ސްކޫލް ހޯލު ނުލިބުމުން ހުރަސްއެޅުނު "އަލީ ރަމިޒާއެކު" އިވެންޓް ބާއްވައިފި

ސްކޫލް ހޯލު ނުލިބުމުން ހުރަސްއެޅުނު "އަލީ ރަމިޒާއެކު" އިވެންޓް ބާއްވައިފި

ގދ. ފަރެސްމާތޮޑާގެ ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް ކުއްލިގޮތކަށް އެންގުމުގެ ސަބަބުން ހުރަސްއެޅުނު، ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އިންތިޒާމްކުރި"އަލީ ރަމީޒާއެކު" އިވެންޓު އެންމެ ފަހުން އެރަށުގެ ކައުންސިލް އިދާރާގެ ހޯލުގައި ބާއްވަިފިއެވެ.

މި އިވެންޓް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އަންހެނުން ކުރިއަރާ ކޮމެޓީ ގުޅިގެންނެވެ. "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގާ އެ އިވެންޓަށް ހުރަސް އެޅުމާއި ގުޅިގެން ކައުންސިލާއި ޑަބްލިއުޑީސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަލަފު ޖަމިއްޔާއިން ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަރުސްތަކާއި ދީނީ އިވެންޓްތައް ކުރިއަށް ގެންދެއެވެ. "އަލީ ރަމީޒާއެކު" މި ނަމުގައި ޖަމިއްޔަތިއްސަލަފުން އިންތިޒާމްކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިޔަށް ގެންދާ މި އިވެންޓަކީ އެޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒުގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރުމަށް ޒުވާނުންނަށް ޚާއްސަކޮށް ކުރިޔަށް ގެންދާ އިވެންޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްލި ގޮތަކަށް ސްކޫލު ހޯލް ދެވެން ނެތްކަމަށް ފަރެސްމާތޮޑާ ސްކޫލްއިން އެންގީ އެއީ ސުކޫލު ކަލަންޑަރުގައި ނެތް އިވެންޓެއް ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ބަހެއް ލިބިފައި ނުވާއިރު، ސަލަފުގެ ރައީސް ޝައިޚު އިބްރާހިމްވެސް ވަނީ އެ އިވެންޓު ބޭއްވުމަށް ހުރަސް އެޅުވާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝައިހް އިބްރާހިމް ވިދާޅުވެފައިވަނީ ލާމަރުކަޒީ ލޭބަލްގައި ހިންގަމުންދާ އެމްޑީޕީގެ ކޯލިޝަން ސަރުކާރުގެ ސިސްޓަމްގެ ތެރެއިން ސަލަފުގެ ފަރާތުން ގދ. ފަރެސްމާތޮޑާ ކައުންސިލާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ބޭއްވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *