އަނަޓޯލީ އެނބުރި ރާއްޖެއަށް، މިފަހަރު ޔޫވީއަށް

އަނަޓޯލީ އެނބުރި ރާއްޖެއަށް، މިފަހަރު ޔޫވީއަށް

Author
އިބްރާހީމް ސާޢިދު
15 ނޮވެމްބަރ 2020 12:05
0

ޓީސީ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފި އެވެ.

އަނަޓޯލީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީން ވަނީ މީގެ ކުރިން އެ ޓީމަށް ކުޅެފައިވާ ކިރްގިސްތާންގެ ކީޕަރު ރުސްލާން އާމިރޯފާއި ފޯވާޑް ޔޫކްރޭނުގެ ކީރްލޯ ސިލިޗް ވެސް ގެނެސްފަ އެވެ. އެ ޓީމާ ދެން ގުޅުނީ ކިރްގިސްތާންގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް އެވެ. ކިރްގިސްތާނާއި އުޒްބެކިސްތާން އަދި ކަޒަކްސްތާންގެ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ކުޅެފައިވާ އަނަޓޯލީ އެންމެ ފަހުން ހުރީ ކިރްގިސްތާންގެ އަލްގާ ބިޝްކެކްގަ އެވެ.

މިހާރު އުމުރުން 32 އަހަރުގެ އަނަޓޯލީ ވަނީ ޓީސީއަށް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ކޮޅަށް މާލޭގައި ހެޓްރިކެއް ހަދާފައެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފްގައި ދެއްކި ރަނގަޅު ކުޅުން އަނަޓޯލީ ވަނީ އެ ފަހަރުގެ މާލޭ ލީގުގައި އޭނާ ކުޅުނު މެޗުތަކުގައި ވެސް ތަކުރާރުކޮށްފަ އެވެ. އެހެން ނަމަވެސް އެ މުބާރާތުގެ މެދުތެރެއިން ކަކުލަށް އަނިޔާވުމުން ޓީސީން އޭނާ ވަނީ ދޫކޮއްލާފައެވެ.

ކީޕަރު ރުސްލާން

އުމުރުން 30 އަހަރުގެ ކީޕަރު ރުސްލާން ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނީ 2016 ވަނަ އަހަރު އެވެ. ރުސްލާން ވެސް އެންމެ ފަހުން ހުރީ އަނަޓޯލީއާ އެކު އަލްގާ ބިޝްކެކްގަ އެވެ. ޔޫކްރޭނުގެ ފޯވާޑް ސިލިޗް ވަނީ މިދިޔަ ސީޒަނުގައި ޔޫވީ އަށް ކުޅުމަށްފަހު ޔޫކްރޭނުގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ކޮރްނޯމޮރެޓްސް އޮޑެސާ އަށް ކުޅެފައެވެ. މަރަޓް މީގެ ކުރިން މުޅިންވެސް ކުޅެފައިވަނީ ކިރްގިސްތާނުގެ ޓީމުތަކަށެވެ. މިއީ ގައުމުން ބޭރުގެ ޓީމަކަށް އޭނާ ކުޅޭނެ ފުރަތަމަ ފަހަރެވެ.

މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލި ޔުނައިޓެޑް ވިކްޓްރީން ވަނީ ރަނގަޅު ދިވެހި ކުޅުންތެރިންގެ ސޮއި ވެސް ހޯދައިފަ އެވެ. އަންނަ މަހު 13ގައި ފަށާ ލީގުގައި ޔޫވީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މާޒިޔާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.