މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

Author
އަހުމަދު
27 ޖޫން 2026 09:59
0

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން، މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރަށްވުރެ ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މި ދުވަހާ ގުޅިގެން ރައީސް ދެއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، މަސްތުވާތަކެއްޗަކީ މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ފޭރާން ހަލާކުކޮށް، ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިއަހަރުގެ ޝިޢާރު ކަމަށްވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ޙައްލުތައް" މި މަޢުޟޫޢުގެ ދަށުން ބައިނަލްއަޤުވާމީ މުޖުތަމަޢުއާއެކު ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލާއި ޒުވާނުން ސަލާމަތްކުރުމަށް މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ފަހުކޮޅު ފުރިހަމަ ޚިދުމަތްތަކާއެކު ވަށާޖެހޭ ތިން ރިހެބިލިޓޭޝަން ސެންޓަރު އަލަށް ހުޅުވިގެންދާނެކަން ރައީސް އިޢުލާންކުރެއްވިއެވެ. އޭގެ އިތުރުން، ދާދިފަހުން ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން ކަމާގުޅޭ މުއައްސަސާތަކުގެ ގުޅުން ބަދަހިވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް އުފެދޭ ނުރައްކާތަކާއި އާ ބާވަތްތަކުގެ ޑްރަގްތަކާ ދެކޮޅަށް ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.