ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން ދާކަމުގައި އޭސީސީން ބުނެފިއެވެ.
އެސީސީން މިކަން ހާމަ ކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7ގައި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ ފެނަކަ އެމްޑީ އަހުމަދު ސައީދާއި ގުޅުންހުރި27 މައްސަލަ ކުރިޔަށް ގޮސްފައިވާ މިންވަރު ސާފު ކުރުމަށް، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އެ ކޮމިޝަނަށް ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.
ސައުދުﷲ ހިލްމީ އެސީސީގައި އެދިފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭގޮތުން 2020ވަނަ އަހަރުގެ ތެރޭގައި އެއްފަހަރާ ގިނަ އަދަދެއްގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް މީޑިއާގައި ދައުރުވެފައިވާ މައުލޫމާތާއި ގުޅިގެން އެ މައްސަލަތަކާމެދު އޭސީސީން އަމަލު ކޮށްފައިވާ ގޮތް ސާފު ކުރުމަށެވެ.
މިގޮތުން މިމައްސަލަތައް މިހާތަނަށް ކުރިޔަށް ގޮސްފައިވާކަމަށް އޭސީސީން ހާމަ ކޮށްފައިވާ މައުލޫމާތު ތިރީގައި މިވަނީއެވެ.
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭގޮތުން 2020 ސެޕްޓެމްބަރު 7ގައި 27 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާކަން
- ހުށަހެޅި މައްސަލަތަކުގެ ތެރެއިން:
- 2 މައްސަލައެއް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭތީ ކަމާއި ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައެވެ.
- 1 މައްސަލަ ތަހުގީގު ނުކުރުމަށް ނިންމާފައި ވެއެވެ.
- މިހާތަނަށް ނިމިފައިވަނީ 6 މައްސަލައެކެވެ.
- 18 މައްސަލައެއް މިވަގުތު ދަނީ ތަހުގީގު ކުރެވެމުންނެވެ.
އޭސީސީން ހާމަ ކޮށްފައިވާ މި މައުލޫމާތުތަކުގެ ތެރޭގައި ހިނެވޭ، މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 6 މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވާ ގޮތެއް މިހާތަނަށް މިޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާގައިވެއެވެ.
ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ މީގެކުރިން ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.
ފެނަކައިން އެއިދާރާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކަން ދޮގުކޮށް އޭރު ބަޔާނެއް ނެރެފައި ވެއެވެ. އެބަޔާނުގައި ބުނެފައިވަނީ ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.
އޭސީސީން ކޮރަޕްޝަންގެ މައްސަލަތައް އެކަށިގެންވާ ގޮތުގައި ކުރިޔަށް ނުގެންދާތީ، ރައްޔިތުންގެ މަޖިލިހުންވަނީ އެކޮމިޝަނަށް އާ މެމްބަރުންތަކެއް އައްޔަން ކޮށްފައެވެ. އެހެންނަމަވެސް ކޮމިޝަނަށް އަލަށް އައްޔަން ކުރި މެމްބަރުންވެސް، ފެނަކަ ކޯޕަރޭޝަންއިން ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ 28 މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި އެއްވެސް މައުލޫމާތެއް މީގެކުރިން ހާމަ ކޮށްފައެއް ނުވެއެވެ.