ކިއާރާ އަދުވާނީގެ އެންމެ ފަހުގެ ފިލްމް "ބޫލް ބުލައްޔާ2″ ގެ ކާމިޔާބީ އާއެކުގައި އޭނާގެ މަޝްހޫރުކަން ވަނީ އެތައް ތަނެއް އިތުރުވެގެން ގޮސްފައެވެ.
އެއާއެކު އޭނާވެސް މިހާރު ގުނާލެވެނީ އެންމެ މަގުބޫލު އަންހެން ތަރިންގެ ލިސްޓުގައެވެ. އަދި މިލިސްޓުން މާކުރިން ޖާގަ ހޯދާފައިވާ ދެ ނަން ކަމުގައިވާ އާލިއާ ބަޓާއި ދީޕިކާ ޕަޑުކޯނަކީ އޭނާ ނަމޫނާ އަކަށް ބަލާ ދެމީހުން ކަމަށާއި އެމީހުންނާއި އެއްވަރެއްގެ މަގުބޫލު ކަމެއް ލިބުމުން އުފާވާ ކަމަށް ކިއާރާ ވަނީ ބުނެފައެވެ.
ކިއާރާ ވަނީ އާލިއާ އާއި ދިޕިކާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެގޮތުން އެމީހުން ގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށާއި އެމީހުންގެ އެކްޓިންގެ ހުނަރު ވަރަށް ކަމުދާކަމަށް "ބޫލް ބުލައްޔާ 2″ ގެ ކާމިޔާބީ އާއި ގުޅިގެން ދިން އިންޓަވިއުއެއްގައި ކިއާރާ ވަނީ ބުނެފައެވެ.
ކިއާރާ އަކީ މިހާރު ވަރަށް ޑިމާންޑް ބޮޑު އެކްޓްރެސް އެކެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމު "ޖުގް ޖުގް ޖިއޯ" މި ހުކުރު ދުވަހު ރިލީޒް ކުރާނެއެވެ.
މި ފިލްމަކީ ބޮޑު ކާސްޓެއްވެސް ހިމެނޭ ފިލްމެކެވެ. މި ފެމެލީ ޑްރާމާގައި ކިއާރާގެ އިތުރުން ވަރުން ދަވަން، އަނިލް ކަޕޫރު، ނީތޫ ސިންގް، މަނީޝް ޕޯލް އަދި ޕްރަޖަކްތާ ކޯލީ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.