ދައުލަތުގެ ރިޒާވާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރ އަމީރު ދެއްވި ޖަވާބަކީ ޒިންދާރުކަން ކުޑަ ޖަވާބަކަށްވުމުން ސިޓީގެ ޖަވާބު ރަނގަޅުކޮށް މަޖިލީހަށް އަލުން ފިނުވުމަށް މަޖިލިސް ރައީސް އަންގައިފިއެވެ.
އަސާސީ މުދާ ގަންނަން ބޭނުންވާ ކިހާ ދުވަހެއްގެ ފައިސާ ދައުލަތުގެ ރިޒާވްގައި ހުރިތޯ ޔަގީންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވި ސުވާލަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ލިޔުމުން އަމީރު ފޮނުއްވި ޖަވާބުގައި ބުނެފައިވަނީ ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް މެނޭޖުކުރުން ގާނޫނީ ގޮތުން ހަވާލުވެފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ކަމަށެވެ. ދައުލަތުގެ ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓާ އަންދާޒާތައް ތައްޔާރުކުރުމަކީވެސް އެމްއެމްއޭގެ ކަމެއް ކަމަށާއި ސަރުކާރަށް ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވްގެ އަދަދަކީ ވެސް އެމްއެމްއޭ އިން މިހާރު ހާމަކުރާ އަދަދެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްއޭ އިން ލިބެން ހުރި މައުލޫމާތު ކަމަށް ވިދާޅުވެ ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ލިބެން ހުރި މައުލޫމާތަށް ބަލައި އަންދާޒާ ކުރެވޭ ގޮތުން ކުރިއަށް އޮތް ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓް ގާތްގަނޑަކަށް ފަސް މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒާވް ހުންނާނެ ކަމަށެވެ. އަމީރު ވަނީ މިސުވާލުގެ ޖަވާބު އެމްއެމްއެމްއޭއިން ހޯއްދެވުމަށް ދަންނަވާފައެވެ.
އަމީރުގެ ޖަވާބާއިމެދު ހިންތަމަ ނުޖެހި މަޖިލިސް ރައީސް ވިދާޅުވީ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގައި، ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާތަކާއި، އެވުޒާރތާތަކުގެ މަސައްކަތްތައް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވަކަމަށެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެންމެ ފަހުން 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވަނީ 22 ފެބުރުއަރީ 2019 ގައި ކަމަށެވެ. އެދުވަހު ފާސްކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ މަސައްކަތް ތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔާއާއި ބެހޭ ކަންކަމާއި، ދައުލަތުގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި، ދައުލަތުގެ އާމްދަނީއާއި، ޚަރަދާއި ދަރަންޏާއި ބެހޭ ކަންކަން، ބޭރުގެ އެހީއާއި ލޯނު ހޯދުމާއި ގުޅޭ ކަންކަމުގެ އިތުރުން މާލީ ގިނަ ކަންކަން ފިނޭންސް މިނިސްޓްރީއާއި ހަވާލު ވެފައިވާކަމަށެވެ.
އިއްޒަތްތެރި ވަޒީރުގެ ޖަވާބުގައި އަޅުގަނޑު ދެކޭ ގޮތުގައި މީގައި އުނިކަމެއް އެބަވޭ. އިއްޒަތްތެރި ވަޒީރަކަށް ވިދާޅެއް ނުވެވޭނެ މާލީކަންކަން އެއީ އިއްޒަތްތެރި ވަޒީރާއި ހަވާލުވެފައި ނުވާ ކަންކަން ކަމުގައި. ގަލޮޅު އުތުރު ދާއިރާގެ މެބަރުގެ ސުވާލު ސީދާ މިދެންނެވި ކަންކަމަށް ނިސްބަތްވޭ. އެހެންވީމާ ޤާނޫނު އަސާސީގެ 134 ވަނަ މާއްދާގައި ވަޒީރަށް މަޖުބޫރުވަނީ މިރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވުން. އަޅުގަނޑު އިއްޒަތްތެރި ވަޒީރު އަރިހުން އެދެން އިއްޒަތްތެރި ވަޒީރުގެ ސިޓީފުޅު އަލުން އިސްލާހުކުރައްވައި މިމަޖިލީހަށް ފޮނުއްވާއި ދެއްވުމަށް.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިއީ މިފަހުން ވަޒީރަކު ދެއްވި ޖަވާބާއި ގުޅިގެން އަލުން ޖަވާބު ރަނގަޅު ކުރުމަށްފަހު މަޖިލީހަށް ފޮނުވުމަށް މަޖިލިސް ރައީސް އެންމެގެވި ފުރަތަމަ ފަހަރެވެ.