ސަރުކާރުގެ ގިނަ ކުންފުނިތަކަކީ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކާ، ވަކި ޚާއްސަ ވިޔަފާރި އޮނިގަޑެއްގެ ދަށުން އުފައްދާ ދައުލަތުގެ މުހިންމު "މުވައްސަސާ" ތަކެވެ.
އެހެން ގޮތަކަށް ދަންނަވަނީނަމަ، ސައްތައިން ސައްތަ ދައުލަތުން ހިއްސާވާ، ނުވަތަ ރައްޔިތުންނާ ދައުލަތް ހިއްސާވެގެން އުފައްދާ ކުންފުނިތަކަކީ، ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުންފުންފުނިތަކުންވެސް ފައިދާއާއި ހޯދަމުން، އާ ވަޒީފާތައްވެސް ބާޒާރަށް ނެރެމުން، އަދި ހިއްސާދާރުންނަށްވެސް ނަފާ ހޯދާދެމުން ހިންގަމުން ދިއުމުގެ މައިގަޑު އަމާޒުގައި އުފައްދާ ވިޔަފާރި ކޮންސެޕްޓެކެވެ.
މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގައިވެސް، މައިގަޑު ގޮތެއްގައި، އަސާސީ ޚިދުމަތްތައް މެދު ކެޑުމެއްނެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި މި ކޮންސެޕްޓް ފާއިތުވެދިޔަ ދުރު ނޫން މާޒީއަކުން ފެށިގެން އަންނަނީ ގެންގުޅެމުންނެވެ.
މިސާލެއްގެ ގޮތުން، ދިރާގު، ސަރުކާރުގެ ފެންކުންފުނި އެމް.ޑަބްލިއު.އެސް.އީ، ސްޓެލްކޯގެ އިތުރުން އެމްޓީސީސީ ފަދަ ކުންފުނިތަކަކީ މި ކޮންސެޕްޓުގައި މިހާތަނަށްވެސް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުނިތަކެވެ.
ހަމަ އެއާއެކު ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ، ސަރުކާރު ކުންފުނިތައް ހިންގުމުގައި ގެންގުޅޭ ތަފާތު ކޮންސެޕްޓްތަކެވެ. ބައެއް ކުންފުނިތަކަކީ، ފަހުގެ ޓެކްނޮލޮޖީއާއި އަދި ކުންފުނީގެ ޒަރީއާއިން ރަގަޅު އިންވެސްޓްމަންޓްތައް ގައުމަށް ގެނައުމުގެ ބޭނުމުގައި، ބޭރުގެ ބޮޑެތި އަދި ފޯރުންތެރި ކުންފުނިތަކާއެކީ، ޖޮއިންޓް ވެންޗަރގެ އުސޫލުން ހިންގަކުންދާ ކުންފުނިތަކެވެ.
އަނެއްބައި ކުންފުނިތަކަކީ، ސްޓްރަޓެޖިކް މުހިންމު ބޭނުންތަކުގައާއި، އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކާ ސަރުކާރުގެ ފުރިހަމަ ހިއްސާއޮވެގެން ހިންގާ ކުންފުނިތަކެވެ.
މުހިންމު، ބޮޑެތި ބައެއް ކުންފުނިތައް ގެއްލުމުގައި!
ދައުލަތް ހިއްސާވާ، ވިޔަފާރީގެ އުސޫލުން ހިންގަމުން އަންނަ ބައެއް ކުންފުނިތަކަކީ ދައުލަތަށް ރަގަޅު ފައިދާ ހޯދާދޭ ކުންފުނިތަކެވެ. މީގެ ތެރޭގައި ގައުމީ ބޭންކުގެ އިތުރުން މުއާސަލާތީ ކުންފުނި ދިރާގު، އެމްޓީސީސީ، އެސްޓީއޯފަދަ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމު ދައުރެއް އަދާކުރާ ކުންފުނިތައް ހިމެނޭއިރު، ހަމަ މިއިސޫލުން ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކުންފުނިތައް މިއަދު ފާހަގަވާން ހުރީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާ ކުންފުނިތަކުގެ ގޮތުގައެވެ.
މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލާން ޖެހެނީ، ރަށްރަށުގައި ހިންގޭ ތަރައްގީގެ މުހިންމު މަސައްކަތްތަކާއި ގުޅުންހުރި، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އުފެއްދެވި އާރުޑީސީއެވެ.
