ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވައް މަސައްކަތްކުރި ހަރަކާތަށްފަހު ފުލުހުންގެ ފަރާތުން ފެންނަމުންދާ ބޮޑެތި ގޯސްތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޔޫތު މިނިސްޓްރީއާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ގުޅިގެން ޔޯގާ ހަރަކާތް ބޭއްވުމަށް ފުރަތަމަ މަސައްކަތް ކުރީ މާފަންނު ރަސްފަންނުގައެވެ. ނަމަވެސް ރަސްފަންނުގައި އެހަރަކާތް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދަ ނުދިނެވެ. އެއާއިއެކު މިހަރަކާތް ހިންގުމަށް ޔޫތު މިނިސްޓްރީން ނިންމީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ގަލޮޅު ދަނޑަކީ ވަށައިގެން ބަންދުކުރެވި، ސަލާމަތީ ކަންކަން ފަސޭހައިން ބެލެހެއްޓޭ ގޮތަށް ހުރި ތަނެކެވެ.
މިހަރަކާތް ބޭއްވުމަށް ޔޫތު މިނިސްޓްރީއާއި އިންޑިއާގެ އެމްސީން ކުރަމުންދިޔަ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދިޔައިރު، ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދިޔައީ މިހަރަކާތް ނުބޭއްވުމަށް ކަމާއިބެހޭ ފަރާތްތަކުގައި އެދެމުންނެވެ. ޔޫތު މިނިސްޓްރީއާއި، އިސްލާމީ މިނިސްޓްރީއަަށްވެސް މިހަރަކާތް ނުބޭއްވުމަށް ވަނީ ދަންނަވާފައެވެ. ނަމަވެސް މިކަމުގައި އެފަރާތްތަކުގެ އެއްވެސް ބަހެއް ނެތި ހަރަކާތް ކުރިއަށް ގެންދިޔަތަން ވަނީ ފެނިފައެވެ.

ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވުމަށް ނިންމި ހިސާބުން ބައެއް އާންމުންނާއި، ބައެއް ދިނީ އިލްމުވެރިން ވަނީ އެދުވަހު ހެނދުނު ދަނޑު ކައިރިއަށް އެއްވުމަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. މިކަމަށް އިޖާބަދީ ގިނަ ބަޔަކު އެސަރަހައްދަށް ވަނީ އެއްވެފައެވެ. ފުލުހުންނަކީ ގައުމުގެ އެތެރޭގެ އާންމު މަސްލަހަތު ބަލަހައްޓުމުގެ އެންމެ ޒިންމާ އަދާކުރާ ފަރާތަށްވާއިރު، މިހަރަކާތް މިހާ ފާޅުކޮށް ހިންގުމަށް މަސައްކަތް ކުރިއިރުވެސް ފުލުހުންނަށް މިކަން ކުރާކަން ނޭގުނީތޯ، ނުވަތަ ފުލުހުން މިހަރަކާތަށް ޖާގަ ދިނީތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
ފުލުހުންނަކީ މިފަހުން އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވުމެއް ބާއްވާކަން އިއުލާން ކުރުމާއިއެކު ބޮޑު ތަކުރުފާނު މަގު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު އެކީ ބަންދުކޮށް، މަގުން ހިނގާބިނގާވެ ނޫޅެވޭ ވަރަށް ދުރާލައި ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ބައެކެވެ. ނަމަވެސް ރާއްޖޭގައި ތިއްބަވާ އެތަކެއް ޑިޕްލޮމެޓުންނާއި، ދައުލަތުގެ ވަޒީރުން ބައިވެރިވި އިވެންޓެއްގައި ސަލާމަތީ ކަންކަން ނުބެލެހެއްޓުނީ ކީއްވެތޯވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަދި މިއީ ސިއްރުން "ވަގު ވަގަށް" ހިންގި ހަރަކާތަކަށް ނުވާއިރު ބޮޑު ހަމަނުޖެހުމަކަށް ފުލުހުން ޖާގަ ދިނީތޯ މިއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކަށް ނިސްބަތްވާ އިސްބޭފުޅުންވެސް އުފައްދާ ސުވާލެކެވެ.

