މިއަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި އެންމެ އާބާދީ ކުޑަ ގައުމު ކަމަށްވާ ކޭޕް ވާޑުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ 0-0 އިން އެއްވަރުކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށް ތާރީޚު ލިޔެފިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ކޭޕް ވާޑް ވަނީ އެއްވަރުވެފައެވެ. އެގޮތުން ކުރީގެ ޗެމްޕިއަން ސްޕެއިންއާ 0-0 އިން އަދި އުރުގުއޭއާ 2-2 އިން އެއްވަރުކޮށް، އެ ޓީމު ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ އެއްވަނަ ސްޕެއިން ހޯދިއިރު، ޖުލައި 3 ވަނަ ދުވަހު މިއާމީގައި ކުޅޭ ނޮކްއައުޓް މެޗުގައި ކޭޕް ވާޑް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. ގާތްގަނޑަކަށް ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ޖަޒީރާ ގައުމުގެ ކޯޗު ބުބިސްޓާ ބުނެފައިވަނީ ކޮންމެ ބަޔަކަށްވެސް ހުވަފެން ދެކުމުގެ ހައްގު އޮންނާނެ ކަމަށާއި، އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ. ދަނޑަށް ވަން ސަޕޯޓަރުން ގެންގުޅުނު "ކުޑަ ރަށްތަކެއް، ބޮޑު ހުވަފެންތަކެއް" މި ޝިއާރު އެ ޓީމުން މިއަދު ވަނީ ހަގީގަތަކަށް ހަދާފައެވެ.
މި ތާރީޚީ ކާމިޔާބީގައި އެ ޓީމުގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާގެ ދައުރު ވަރަށް ބޮޑެވެ. ސައުދީ މެޗުގައި އޭނާ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައިވާއިރު، 68،278 ސަޕޯޓަރުންގެ ތެރޭގައި އޭނާގެ މަންމަވެސް މެޗު ބަލަން ދަނޑަށް ހާޒިރުވެ އިނެވެ. މެޗުގެ ފަހުކޮޅު ކޭޕް ވާޑްގެ ކެވިން ޕީނާ އަދި ލާރޯސް ޑުއާޓޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުކުރެވުނެވެ. ނަމަވެސް ސްޕެއިން އިން އުރުގުއޭ ބަލިކުރި ޚަބަރާއެކު، ކޭޕް ވާޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ އުފާފާޅުކޮށް ކަރުނައާއެކު އެ ކާމިޔާބީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