ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އަލުން އިސްލާޙުކުރަން ޖެހޭކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރާކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލެވޭ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ. އީވާ ވިދާޅުވީ، ޤާނޫނު އަސާސީއަށް ގިނަ އިޞްލާހުތަކެއް ގެންނަންޖެހޭކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއަށް އިސްލާހު ގެނަންޖެހޭކަމުގެ މަޝްވަރާތަށް ސިޔާސީ ޕާޓީތަކާއި މަޖިލީހުގައިވެސްކުރާކަމަށެވެ. އަދި އެކަމަނާ ވަޑައިގަންނަވާ ކަސްރަތު ކްލާހާއި ޔޯގާ ކްލާހުގެ ބައިވެރިންވެސް އެކަމާ މަޝްވަރާކުރާކަމަށް އީވާ ވިދާޅުވިއެވެ.
އަދި ސައި ހޮޓަތަކުގައިވެސް މަޝްވަރާކުރޭ، އަޅުގަނޑުދާ ކަސްރަތު ކްލާހާ ޔޯގާ ކްލާހުގައިވެސް މި މަޝްވަރާ އެބަކުރޭ އިއްޒަތްތެރި ރައީސް.
– އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އެންމެ ބޮޑު ބަދަލަކީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުންކަމަށެވެ. އެކަމަކީ އެމްޑީޕީގެ ރައީސްވެސް އެންމެ ބޭނުންފުޅުވާ އިޞްލާހުކަމަށާއި، އެކަން އެއްވެސް މީހަކަށް އޮޅިފައިނުވާކަމަށެވެ.
އީވާ މިހެން ވިދާޅުވެފައިވާއިރު، ޤާނޫނު އަސާސީއަށް އިޞްލާހު ގެނެސްގެން ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ޖޭއެސްސީ އިޞްލާހުކުރުމަށް ސަރުކާރުގެ ފަރާތުންވެސް ބިލެއް ހުށައަޅަން ނިންމާފައިވާއިރު، އޭޖީ އޮފީހުން ވަނީ އެ ބިލު ރައީސް އޮފީހަށް ހުށައަޅުއްވާފައެވެ.
ޓޮމް ހުށަހެޅުއްވި ބިލުގައި އޮތް ގޮތުން، ޖޭއެސްސީގައި ސިޔާސީ ހަތަރު ބޭފުޅުންނެއް ނުތިއްބަވާނެއެވެ. އޭގައިވާ ގޮތުން، ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.
މިބަލަށް މީގެ ކުރިން މަޖިލީހުގައި މެމްބަރުން ދެއްކެވިވާހަތަކަށް ބަލައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ ދައުލަތުގެ އެއްބާރު ކަމަށްވެފައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ ނިޒާމުގެ އުނި ކަމެއް ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުން ކަމުގައިވާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލްވާން ތިބުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެއްވިއެވެ. ބަންޑާރަ ނައިބާއި އެކު ރައީސްގެ މެންބަރަކު ވެސް އިންނަވާނަމަ، އެ ކޮމިޝަންގައި ރައީސްގެ ދެ މެންބަރަކު ތިއްބަވާ ކަމަށް ބެލެވެން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވެ އިތުރު މެންބަރަކު އިންނަވަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