ބައެއް ބޭފޫޅުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ފުލުހުންގެ 10 ވަރަކަށް މީހުން ދެގޭޓު ކުރިމަތީގައި މަޑުކޮށްލިނަމަވެސް އާންމުންނަށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ފުލުހުންނަށް އެދުވަހުންނަށް މިކަމުގައި އަމަލު ކުރެވިފައިވަނީ ގޯސްކޮށްކަމަށް ހުދު ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ގަބޫލު ކުރައްވައެވެ. ސީޕީ ހަމީދު ވިދާޅުވެފައިވަނީ ސެކިއުރިޓީތަކެއް ބްރީޗްވީގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ.

އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ގޮތް ބެލުމަށް ޚާއްޞަ އިންޓަރނަލް ރިވިއުއެއް ހަދަމުން އަންނަކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހަދާ ކޮންމެ އިންކުއަރީއަކަށްވެސް ފުރިހަމަ އެއްބާރުލުން ފުލުހުންގެ އިދާރާއިން ދޭނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވަނީ ދެއްވާފައެވެ.
މިހާދިސާއަށްފަހު ފުލުހުންނަށް ހެދުނު ގޯސްތަކާއިއެކު، އުފެދުނު ހަމަނުޖެހުމުގައި ހަރަކަތްތެރިވި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށްވެސް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފައެވެ. ޚާއްސަކޮށް ދީނީ ޢިލްމުވެރިން ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަމަލުކޮށްފައިވާ ގޮތާއިމެދު ސޯޝަލް މީޑިއާގައި އެތައްބައެއްގެ ފާޑުކިޔުންވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
މިހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމުވެރިތާ ޝެއިހް އާދަމް ނިޝާން ރޭ ހައްޔަރުކުރި ވަގުތު އޭނާއާ އެކު އޭނާގެ ދަރިފުޅު މަގުމަތީގައި ހުންނަތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ވަަރަށް ބޮޑަށް ހިތްހަމަނުޖެހި، އާންމުންގެ ރުޅިވެރިކަން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދެބަފައިން މަގުމަތީގައި ހުއްޓުވައިފައި ތިބޭއިރު އެ މީހުންގެ ވަށައިގެން އެސްއޯ ފުލުހުން ތިބެއެވެ. ކުއްޖާ ބިރުން އުޅޭތީ، އޭނާ ބައްދާލަތަން ވެސް ފެނެއެވެ.

ސޯޝަލް މީޑިއާގައި މިކަމަށް ފާޑުކިޔަމުންދާ މީހުން ބުނެފައިވަނީ ޝައިޚު ނިޝާން މިސްކިތުން ފައިބާ ގެއަށް ވަނުމުންވެސް ފުލުހުންނަށް ޝައިޚު ނިޝާން ހައްޔަރުކޮށްގެން ގެންދެވިދާނެކަމަށެވެ. އެ މައްސަލައިގައި ނިޝާން ހައްޔަރުކުރަން ފުލުހުންނަށް ކޯޓު އަމުރު ވެސް ލިބިފައި ވަނިކޮށް، ދަރިފުޅާ އެކު އޭނާ މަގުމަތީގައި ހުއްޓާ ހައްޔަރުކުރަން ދިއުމުގެ އެއްވެސް މަނާއެއް ނެތް ކަމަށް ބުނެ އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މިމައްސަލާގައި ފުލުހުންގެ ފަރާތުން ފެންނަމުންދާ ގޯސްތައް ތަކުރާރުވަމުންދާއިރު، ފުލުުހުންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި މިއީ ފުލުހުންފަދަ ޒިންމާދާރު މުވައްސަސާއަކުން ފެންނަން ނުޖެހޭ ދަށު ދަރަޖައިގެ އަމަލުތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