ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފައި، އެ މަނިކުފާނު މަގާމުން ވަކިކުރަން އެއްބަސްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރުން ހިމެނޭހެން ބައެއް މީހުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ, ރިޔާސަތުން އެޖެންޑާ ނުކުރުމުން އިދިކޮޅު މެންބަރުން މިއަދު ވަނީ އިހްތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ, މަޖިލީހުގައި އިދިކޮޅުގެ ތިބީ ވަރަށް މަދު މެންބަރުން ކޮޅެއް ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަދަލު ކުރުމަކީ ކުރަން ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ.
އެހެންވީމަ އެމީހުންގެ 65 މެންބަރުންގެ ކުރިމަތީގައި އަޅުގަނޑުމެނަށް މަޖިލީހުގެ ރައީސް ވަކިކުރުމަކީ މިވަގުތަކު މާބޮޑު ކަމެއް ކުރެވޭނެ ކަމެއް ނޫން.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވިގޮތުގައި، އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރައެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމާ ގުޅޭ މައްސަލައެއް ބޯމަތިވެއްޖެ ނަމަ އަނެއްކާވެސް އެމްޑީޕީ ދެބައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
އެ މައްސަލަތަކުގެ ތެރޭގައި އެ ޕާޓީ އަށް ވާނެ ގޮތެއް އެނގިވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ފުރުސަތު ލިބިއްޖެ ނަމަ މިނިޓަކަށް ވެސް މަޑުނުކުރައްވައި އެކަން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. ދެ ފެކްޝަނުން ވެސް އެއްބަސްވާ ބައެއް ކަންތައްތައް ހުންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ, ފާހިޝް އަމަލުތަކަށް އެމްޑީޕީގެ ދެ ފެކްޝަނުން ވެސް ހިތްވަރު ދެމުންދާ ކަމަށެވެ.
މިކަހަލަ ފާހިޝް އަމަލުތަކަކަށް އެއްގޮތަކަށް ވެސް ފިޔަވަޅެއް ނާޅާ. ފާޑަކަށް ހިތްވަރު ދެނީ. މީގައި އަޅުގަނޑުމެނަށް ހީވޭ ބައެއް ފަހަރު އެމްޑީޕީގެ ތެރޭގައި ދެ ބައި އޮންނަ ކަމަށް. ނަމަވެސް އަޅުގަނޑުމެނަށް މިކަހަލަ ކަމެއް ދިމާވީމަ މި ފެންނަނީ އެ މީހުން ވެސް އެއްގަލަކަށް އަރާ އެއަށް ސަޕޯޓް ދޭ ތަން.
– ސަލީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތަކަކީ އާންމު ކަމަކަށް ހަދަން މި ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ. ލިވާތު ކުރުމަކީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން ބޮޑު އަދަބެއް ލިބޭ ކުށެއް ކަމަށާއި އެ މައްސަލަ މަޖިލިހަށް އެޖެންޑާ ވެސް ނުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަން ހުއްޓުވުމަށް މިއަދ ރައްޔިތުން ނުކުންނަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