މަގުހެދުމާއި އަދި އެނޫންވެސް ބައެއް އުމްރާނީ މަސައްކަތްތަކަށް ޚާއްސަ ކޮށްގެން މި ސަރުކާރުން އުފައްދާފައިވާ އާރުޑީސީއަށް ފާއިތިވެދިޔަ 2021 ވަނަ އަހަރު 59 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ވަނީ ދައްކާފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ސަރުކާރު ކުންފުނިތަކުގެ ކުއާރޓާރލީ ރިޕޯޓުގައި ވާގޮތުން 2021 ވަނަ އަހަރުގެ ފަހު ކުއާޓަރގައި އާރުޑީސީއަށް 15.4 މިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި 2021ވަނަ އަހަރުގެ ފުރަތަމަ 3 ކުއާޓަރުގައި އެ ކުންފުންޏަށް 59 މިލިއަން ރުފިޔާގެ ގެއްލުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން އެ ކުންފުންޏަށް އެހާ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ބޮޑުވުމުވެ ސަބަބުންނެވެ.
މި ރިޕޯޓުގައި ވާގޮތުން 2021ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް އާރުޑީސީގެ ހންގުމުގެ ޚަރަދަށް 42 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ. އޭގެ ކުރީ ކުއާޓަރުތަކުގައި އެކުންފުން ހިންގުމުގެ ޚަރަދަށް އެކަނިވެސް 27 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
މިހާރުވެސް އެތައް ރަށެއްގައި މަގުހެދުމުގެ އެތައް ޕްރޮޖެކްޓެއް ކުރިޔަށް ގެންދާ އާރުޑީސީއަށް 2021ވަނަ އަހަރު ނިމިގެން ދިޔައިރު މާލީ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުމާއު ގުޅިގެން، ޚަރަދުތައް ކުޑަކުރުމަށް ޕީސީބީން ވަނީ އާރުޑީސީއަށް ލަފާ ދީފައެވެ. އަދި އޭގެ އިތުރުން ޕްރޮޖެކްޓަތައް ހިންގުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ ހެދުމަށްވެސް ޕީސީބީންވަނީ އާރުޑީސީއަށް ލަފާ ދީފައި ވެއެވެ.
އާރުޑީސީއަކީ، ރައީސް ޔާމިންގެ ސަރުކާރުން ހިންގަމުން އައި އެމްއާރުޑީސީގެ ނަން ބަދަލުކޮށް، މިސަރުކާރުން އަލަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މި ކުންފުނި ފާހަގަވެގެން ގޮސްފައިވަނީ ސިޔާސީ މުވައްޒަފުން ގިނަ ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެކުންފުނި އުފެއްދުމަށްފަހު ކުންފުނި ހިންގުން ހަވާލު ކޮށްފައިވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މޫސާ އަލިމަނިކާއެވެ.
އާރުޑީސީގެ އިތުރުން ދެން އެންމެ ބޮޑު ގެއްލުމެއްގައި ފާއިތުވި އަހަރު ނިންމާލާފައިވަނީ ދައުލަތުގެ އޭވިއޭޝަން ކުންފުނި، އައިލޭންޑް އޭވިއޭޝައެވެ.
އައިލޭންޑް އޭވިއޭޝަން، ތަކުރާރުކޮށް ގެއްލުން!
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާފައި ވާގޮތުން އައިލެންޑް އޭވިއޭޝަނަށް ފާއިތުވެދިޔަ އަހަރު ލިބުނު ގެއްލުން 159 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
މިގޮތުން އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ޖުމުލަ 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. ސަބަބެއްކަމަށް ފާހަގަ ކޮށްފައިވަނީ، ކުންފުންޏަށް ލިބުނު އާމްދަނީ ފާއިތުވެދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑުތަނުން ދަށްވެގެން ދިއުމެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވެއެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އައިއޭއެސްއަށް ޖުމްލަ 326 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 425 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
އަދި މިއީ ކުރީ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 30 ޕަސެންޓުގެ ކުރިއެރުކަމަށްވި ނަމަވެސް، އައިއޭއެސްގެ ޚަރަދުތައް ބޮޑުވުމާއި ގުޅިގެން ގްރޮސް ޕްރޮފިޓް މާޖިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައިވެސް ދަށަށް ގޮސްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި ފާހަގަ ކޮށްފައި ވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ކުންފުނީގެ ޖުމްލަ ޚަރަދުތައް 21 ޕަސެންޓަށް ބޮޑުވެފައިވާއިރު، ހަތަރު ވަނަ ކުއާޓަރު އެކުންފުނިން ނިންމާލާފައިވަނީ 24.7 މިލިއަން ރުފިޔާގެ ސާފު ގެއްލުމަކާއެކުއެވެ. ތިންވަނަ ކުއާޓަރުގެ އިދާރީ ހަރަދުތަކަށް 114.9 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ހަތަރުވަނަ ކުއާޓަރުގެ އިދާރީ ހަރަދުތައް 138.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ކުންފުނީގެ ހަރަދުތައް ބޮޑުވެފައިވަނީ އިންޝުއަރެންސް އާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު ބޮޑުވުމުން ކަމަށް ވެސް ފައިނޭންޝަލް ރިޕޯޓްތަކުގައިވަނީ ބުނެފައެވެ.
