ފްލޯޓިންގ ސިޓީގެ ތަސައްވުރު އެންމެ ފަހުން ވެގެން މިދިޔައީ ނަނާ ހުވަފެނަކަށް!

ފްލޯޓިންގ ސިޓީގެ ތަސައްވުރު އެންމެ ފަހުން ވެގެން މިދިޔައީ ނަނާ ހުވަފެނަކަށް!

Author
ހުސެއިން
23 ޖޫން 2022 09:34
0

"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށް ގެންދާ ތަރައްގީގެ ބިޔަ މަޝްރޫއަކީ، އެ މަޝްރޫއަކާއި ގުޅޭގޮތުން ފާއިތުވެދިޔަ ތަނުގައި ކުލަރީތި ވަރަށް ގިނަ ވާހަކަތައް ބައެއް ސިޔާސީ އިސް ފަރާތްތަކުން ވާހަކަ ދައްވަފައިވާ މަޝްރޫއެކެވެ. އަދި މީގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ މިމަޝްރޫއާއި ގުޅޭގޮތުން ތަކުރާރުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކެވެ.

އޭގެ ސަބަބުންތަކެއް ހުރި ކަމުގައިވެސް ދެންނެވިދާނެއެވެ. މި މަޝްރޫއަކީ ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން އެންމެ ފުރަތަމަ ލޯންޗު ކުރި މަޝްރޫއެކެވެ. ތިން ފަހަރެއްގެ މަތިން ނަޝީދުގެ ވެރިކަމުގައި ނެދަލޭންޑްގެ ޑަޗް ޑޮކްލޭންޑްސް އާއިއެކު މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވެއެވެ. އެއީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު އަދި އޭގެ ފަހުން 2010 ވަނަ އަހަރާއި 2012 ވަނަ އަހަރުވެސް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް އެ ކުންފުންޏާއެކު އެއްބަސްވެފައި ވެއެވެ.

އެފަހަރު ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމުގެ އެއްބަސްވިއެވެ.

އެއްބަސްވުމުގައި އޭރު ސޮއި ކުރައްވާފައިވަނީ ނަޝީދުގެ ސަރުކާރުގައި އޭރު އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި މުހަންމަދު ރަޝީދެވެ.

އެހެންނަމަވެސް 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓި ދިއުމާއެކު މިމަޝްރޫޢު ހުއްޓުމަކަށް އައީއެވެ. އެއަށްފަހު 3 އަހަރުވަންދެން ޑަޗް ޑޮކްލޭންޑް ކުންފުނީގެ ޚަބަރެއްނުވެ ދިއުމަށްފަހު، އެމަޝްރޫއަށްވެސް ވީގޮތް ނޭންގި ދިއުމަށްފަހު ހަމަ މިމަޝްރޫއު މިކުންފުންޏާއެކު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައި ވާކަމަށްބުނެ، 2015ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ނޫހެއްގައި ރިޕޯޓު ކޮށްފައި ވެއެވެ. އެހެންނަމަވެސް، ރައީސް ޔާމިންގެ ސަރުކާރުން މިމަޝްރޫއާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މަޝްރޫއާއި ގުޅުންހުރި އިތުރު އެއްވެސް ވާހައެއް އެއަށްފަހު މީޑިއާއާއި ހަމައަށް ތިލަވެގެން އައިސްފައެއްވެސް ނުވެއެވެ.

ޑަޗް ޑޮކްލޭންޑުން ބިނާ ކުރަން ނިންމި ފްލޯޓީންގ ސިޓީގެ ސްކެޗެއް

ފްލޯޓިންގ ސިޓީ މަޝްރޫއުގައި 2012ވަނަ އަހަރު ސޮއިކޮށް، އެހެންނަމަވެސް އޭރު ވެރިކަން ބަދަލު ވުމާއިގުޅިގެން މިމަޝްރޫޢަށް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު، އޭގެ 7 އަހަރު ފަހުން، ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީން އުފެއްދި ކޯލިޝަނަށް ވަރިކަން ލިބުމާއެކު އަނެއްކާވެސް ޑަޗް ޑޮކްލޭންޑް ކުންފުނިން ރާއްޖެއަށް މިސްރާބު ޖެހީއެވެ.

އަދި ފްލޯޓިން ސިޓީއެއް ރާއްޖޭގައި ބިނާކޮށް، މާލެ ކައިރީގައި އޮތް އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ރިސޯޓެއް ތަރައްގީ ކުރުމުގެ އިތުރުން އާއްމުންނަށް ބޯހިޔާވަހިކަން ދޭގޮތަށް ހިންގާ ސޯޝަލް ހައުސިން ޔުނިޓްތައް އެޅުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމަނާފައި ވެއެވެ.

 

ފައްޔާޒްގެ ވާހަކަތަކުން ތިލަވި އެތައް ކަމެއް!

