މަހުލޫފު "ދުއްވާލާނެ ކަމުގެ" އިންޒާރު، ވިދާޅުވަނީ ބިރުދައްކައިގެން ނަތީޖާއެއް ހާސިލްނުވާނެކަމަށް!

މަހުލޫފު "ދުއްވާލާނެ ކަމުގެ" އިންޒާރު، ވިދާޅުވަނީ ބިރުދައްކައިގެން ނަތީޖާއެއް ހާސިލްނުވާނެކަމަށް!

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 10:22
0

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި އޭނާގެ އާއިލާގެ "ޒަމާން ދުއްވާލާނެ" ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން އަންގާރަ ދުވަހު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. މިހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ދީނީ 2 އިލްމުވެރިޔަކާއިއެކު 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފަށް މީހަކު އިންޒާރުދީ ކޮށްފައިވާ މެސެޖުތަކެއް އޭނާ މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ. އެ ޓްވީޓުގައި މަހްލޫފް ވިދާޅުވީ، "ތިޔަކަހަލަ ކޮހެއްގެ" އަތުން މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށް ކަމަށެވެ. އަދި މިނިސްޓަރު ކަމަކީ މާ ގަދަ ކަމެއްކަމަށް މެސެޖުކުރި މީހާއަށް ގަބޫލު ކުރެވުނަސް، އޭނާއަށް މަގާމަކީ އެއްވެސް މުހިންމު ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް. މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް، މަގާމަކީ އަޅުގަނޑަށް އެއްވެސް މުހިއްމުކަމެއްނޫން. ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ. މެސެޖް ތިކުރަނީ ކުރީގެ ނަންބަރަށް.

– މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފަށް ކޮށްފައިވާ މެސެޖުތަކުގައި ބުނެފައިވަނީ، އެއީ އޭނާއަށް ދޭ "ގަދަފަދަ އިންޒާރެއް" ކަމަށެވެ. އަދި "އިންޑިއާގެ ޕަޕެޓަކަށް ވެގެން" ޔޯގަ ހަލާލުކުރަނީ ބާތިލު ފިކުރުކަމަށް އެ މެސެޖުތަކުގައި ބުނެފައިވެ އެވެ. އަދި "އަތުޖެހުނުނަމަ ނޮޅާލީމުސް" ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

މިއަދު ވެސް ކަލޭ ދުވެ ފިލީ. އަހަރެމެން މި ތިބީ ބަލަން. އަހަރެމެންގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާ ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،.

– މަހުލޫގަށް އިންޒާރު ދިން މީހާ ބުނެފައިވެއެވެ.

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން، ގިނަ ބަޔަކު ހައްޔަރު ކުރަމުންދާއިރު، މިކަމުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. ޚާއްސަކޮށް މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރަމުންދާ ގޮތާއިމެދު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.