އެމްޓީސީސީގެ އައު ބަސްތައް ރަސްމީކޮށް ބަހުގެ ޚިދުމަތާއި ގުޅި އައު 2 ބަސް ރޫޓެއްގެ ޚިދުމަތް ދިނުމަށް ތާވަލުކުރެވިއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ހާއްޞަ ޙަފުލާއެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އައު ބަސްތައް އިފްތިތާޙު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިހުއެވެ. މި ބަދަލާއެކު 30 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ތަޢާރަފު ކުރެވުނު ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ދެމުންގެންދާ 6 ރޫޓުގެ ބަދަލުގައި 8 ރޫޓެއްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ހަމައެހެންމެ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާރކްއަށް ދަތުރުކުރާ ޑައިރެކްޓް ބަސް ރޫޓް މިހާރު އޮޕަރޭޓް ކުރެވެމުންދާ އަވަސްމިން ޕީކް ގަޑީގައި 15 މިނިޓަށް އަދި އޮފް ޕީކް ގަޑީގައި 20 މިނެޓަށް ބަދަލުވެގެންދާނެއެވެ. އަދި ފްލީޓަށް އިތުރުކުރެވޭ 15 ޑަބަލް ޑެކަރ ބަސްތަކާއެކު ޖުމްލަ 46 ބަހެއް ޚިދުމަތުގައި ދެން ބޭނުންކުރެވޭނެއެވެ. މި އައު ބަސް ރޫޓްތަކުގެ ޚިދުމަތުގެ އަގަކީ ޕަސި ންޖަރަކަށް 15 ރުފިޔާއެވެ.
އަދި މިހާރުވެސް ބޭނުންކުރަމުންދާ ބަސް ކާޑު އައު ރޫޓުތަކުން ޚިދުމަތް ހޯދުމުގައިވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ. އިތުރުކުރެވުނު ބަސްތަކާއެކު ގްރޭޓަރ މާލެ ސަރަހައްދުގެ ރައްޔިތުންނައް އަދި ވަކިން ޙާއްސަކޮށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ޚިދުމަތް ހޯދުމުގައި ދިމާވަމުންއައި ދަތިތަކަށް ހައްލު ލިބި، އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އައު ބަސް ރޫޓުތަކުގެ ތަފް ޞީލް:
ހުޅުމާލެ ދެވަނަ ފިޔަވަހި – މާލެ ވެސްޓް ޕާރކް ޑައިރެކްޓް ރޫޓް (މިހާރު އޮޕަރޭޓް ކުރެވެމުންދަނީ 1 ގަޑިއިރުގެ އަވަސްމިނުގައި)
ހުޅުމާލެ ދެވަނަ ފިޔަވަހި – މާލެ ކާރނިވަލް ޑައިރެކްޓް ރޫޓް (އައު ރޫޓެއް)
ހުޅުމާލެ ދެވަނަ ފިޔަވަހި – ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޑައިރެކްޓް ރޫޓް (އައު ރޫޓެއް)


މި ޚިދުމަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުން ވަނީ އެދިފަައެވެ.
ކޮމެންޓު ފޮނުވާ