ރަސޫލާދެކެ ލޯބިވެ، އެކަލޭގެފާނު ދިފާއުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް: ޚުތުބާ

ރަސޫލާދެކެ ލޯބިވެ، އެކަލޭގެފާނު ދިފާއުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް: ޚުތުބާ

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ދިފާޢުކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި، ރަސޫލާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުމަށް ޚުތުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ތާރީޚު ލިޔުއްވާ ބޭބެކަލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި އިންސާނުން އަޚްލާގީ ގޮތުންނާއި، ދީނީ ގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިގެންދިޔަ ދުވަސްވަރަކީ މީލާދީގޮތުން ފައްސަތޭކައިގެ އަހަރުތަކެވެ. އެދުވަސްވަރުގެ މުޖުތަމަޢުތަކުގައި އޭރުގެ މީސްތަކުން އަރައި ނުގަންނަ ފާފައެއް ނެތެވެ. ނުހިންގާ ހަޑި މުޑުދާރު އަމަލެއް ނެތެވެ.

އަޅުކަންކުރަން ހައްޤުވެގެންވާ އިލާހުގެ މަޢުރިފާވެރިކަން އޭރުވަނީ ގެއްލި އުވި ގޮސްފައެވެ. އޭރު އަޅުކަން ކުރަމުންދިޔައީ އަމިއްލަ އަތުން ކޮށާ މަށައިގެން އަމިއްލައަށް އުފެއްދި ބުދުތަކަށެވެ. ގަސްގަހާ ގެއްސާއި ކޯރުތަކާއި އަލިފާނަށެވެ.

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި މިފަދަ ދަށުދަރަޖައަކަށް އިންސަނިއްޔަތު ވެއްޓިފައި ވަނިކޮށް، ނަރަކައިގެ މި ފުން އަނދަވަޅުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށްޓަކާ މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށާއި އެކަލޭގެފާނު ފޮނުއްވީ އާލަމްތަކަށް ރަހުމަތެއްގެ ގޮތުގައި ކަމަށެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންގެ މާތް ނަބިއްޔާ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢިއްޒަތާއި ކަރާމަތަށް އުނިކަން ގެނައުމަށްޓަކާ އަދާވާތްތެރި ބާރުތަކުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއީ މިއަދުވެސް ކުރެވެމުންދާ މަސައްކަތެކެވެ.

އެހެންނަމަވެސް މިއީ މިޒަމާނުގައިވެސް ދޭދޭ ގައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފް، ނުހަނު ދަށުދަރަޖައިގެ އަމަލެއްކަން ބަޔާން ކުރައްވަމުން، ހަގީގަތަށް ލޯބިކުރާ ކޮންމެ ރައްޔިތަކުގެސް މިފަދަ އަމަލުތައް ކުށްވެރި ކުރަނެކަމުގައިވެސް ޚުތުބާގައި ބަޔާން ކުރައްވަފައި ވެއެވެ.

ބައެއް ފަހަރު ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޝަޚުސިއްޔަތަށް ނިސްބަތް ކޮށްގެން މުސްލިމުންގެ މި ދިވެހި ފަސްގަނޑުގައިވެސް އެކި ވާހަކަތައް ޝާޢިއު ކުރާތީ ފެނެއެވެ. ޝައްކެއް ނެތް ގޮތުގައި އެފަދަ ދޮގު ލިޔުންތައް އުފައްދާ އާންމުކުރާ މީހުންނަކީ އަޤީދާ ފާސިދުވެފައިވާ ބައެއްކެވެ.

ހުކުރު ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ހުކުރުބާގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގޭ މިފަދަ ދަށުދަރަޖައިގެ އަމަލްތަކަކީ އިސްލާމްދީން ނުހަނު ބާރަށް ފެތުރެމުން ދާތީ، ގަންނަ ބިރެއްގެ ސަބަބުން ހިންގާ ފިނޑި އަމަލުތަކެކެވެ.

ޚުތުބާގައި އިތުރަށް ހާމަ ކުރައްވާފައިވާ ގޮތުގައި މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ކުރައްވާފައިވާ ކަންކަމާމެދު މަލާމާތްކޮށް، ފުރައްސާރައިގެ މޭރުމުން ބަސްބުނުމުގެ ހައްގަކީ އެއްވެސް ބަޔަކަށް ލިބިގެން ހައްގެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކުރައްވާފައިވަނީ، އިތުރު އެކަލޭގެފާނުގެ އެންމެހާ އަމަލުފުޅުތަކަކީ އިލާހީ އަމުރުފުޅުތަކަށް ތަބާވެވަޑައިގެންނެވުމުގެ ގޮތުން ކުރައްވާފައިވާ ކަންކަންކަމުގައި ވާތީއެވެ.

މިގޮތުން އިތުރު އެކަލޭގެފާނުގެ ޒަވާޒީ ހަޔާތްފުޅަކީވެސް ހެޔޮލަފާ ޖީލެއް ބިނާކޮށް ރަނގަޅު މުޖުތަމަޢެއްގެ ބިންގާ އެޅުމުގެ އެންމެހާ ފިލާވަޅުތައް އެދިރިއުޅުއްވުމުން ފެންނާންހުރި ނަމޫނާ ހަޔާތްޕުޅެއްގައި ކަމުގައިވެސް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް ނަބިއްޔާގެ ޒަވާޖީ ހަޔާތްޕުޅާއި ބެހޭގޮތުން އިތުރު އެކަލޭގެފާނަށް ފުރައްސާރަކުރާ މީހުން ބުހުތާން ދޮގު ފަތުރަމުންދާކަމީ ފެންނަމުންދާ ހަގީގަތެއްކަން ހާމަކުރައްވަމުން މިފަދަ އެންމެހާ ކަންކަމާމެދު މުސްލިމުން ނުރުހުންވެ މާތް ނަބިއްޔާގެ ދިފާޢުގައި ބަސްބުނެ، އެކަލޭގެފާނު ދެއްކެވި ރިވެތި ނަމުނާއާ އެއްގޮތަށް އުޅުމާއި ގުޅުންތައް ބިނާކުރުމަށް ޚުތުބާގައި ނަސޭހަތްތެރި ވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *