ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2022 12:47
0

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަރުވެފައިވާ ސަރަހައްދުގެ މޫދުން ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށާފައެވެ.

ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:36 ހާއިރު، އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.

އަދި، އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑަށް ބާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.