އައިލޭންޑް އޭވިއޭޝަންއަކީ ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެންދިޔަ 2020ވަނަ އަހަރުވެސް 400 މިލިއަން ރުފިޔާގެ ބޮޑު ގެއްކުމަކާ ކުރިމަތިކާން ޖެހުނު ކުންފުންޏެކެވެ.
ގެއްލުންވާ ކުންފުނިތައް ހަމަ އެގޮތުގައި!
ސަރުކާރުގެ ބައެއް އެސްއޯއީތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިކުންފުނިތަކަކީ، ކުންފުނިތަކުގެ މެނޭޖުމަންޓުތަކުގައި އިސްކޮށް ސިޔާސީ ފަރާތްތަކުން ތިބި ކުންފުނިތައްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން މިސަރުކާރުން އަލަށް އުފެއްދި އާރުޑީސީއަކީ އެކުންފުނީގެ ވަޒިފާތަކުގައި ގިނަ އަދަދަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ތިބި ކުންފުންޏެކެވެ. އަދި މީގެ އިތުރުން ދައުލަތުގެ އެވިއޭޝަން ކުންފުނި، އައިލޭންޑް އޭވިއޭޝަންއަކީ އެކުންފުނީގެ މެނޭޖްމަންޓުގެ ބައެއް އިސް މަގާމްތަކުގައި ޕާޓީގެ އިސް ބައެއް އެކްޓިވިސްޓުން ތިބި ކުންފުންޏެއްކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، ދައުލަތަށް ފައިދާ ހޯދާދީ އަދި އަސާސީ މުހިންމު ބައެއް ޚިދުމަތައް ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކުގެ އިސް މަގާމްތަކުގައި ސިޔާސީ ބޭފުޅުން ތިބުމަކީ އުސޫލެއްގެ ގޮތުން މައްސަލައެއް އޮތްކަމެއް ނޫންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މައްސަލައަކީ މިފަދަ މުހިންމު ބޮޑެތި ބައެއް ކުންފުނިތަކުގައި މެނޭޖްމަންޓަށް، ކުންފުނި ހިންގުމުގެ ގާބިލްކަން އިލްމީ ގޮތުންނާއި ތައުލީމީގޮތުވެސް ނެތް ފަރާތްތައް އައްޔަން ކުރެވިގެން ދިއުމެވެ.
ސަބަބަކީ، ސަރުކާރުގެ އެސްއޯއީތަކަކީ ވިޔަފާރީގެ އުސޫލުން ހިންގާންޖެހޭ ކުންފުނިތަކަކަށް ވާއިރު، މިތަންތަނުގެ މެނޭޖްމަންޓަކީ ވިޔަފާރިއަށް އަހުލުވެރި، ތައުލީމީ މީހުން އިސްވެ ތިބެގެން ހިންގާ ކުންފުނިތަކަށް ވާން ޖެހޭތީއެވެ. ހަމައެއާއެކު، ފައިދާނުވެ ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ މެނޭޖްމަންޓަތަކަށް ހެޔޮ ބަދަލުތައް ގެނެސް، ވިޔަފާރީގެ އުސޫލުން ފައިދާ ލިބެނިވި ގޮތެއްގައި މިކުންފުނިތައް ހިންގޭނެ މަގެއް ސަރުކާރުން ހޯދާންވެސް ޖެހެއެވެ.
ތަރައްގީގެ މުހިންމު މަޝްރޫޢުތައް ކުރިޔަށް ގެންދާ ދައުލަތުގެ ގިނަ ކުންފުނިތަކެއް މިހާރުވެސް ފައިދާގައި ހިންގަމުން ދާއިރު، ފައިދާ ނުވެ ގެއްލުމުގައި ހިންގާ ކުންފުނިތައް ދަރަނިވެރި ވެގެން އެދަނީ، ޚަރަދުތައް މެނޭޖް ނުކުރެވި، ވިޔަފާރީގެ އުސޫލުން ކުންފުނިތައް ހިންގުމުގައި މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުކަމުގައި ސަރުކާރުން ގަބޫކުރާން އެބަ ޖެހެއެވެ.
އެހެންކަމުން، ދައުލަތުގެ ބައެއް މުހިންމު ކުންފުނިތަކުގެ މެނޭޖްމަންޓުގައި ސިޔާސީ މީހުން ތިއްބެއްކަމަކަމަކު، މި ފަރާތްތަކަކީ ތައުލީމީ ގާބިލް މީހުންނަށް ހަދާ، ގެއްލުންވަމުންދާ ކުންފުނިތައް ގެއްލުމުގައި ހިންގާން ދޫކޮށްނުލާ، ފައިދާ ލިބެނިވި އުސޫލުން ހިންގުމަށް މިކުންފުނިތަކުގެ މިސްރާބު މިއަދު ބަދަލުކުރާން ޖެހިފައިވާކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.