ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މަދަދު އެންމެ ބޮޑަށް ހޯއްދެވި ސިޔާސީ ބޭފުޅަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިގެން ހުންނެވި ނަމަވެސް ޕާޓީތަކާ އެކު އެ މަޝްވަރާ ނުކުރައްވައި އިއުލާންކުރެއްވުމުން، އެ މަނިކުފާނުގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ އިއްޔެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖޭގައި މިހާތަނަށް މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކުވެސް އެންމެ ބޮޑަށް މަދަދު ހޯއްދެވި އެއްބޭފުޅަކީ ޤާސިމްއެވެ. މޫސަ ވިދާޅުވީ ރައީސް ނަޝީދަަކީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށްވެސް އެކި ގޮތްގޮތުން ޤާސިމްގެ މަދަމަދު ހޯއްދެއްވި ބޭފުޅެއްކަމަށެވެ.
2008 ގެވެސް އިންތިޚާބު ކާމިޔާބު ކުރަން ޤާސިމް ކައިޔަށް އަންނި ދިޔަ. 2013ގައި އަންނިއަށް ވެރިކަން ހޯދައިދޭންވެގެން ރައީސް ޞާލިހު އަތަށް ޑޮލަރު ޗެކް ދީފަ މާފަންނު ވިލާއަށް ފޮނުވި ވާހަކަ ޤާސިމް ޓީވީއަށް އަރާ އިދެގެން ގޮވި އަޑުއެހިން. 2018 ގަ ޖަރުމަންގައި ޤާސިމް ހުއްޓާ ނަޝީދު ގުޅިވާހަކަ ޤާސިމް ބުނި.
– މޫސަ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގާސިމް އަދި ގޮތެއް ނުނިންމަވައެވެ. އޭނާ މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވީ ވާދަކުރައްވަން އަދި ނުކުރައްވަން ވެސް އެހާތަނަށް ނުނިންމަވާ ކަމަށެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ރައީސްގެ މާމިގިލީ ދަތުރުގެ ބޭނުންފުޅަކީ، ގާސިމްއާ އެކު ރިޔާސީ އިންތިހާބުގެ މަޝްވަރާ ކުރެއްވުމެވެ.
އެ މަނިކުފާނުގެ ނައިބު ރައީސްކަން ވެސް ގާސިމަށް ހުށަހަޅުއްވަފާނެ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެކަމަކު އެ ތުހުމަތަކީ، ރައީސްގެ އަރިސް އެއްވެސް ބޭފުޅަކު ވެސް މިހާތަނަށް ސައްހަކަން ކަށަވަރުކޮށްދީފައި އޮތް ވާހަކައެއް ނޫނެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރައްވަނީ، އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ އެ މަގުން ކަމަށް ވާތީއެވެ. އެމްޑީޕީން ވެސް އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށާއި އެހެންކަމުން ޕާޓީ އާއި ގައުމަށް ވެސް ފައިދާ އޮތީ އެމަނިކުފާނު ނުކުންނަވައިގެން ކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