ފްލޯޓިން ސިޓީގެ މަޝްރޫގެ ކުލަ ރީތި ކުރެހުންތަކާއެކު، އަދި އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް، ނަޝީދުގެ ވެރިކަމުގައި 2012ވަނަ އަހަރު ހަތަރުވަނަ ފަހަރަށް ސޮއިކުރި ފަހުން، މި މަޝްރޫއާއި ގުޅޭގޮތުން އެއްވެސް ކަމެއް ހިގާފައި ނުވާތާ 7 ފާއިތުވެ ދިއުމަށްފަހު، އަނެއްކާވެސް ޑަޗް ޑޮކްލޭންޑް ކުންފުނިން މިމަޝްރޫއުގެ ކުރެހުންތަކާއެކު ރާއްޖެއައީ ނަޝީދު އިސްވެ ހުންނަވާ އުފެއްދި ކޯލިޝަން ސަރުކާރުގައި، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ.

މި ވެރިކަމުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2019ވަނަ އަހަރުގެ މޭމަހުގައެވެ. މި ރަސްމިއްޔާތުގައި ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވަޑައި ގަތެވެ. އަދި މި ރަސްމިއްޔާތަށްފަހު، ހޮލެންޑުގެ ސަފީރު ވަނީ ރައީސް މުހައްމަދު ނަސީދުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވާފަ އެވެ.

ޑަޗް ޑޮކްލޭންޑާއެކު މި ސަރުކާރުން ފްލޯޓިންގ ސިޓީ އެއްބަސްވުމުގައި ސޮއިކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުން

މިމަސްރޫޢުގައި 5 ވަނަ ފަހަރަށް ސޮއި ސޮއި ކުރެއްވުމަށްފަހު، އަލުން މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢު އަލުން ލޯންޗު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމާއި މަޖިލިސް ރައީސް މުހަމަދު ނަޝީދެވެ. އަދި މިރަސްމިއްޔާތުގައި، މިމަޝްރޫޢުގެ ލޯކަލް ކޮންސަލްޓަންޓެއްގެ ގޮތުގައި ބއިވެރި ވަޑައިގެންނެވީ، ނަޝީދުގެ ވެރިކަމުގައި، ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރަކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ރިޔާޒުއެވެ.

އިބްރާހިމް ރިޔާޒަކީ ނަޝީދުގެ އަރިސް ބޭފުޅަކަށް ވާއިރު، 2014 ވަނަ އަހަރުގެ އޮކްޓޯބަރުމަހު، ކުރިމިނަލް ކޯޓުން އެނާގެ މައްޗަށް 3 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތު ވެފައިވަނީ، ނަޝީދުގެ ވެރިކަމުގައި، 21 މިލިއަން ޑޮލަރަށް، ނުގަވައިދުން ހެވީލޯޑު ކުންފުންޏަށް ތިލަފުށީ ބިންހިއްކުމުގެ މަޝްރޫހު އެވާރޑް ކޮށްދިނުމުގައި އެނާގެ ދައުރު އޮތްކަމަށް ސާބިތު ވުމާއި ގުޅިގެންނެވެ.

ފްލޯޓިން ސިޓީ މަޝްރޫ އިފްތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން

ކޮންމެއަކަސް، ފްލޯޓިން ސިޓީގެ މަޝްރޫޢު ކުލަރީތި ކުރެހުންތަކާއެކު، އަދި މި މަޝްރޫއަކީ އާންމު ރައްޔިތުންނަށް ނުހަނު ދަތިވެފައިވާ ބޯހިޔާހަކަމަށް އޮތް އީޖާދީ ހައްލެއްގެ ގޮތުގައި އެތެރެއާއި ބޭރުގައި މިމަޝްރޫއު އިސްތިހާރު ކުރެވެމުން ދަނިކޮށް، މިމަޝްރޫޢުގެ "އަނދިރި ފަރާތް" ތިލަވެގެން ގޮސްފައިވަނީ މިމަޝްރުއާއި ގުޅޭގޮތުން މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްލާމީއާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝިދާއި ދެބޭފުޅުންގެ މެދުގައި ހިގައިދިޔަ "ޒުވާބު" ތަކުންނެވެ.

މިގޮތުން، ފްލޯޓިން މަޝްރޫގައި އެމަނިކްފާނުގެ ނަން ހިމެނޭތީ މިސަރުކާރުން ފްލޯޓިންގ މަޝްރޫޢު ހުއްޓުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ވިދާޅުވީ ފްލޯޓިން ސިޓީއަކީ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ރިސޯޓެއް އަދި ގެތައްވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާކަމަށެވެ.

