ގޯއްޗަށް ކުރިމަތިލާ މީހުންނަށް އެހީވުމަށް ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިގަންނަވައިފި

ގޯއްޗަށް ކުރިމަތިލާ މީހުންނަށް އެހީވުމަށް ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިގަންނަވައިފި

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 12:26
0

ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް މާލެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިގަންނަވައިފިއެވެ. ސަރުކާރުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ގުޅޭގޮތުން މީގެ ކުރިންވެސް މޭޔަރު ވަނީ މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

މިކަމާއި ގުޅިގެން ބުދަ ދުވަހުގެ ޖަލްސާގައި މޭޔަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތަކީ 4 ވަނަ ދައުރުގެ ކައުންސިލްގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންގެ ޙައްޤުގަ ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި، އެގޮތުން ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްދެއްވުމަށް ފުރަތަމަ ދުވަހުވެސް ވާނީ ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައި ކަމަށެވެ.

 ގުޅީފަޅުގައި ޕޯރޓް ހަދަންއޮތް ޖާގަ ދޫކޮށްފަ ބާކީ އޮތް ޖާގަ ހިއްކެވީމާ 200 ހެކްޓަރުވަރުގެ ޖާގަ ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ލިބޭނެ ކަމަށް ވާނީ ދަންނަވާފަ. މަދުވެގެން 30 ހަކަށް ހާސް ރައްޔިތުންނަށް އެތަނުން ގޯތި ދެވޭނެ ކަމަށް ވާނީ ދެންނެވިފަ.

– މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއިއެކީގައ މިކަން ކުރިއަށް ގެންދިއުމަށް ފުރަތަމަދުވަހުން ފެށިގެން މިއަދާއި ހަމަޔަށްވެސް އެކިގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުމާލެއިން ގޯތި ދޫކުރާނަމަ ކައުންސިލްގެ އިހްތިސާސް ހިމެނޭ ސަރަޙައްދެއްކަމުން ކައުންސިލް އެކަމުގައި ބައިވެރިކުރަން ދަންނަވާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

 ބޯހިޔާވަހިކަމަށް އެންމެ އައުލާކަންބޮޑު ފަރާތްތައް ހޮވުމުގަ އެކަން އެންމެ ރަނގަޅަށް ދެނެގަންނަން ފަސޭހަ ވާނީ އެތަނެއްގެ ކައުންސިލަށް ކަމަށްވާތީ އެހެން އެދުނިން. އެހެން ނަމަވެސް އެކަމުގައިވެސް އެއްވެސް ކަހަލަ ބައިވެރިވުމެއް އަދި ނުދޭ، ކައުންސިލަކަށް ފުރުޞަތެއްނުދޭ.

– މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

އަތޮޅު ތެރެއެކޭ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ދޭންވާނީ ހިލޭކަމުގައި ދެންނެވިފައިވާކަމަށާއި، މިހާރު ސަރުކާރުގެ ވިސްނުން އެގޮތަށް ބަދަލުވެފައިވާކަމީ މި ކައުންސިލުން މާލޭގެ ރައްޔިތުންގެ ޙައްޤުގައި ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކައުންސިލްގެ 58 ވަނަ ޖަލްސާގައި މާލޭގެ އެކި ދާއިރާތަކުގެ ކައުންސިލަރުންގެ އަރިހުން މޭޔަރު އެދިވަޑައިންނެވީ އެކި ދާއިރާތަކުގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވާ ނިކަމެތިން ދެނެގަނެ ބޯހިޔާވަހިކަމަށް ސަރުކާރުން މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެފަރާތްތަކަށް ހިތްވަރުދެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.