ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގެއްލުންދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ސަރުކާރުން އެކުލަވާލައިފިއެވެ.މިފަދަ ބިލެއް އެކުލަވާލަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚަރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނޭކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ އިބްލާހުގެ މަޤްޞަދެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.
މި އިޞްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
– އެހެން ޤައުމެއްގެ ދިދައަށް ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން.
– އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމުގެ ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޯށްދިނުމަށް ގޮވާލުން.
ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިމިވަނީ އިދިކޮޅުން އިސްނަގައިގެން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާއޮތް އަދި ރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފު ޢަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނިކޮށެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްވެ ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަށް ނެގުމާއި އެފަދަ ޝިއާރުތައް ފާޅުކުރުންވެސް ސަރުކާރުން އަންނަނީ ހުއްޓުވަމުންނެވެ.
ކޮމެންޓު ފޮނުވާ