އަދި މިމަޝްރޫއު ހިންގުމަށް ކުރިޔަށް ގެންދާ ޑަޗް ޑޮކްލޭންޑް ކުންފުނިން މިހާތަނަށް ނުރަގަޅުކޮށް ހިންގާފައިވާ ގިނަ މުއާމަލާތުތަކެއް ފައްޔާޒުވަނީ ވަޓްސްއަޕް ގުރޫޕުގައި އާންމު ކުރައްވާފައެވެ.

ފައްޔާޒް ވަޓްސްއަޕް ގުރޫޕުގައި އާންމު ކުރެއްވި ބައެއް މައުލޫމާތުތައް:

  1. ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ނަޝީދުގެ ވެރިކަމުގައި ހަވާލު ކޮށްފައިވާ 5 ފަޅުގެ ތެރެއިން 3 ފަޅެއް މިހާރުވަނީ ވިއްކާލާފަ.
  2. ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން ޑަޗް ޑޮކްލޭންޑް ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވޭ.
  3. ކުންފުންޏަށް މިހާރު ދޫކޮށްފައިވާ ފަޅުގައި އިތުރު 6 ރަށެއް ހިއްކުމަށްފަހު ވިއްކާލުމަށް ޑަޗް ޑޮކްލޭންޑް ކުންފުނިން ދަނީ މަސައްކަތް ކުރަމުން.
  4. ޑަޗް ޑޮކްލޭންޑް ކުންފުނިން މަސައްކަތް ކުރަމުންދަނީ ނަޝީދުގެ ނަން ބޭނުންކޮށްގެން ފައިދާ ހޯދުމަށް މަސައްކަތް ކުރަމުން.

މީގެ އިތުރުންވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ތުހުމަތު ކުރައްވާފައިވާ ގޮތުގައި މި ފަހުން އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހަޅާފައިވަނީވެސް އެ ކުންފުނީގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެކެވެ. އަދި އެކުންފުނިން ހުށަހަޅާފައިވަނީ ރިސޯޓު ތައްރައްގީ ކުރާ ފަޅުތެރޭގައި ހައުސިން މަޝްރޫއުވެސް ހިންގުމަށްކަމަށާއި، އަދި މި ސަރަހައްދު ޓޫރިޒަމް ގާނޫނުގެ ދަށުން ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން އުނިކުރުމަށް އެކުންފުނިން ބޭނުންވި ނަމަވެސް މިގޮތަށް މިކަން ނުކުރެވޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

ރިސޯޓެއް ހިންގާ ފަޅެއްގެ ތެރޭ ވަކި ސޯޝަލް ހައުސިން މަޝްރޫއެއް ހިންގުމަކީ ބޮޑު ގޯހެއް ކަމުގައި ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ މިސަރުކާރުން ބޭނުންވިޔަސް ގާނޫނަށް ބަދަލު ނުގެނެސް އެކަން ކުރެވެން ނޯންނާނެ ކަމުގައެވެ.

އަދި މީގެ އިތުރުން ފްލޯޓިންގ މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނިން ބޭނުންވަނީ އެކުންފުނިން މި ފަޅުގައި ކުރިޔަށް ގެންދާ ހައުސިންގ މަޝްރޫޢު ފްރީ ހޯލްޑު އުސޫލުން 150 އަހަރަށް އަސަރަހައްދު ނެގުމަށެވެ. އެހެންނަމަވެސް ގާނޫނު އަސާސީގައި އޮންނަ ގޮތުން ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ދެވޭ މުއްދަތަކީ 99 އަހަރެވެ.

 

ހަތަރު ފަޅަކަށް އެކުއިޒިޝަން ކޯސްޓް ދައްކާފައި ނުވޭ، ސުވާލު އުފެދޭ ކަންކަމަށް ޖަވާބު ލިބެންޖެހޭ!

ނަޝީދުގެ ވެރިކަމުގައި ޑަޗް ޑޮކްލޭންޑަށް ދޫކޮށްފައިވާ ފަޅުތަކުގެ ބައެއް ލިޔެކިޔުންތަކުން އެގެން ހުރި ގޮތުގައި، މި ކުންފުންޏަށް ދޫކޮށްފައިވާ 5 ފަޅުގެ ތެރެއިން 4 ފަޅަކަށް ލީސް އެކުއިޒިޝަން ކޮސްޓް ދައްކާފައި ނުވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ނަޝީދުގެ ވެރިކަމުގައި ސޮއިކުރި މަޝްރޫއަށް ފަހުން ވީނުވީ ގޮތެއް ނޭގުނު ނަމަވެސް، އަދި ކުންފުނަށް ރާއްޖެއިން ލިބުނު އަގުބޮޑު ފަޅުތަކުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވިނަމަވެސް، 2012ގައި ވެރިކަން ބަދަލުވެ ދިއުމަށްފަހު، އެކުންފުނިން ވަނީ ފަޅުތަކުގެ އޯނަރޝިޕް ބަދަލުކޮށްފައެވެ.

