އޮޅުވާލައިގެން އެންމެ ގިނަ ފޯމު ހުށަހެޅީ، ޕީޕީއެމްއައި އެމްޑީޕީން

އޮޅުވާލައިގެން އެންމެ ގިނަ ފޯމު ހުށަހެޅީ، ޕީޕީއެމްއައި އެމްޑީޕީން

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2022 10:39
0

ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކޮށް، އޮޅުވާލައިގެން އެންމެ ގިނަ އަދަދަށް މެންބަރުން ވއްދާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާ ޕާޓީތަކާއި، އެޕާޓީއެއްގެ ރަޖިސްޓްރާ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ސިޔާސީ ޕާޓީތަކަށް ވައްދާ މެމްބަރުންގެ ސައްޚަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީވެސް ސިޔާސީ ޕާޓިތަކުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ފާއިތުވެދިޔަ 5 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1،208 މީހަކު ވަނީ އޮޅުވާލައި، ސައްޚަކަން ކަށަވަރު ކުރުމެއްނެތި ޕާޓީތަކަށް ވައްދަން ހުށަހަޅާފައެވެ. އޮޅުވާލައިގެން 11 ސިޔާސީ ޕާޓީއަކަށް މީހުން ވެއްދާ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުން ފޯމުތަކުގެ ސައްޚަކަން ބެލުމަށްފަހު، އެމީހަކު އެޕާޓީން ވަކިކޮށް، އެކަން ކުރި ޕާޓީއަކަށް އިލެކްޝަން ކޮމިޝަނުން ދިޔައީ އެކަން އަންގަމުންނެވެ.

އިލެކްޝަންގެ ތަފާސް ހިސާބުތަކުން ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އޮޅުވާލައިގެން ޕާޓީއަށް މީހުން ވައްދާފައިވަނީ ޕީޕީއެމްއެވެ. އެޕާޓީން ވަނީ 391 މީހަކު އޮޅުވާލައިގެން ވައްދާފައެވެ. އެޕާޓީން އެންމެ ގިނަ އަދަދަށް އޮޅުވާލައިގެން މީހުން ވައްދާފައިވަނީ 2019 އަހަރުއެވެ. އެއަހަރު 166 މީހަކު ވަނީ ވައްދާފައެވެ. މިއީ އިލެކްޝަނަށް ހުށަހެޅުނު މިބާވަތުގެ ޝަކުވާތަކުގެ ނިސްބަތަށް ބަލާއިރު 32.37 އިންސައްތައެވެ.

ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން އޮޅުވާލައިގެން މީހުން ވައްދާފައިވަނީ އެމްޑީޕީއަށެވެ. އެޕާޓީއަށް ވަނީ 213 މީހަކު ވަނީ ވައްދާފައެވެ. އެޕާޓީން އޮޅުވާލައިގެން އެންމެ ގިނަ އަދަދަށް މެމްބަރުން ވެއްދީ 2018 ވަނަ އަހަރުއެވެ. އެއަހަރު 92 މީހަކު ވަނީ ވައްދާފައެވެ. ތިން ވަނައަށް އެންމެ ގިނަ އަދަދަށް މެމްބަރުން ވައްދާފައިވަނީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށެވެ. އެޕާޓީން ވަނީ އޮޅުވާލައިގެން 145 މީހަކު ވައްދާއެވެ. ހަތަރުވަނައަށް އެންމެ ގިނައިން އޮޅުވާލައިގެން މީހުން ވެއްދި ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އެޕާޓީން ވަނީ 144 މީހަކު އޮޅުވާލައިގެން ވައްދާފައެވެ.

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދި އެހެން ޕާޓީތައް:

– އަދާލަތު ޕާޓީ 66 މެމްބަރުން
– ދިވެހި ރައްޔިތުންގެ ޕާޓީ 13 މީހުން
– މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް 74 މީހުން
– މޯލްޑިވްސް ނޭޝަނަލް ޕާޓީ 57 މީހުން
– މޯލްޑިވްސް ރިފޯމް މޫވްމަންޓް 30 މީހުން
– މޯލްޑިވަސް ތާޑްވޭ ޑިމޮކްރަސީ 63 މީހުން
– ޕީޕަލްސް ނޭޝަނަލް ކޮންގްރެސް 12 މީހުން

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުމުގެ މައްސަލަގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ސިޔާސީ ޕާޓީތަކުގައި ކަމަށެވެ. ސައްޚަ ނޫން ފޯމެއް ހުށަހަޅައިގެން އިލެކްޝަނަސް އިނގިލި ދިއްކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށެވެ. އިލެކްޝަނަށް ހުށަހަޅާ ކޮންމެ ފޯމަކީ އެކޮމިޝަނުން ބަލާ ވަކި އުސޫލުތަކެއްގެ ތެރެއިން ޕްރޮސަސް ކުރެވި، އޭގެ ރެކޯޑްސް ފެންނަން ހުންނާނެ ފޯމުތަކެއްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައަށް ހައްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ސިޔާސީ ޕާޓީތައް ޖޫރިމަނަ ކުރުމުގެ އުސޫލަށް އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށާފައެވެ. ސައްޙަނޫން ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން ދިހަ ހާސް ރުފިޔާއިން ޖޫރިމާނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ޢެކަމަކި އާދަމް ސަރޭފުވރސް އޮތީ ނޭގި މޑޕ އަށް ލާފައެތްނު ފެންނަން ހުންނަކަންތަކުގަވެދް.ހަދަނީދޮހު