ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއުލާން ކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވުމަށް އދ.މާމިގިއްޔަށް ވަޑައިގެންފިއެވެ.
ރައީސް ޤާސިމާއި ބައްދަލު ކުރައްވުމަށް މާމިގިއްޔަށް ވަޑައިގެންފައިވާއިރު، މިދަތުރާއި ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ. އާންމުކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތު ރައީސް އޮފީހުން ހާމަ ކުރައްވައެވެ. އެއީ ރަސްމީ ދަތުރުފުޅަކަށްވިޔަސް އަދި ނުރަސްމީ ދަތުރުފުޅަކަށްވިޔަސް އެމައުލޫމާތު ހިއްސާ ކުރައްވައެވެ. ނަމަވެސް މިދަތުރުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
ރައީސް މިއަދު މާމިގިއްޔަށް ވަޑައިގެންނެވިއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހިއްސާއޮތް ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އޮއުލާންކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޯލިޝަން ދެމެހެއްޓުމުގައި ނަމޫނާ ދެއްކެވިކަމަށެވެ. ނަމަވެސް ވެރިކަމަށް ކުރިމަތި ލެއްވުމާއިމެދު މިހާތަނަށް ރައީސާއި މަޝްވަރާ ކުރެވިފައި ނުވާކަމަށެވެ. އަދި އެފަދަ ދައުވަތެއްވެސް އެޕާޓީއަށް ލިބިފައި ނުވާކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ އެޕާޓީގެ ޓިކެޓްގައި މިފަހަރު ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިހާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއެވެ.
2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމު އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. މިހާރު ކުރިޔަށްދާ މަޝްރޫއުތައް ކުރިޔަށްގެންދަން ދެވަނަ ދައުރެއް ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެވިއެވެ. އެހެންނަމަވެސް އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ.
އަޅުގަނޑަށް ޔަޤިންކަން އެބައޮތް ކޯލިޝަނަކާއި އެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއި އެކީ ނުކުމެ 2023 އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމަށް. އެމްޑީޕީ އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެނޑިޑޭޓެއް. އަޅުގަނޑު މިހިރަ ޔަޤީންކަމަކީ އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އޮތް ވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުންނަމަ އަޅުގަނޑު މިހިރީ ޗޮއިސްއެއް.
– ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. 2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވުމުގައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއިރު، އެމްޑީޕީގެ ކޮންގްރެސް، އޮގަސްޓް މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