މިގޮތުން 9، އޮގަސްޓް 2016 ގައި އެކުއަ ބްލޫ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް ފަޅެއް ބަދަލުކޮށްފައި ވެއެވެ. ފަޅު ބަދަލުކުރީ 300،000 ޑޮލަރަށެވެ. އަދި އެއަށްފަހު އަދި އިތުރު ފަޅެއް ވިއްކާލަން މާރަށް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް 16.5 މިލިއަން ޔޫރޯ އަށް ބަދަލު ކޮށްފައި ވެއެވެ. މި ކުންފުނިތަކަކަކީ ކޮން ފަރާތަކަށް ނިސްބަތްވާ ކުންފުނިތަކެއްކަން މިހާތަނަށް އަދި އެގިފައެއް ނުވެއެވެ.

މާރަށް ޕްރައިވެޓް ލިމިޓެޑަށް, 16.5 މިލިއަން ޔޫރޯއަށް ޑަޗް ޑޮކްލޭންޑުން ބަދަލު ކޮށްފައިވާ ފަޅު

ޑަޗް ޑޮކްލޭންޑަށް ނަޝީދުގެ ވެރިކަމުގައި ދީފައިވާ ފަޅުތައް ދީފައިވަނީ އެކުއިޒިޝަން ކޯސްޓުވެސް ނުދައްކާކަން ހާމަ ވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސެއިން ވިދާޅުވެފައިވަނީ، އެކުއިޒިޝަން ކޯސްޓަކާ ނުލާ މާލެއަތޮޅުން ޑަޗް ޑޮކްލޭންޑަށް އަގުބޮޑު ފަޅުތައް ދޫކުރުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި، އެފަޅުތައް ވިއްކާލުމަށް އެކުންފުންޏަށް ފުރުސަތު ދީ، އެއިން ނާޖާއިޒު ފައިދާ ހޯދި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކޮންމެއަކަށް، ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް އިސްތިހާރުކޮށް، އަދި ބޭރުގެ ބައެއް މީޑިއާތަކުންވެސް ޕްރޮމޯޓު ކުރި، ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލެއް ކަމުގައި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެ، މި މަޝްރޫއު ހަގީގަތަކަށް ނުވާނޭ ކަމުގައި އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވި ހިސާބުން މިމަޝްރޫއާއު ގުޅޭގޮތުން މީގެކުރިން ހާމަ ނުވެހުރި އެތައް މައުލޫމާތުތަކެއް މިވަނީ ތިލަވެގެން ގޮސްފައެވެ.

އަދި އެއަށްފަހު ނަޝީދު މިމަޝްރޫޢު ސިފަކޮށްފައިވަނީ އަބައްފުޅާއި ދަބަށްފުޅުގެ ވާހަކައިގެ ގޮތުގައެވެ. އެހެންނަމަވެސް މިއީ ފްލޯކު ވާހަައަކަށް ހަދާ ދޫކޮށްލުމުގެ ބަދަލުގައި، ރާއްޖޭގެ އަގުބޮޑު ފަޅުތައް އެކިއުޒިޝަން ކޯސްޓަކާވެސް ނުލާ ކުންފުންޏަކަށް ދޫކޮށް، މިފަޅުތައް ތަރައްގީ ނުކުރެވި، އަދި އެކުންފުނިން މި ފަޅުތަކުން ވިޔަފާރިކޮށް ފައިދާ ހޯދަމުން ދާދިއުމަކީ ކޮންމެވެސް ބަޔަކު ޒިންމާވާން ޖެހޭނޭ، ދައުލަތަށް ލިބިފައިވާ ބޮޑު ގެއްލުމެކެވެ.

އެހެންކަމުން ވަރިހަމަކޮށްލާ، މި މަޝްރޫއު ނަނާ ހުވަފެނަކަށް ވެދިޔައީކަމުގައި ހިތާ، މިއީ މިއުސޫލުން ހަނދާން ނައްތާލެވެން އޮތް ކަމެއް ނޫންކަމުގައި ގަބޫލުކުރަން ޖެހެއެވެ. ދައުލަތުގެ އަގުބޮޑު އެސެޓްތައް ނުއަގުގައި ނަގާ، އޭގެއިން ވިޔަފާރިކޮށް، މަޝްރޫއު ހަގީގަތަކަށް ވެގެން ނުގޮސް، މިމަޝްރޫއުން ބަޔަކު ނާޖާއިޒު ފާއިދާ ނަގަންމުންދާނަމަ އެކަމެއް ބެލުމަކީ މިފަދަ އެހެން މަޝްރޫއުތަކެކޭވެސް އެއްފަދައިން ބެލުން ދައުލަތުގެ މައްޗަށް ލާޒިމްވާ މައްސަލައެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.