްޔެ އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯއިންނެވެ. ރަތްކުލައިގެ ބިކިނީގައި ދޮންވެލި ގޮނޑު ދޮށުގައި ހިނގާފައި ދާ ފޮޓޯއެއް އޭނާގެ ފުރަގަހުން ނަގާފައި އިން އިރު، ފޮޓޯގެ ބެކްގްރައުންޑުން ފެންނަނީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގެ ލައިޓް ހައުސް އެވެ. ޓައިގާ ވެސް ޗުއްޓީ ހޭދަކުރަނީ އެ ރިސޯޓުގައެވެ. މިކަން ޓައިގާގެ އިންސްޓަގްރާމުން އެނގެއެވެ.
މި ދެތަރިން ނަކީ ދެ ލޯބިވެރިންކަމަށް ބޮލީވުޑުގައި ދެކެވޭ ވާހަކަ ދެ ތަރިން އަބަދުވެސް ގެންދަނީ ދޮގު ކުރަމުން ނެވެ. އަދި ރާއްޖެއަށް އެކުއެކީ ޗުއްޓީ ހޭދަކުރަން އައިސްވެސް އުޅެނީ އެކުގައި ކަން އެނގުނަ ނުދޭން ދެތަރިން އެކީ ފެންނަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާއަށް އަދި ނުލައެވެ.
މުނިފޫހި ފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުންވެސް މި ދެތަރިން އެކުގައި ޗުއްޓީ ހޭދަކުރާކަމަށް މީގެކުރިން އައީ ޝައްކު ކުރަމުންނެވެ. އެއީ ރާއްޖެއަށް މި ދެތަރިން ފުރި ދުވަހު މުމްބާއީ އެއަރޕޯޓް ތެރޭން ދެތަރިން ފެނިފައި ވާތީއެވެ. ނަމަވެސް އޭރު އަދި މި ދެތަރިން ދަނީ ކޮންތާކަށް ކަމެއްވެސް އެކަކަށްވެސް ނޭނގެއެވެ.
ޓައިގާ ރާއްޖެ އައިކަން އެނގުނީ އޭނާ ރާއްޖެ އައިސް ބުދަ ދުވަހު އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯ އިންނެވެ. އޭގެ ފަހުން ގިނަ ފޮޓޯއާއި ވީޑިއޯ އިންސްޓަގްރާމް މެދުވެރިކޮށް ޓައިގާގެންދިޔައީ ހިއްސާކުރަމުންނެވެ. ނަމަވެސް ޑިޝާ މާގިނަ ފޮޓޯއެއް އާންމެއް ނުކުރެއެވެ. ގިނައިން ލާފައި ހުރީ އިންސްޓަގްރާމްގެ ސްޓޯރީތަކެވެ. ނަމަވެސް ދިޝާ އިންސްޓަގްރާމަށް ދޫކޮށްލި ރާއްޖޭގެ ހަމައެކަނި ޕޯސްޓުންވެސް ދެތަރިން ޗުއްޓީ ހޭދަކުރަމުން ގެންދަނީ އެކުގައި ކަން މިވަނީ ޔަޤީންވެފައެވެ.
ދިވެހި ގިނަ އަންހެން ކުދިންގެ ވެސް ހިތްތައް ފަތަހަކުރަމުންދާ ޓައިގާ، އޭނާގެ ލޯބިވެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ދިޝާ އާއި އެކު ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ދެތަރިން މީގެ ކުރިންވެސް އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރިއެވެ. ނަމަވެސް މިފަހަރު ޓައިގާގެ ކޮއްކޮ ކްރިޝްނާ ޝްރޮފް ވެސް ވަނީ ރާއްޖެއިން މި ދެތަރިންނާ ބައްދަލު ކޮށްފައެވެ.
ދިޝާ އާއި ޓައިގާ އެންމެ ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު ބާގީ-2 ގެ ސެޓުންނެވެ. އެއަށްފަހު މިއުޒިކް ވީޑިއޯ ބޭފިކްރާ އިން ވެސް ފޭނުންގެ ހިތްތައް ދެތަރިން ވަނީ އަތުލާފައެވެ.