އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2022 10:35
0

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓުން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި ހިނގާ ޖޫން މަހުގެ ނިޔަލަށެވެ. ސުންގަޑިއަކީ ޖޫން 30 ގެ މެންދުރު 2:00 ޖަހާއިރު ކަމަށެވެ. އޮންލައިން ފޯމެއް މެދުވެރިކޮށް އިސްލާހު ހުށަހަޅަން ހުޅުވާލާފައިވާއިރު، އިސްލާހު ހުށަހަޅާ މާއްދާ ނުވަތަ މާއްދާތައް އެނގޭނެ ގޮތަކަށް އެއް ފޯމަކުން ހުށަހަޅަން އެދިފައިވެއެވެ.

އޯގަސްޓްމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިޞްލާހުތައް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.

އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝިދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.