މެޗަކުން މޮޅުނުވެ ފްރާސް ގްރޫޕްގެ ފުލަށް

މެޗަކުން މޮޅުނުވެ ފްރާސް ގްރޫޕްގެ ފުލަށް

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 10:32
0

ޔުއެފާ ނޭޝަންސް ލީގު ގްރޫޕް އޭގެ ގައި އޮސްޓްރިއާ އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މޮޅެއް ނުލިބި ތިން ވަނަ މެޗު ނިންމާލަން ޖެހިއްޖެއެެވެ.

އަމިއްލަ ދަނޑުގައި އޮސްޓްރިއާއިން ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ފްރާންސްއިންނެވެ. މިގޮތުން އެޓީމުން ދިޔައީ އޮސްޓްރިއާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އޮސްޓްރިއާއިން ދިޔައީ ފްރާންސް ހިފެހެއްޓުމަށްޓަކައި އޯގަނައިޒް ޑިފެންސެއް ކޮށް، މޮޅަށް ކުޅެމުންނެވެ. މިގޮތުން ފްރާންސްއަށް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އޮސްޓްރިއާ އިން މެޗުގެ ލީޑު ނެގީ 37 ވަނަ މިނެޓުގައެވެ. މި ލަނޑު ކޮންރާޑް ލައިމާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރިއާސް ވެއިމަންއެވެ. މި ލަނޑާއެކު އޮސްޓްރިއާ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، މެޗުގެ 83 ވަނަ މިނިޓްގައި ފްރާންސަށް އެއްވަރުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. ކްރިސްޓޮފް އެންކުންކޫ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ފްރާންސަށް ލީޑުނަަގައިދޭން ފޮނުވާލި ދެ ހަމަލާ ވެސް ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، އޮސްޓްރިއާގެ ކީޕަރު ޕެންޓްޒްއެވެ. އޭރިއާތެރެއިން ހުސްކޮށް ވަދެ، އެމްބާޕޭ ޖެހި ޝޮޓް ކީޕަރު ޕެންޓްޒް ގައިގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފައެވެ. އިތުރު ވަގުތުގައި އެމްބާޕޭ ނެގި ކޯނަރަކުން މަޓެއޯ ގެންޑޫޒީ ބޮލުން ޖެހި ބޯޅަ ވެސް މަތަކުރީ ކީޕަރު ޕެންޓްޒްއެވެ.

މި ގްރޫޕްގައި ހިމެނޭ ޑެންމާކް އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްރޮއޭޝިއާއިންނެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ޑެންމާކް އޮތްއިރު، ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އޮސްޓްރިއާއެވެ. އަދި އޮސްޓްރިއާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ކްރޮއޭޝިއާ ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތްއިރު، ފްރާންސް ފުލުގައި އޮތީ ދެ ޕޮއިންޓާއެކުގައެވެ.

މި ގްރޫޕްގައި ފްރާންސް އަންނަ ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނައިރު، ހަމަ އެދުވަހު ޑެންމާކް އަމިއްލަ ދަނޑުގައި ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.