ކްރޮއޭޝިއާއިން ޗެމްޕިއަން ފްރާނަސް މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި

ކްރޮއޭޝިއާއިން ޗެމްޕިއަން ފްރާނަސް މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2022 03:51
0

ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ކްރޮއޭޝިއާގައި ކުޅުނު މިމެޗް ނިނުމީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފަރަންސޭސި ޓީމުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ކްރޮއޭޝިއާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާ ލިޑު ނެގީ ފަރަންސޭސި ޓީމުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެޑްރިއެން ރެބިއޮޓްއެވެ. ނަމަވެސް މެޗް ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމްވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަންޑްރެއި ކްރަމަރިޗްއެވެ.

މިމެޗަށް ފަރަންސޭސި ކޯޗް ޑިޑިއަރ ޑޭޝޯންޕް ވަނީ އެންމެފަހުން ޑެންމާކާއި ކުޅެ ބަލިވި މެޗްގައި ކުޅުނު ޓީމަށް 10 ބަދަލެއް ގެނެސްފައެވެ. އަދި މުޅިން އަލަށް ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދެތިން ކުޅުންތެރިންނަށް ދީފައިވެއެވެ. މިގޮތުން ވާދަވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ކީޕަރ މައިކް މައިގްނަން ކުޅުނު އިރު މަޓިއޯ ގަންޑޫޒީ އާއި ވިލިއަމް ސަލީބާ ވަނީ މުޅިން އަލަށް ޤައުމީ ޓީމަށް މިމެޗްގައި ކުޅެފައެވެ.

އަދި ބައުބަކާ ކަމާރާ ވަނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ފުރަތަމަ ފަހަރަށް ފަރަންސޭސި ޓީމަށް ކުޅުމުގެ ޝަރަފް ހޯދާފައެވެ. އަދި ކްރޮއޭޝިއާއަށް ބަލާލާއިރު އެޓީމްގެ ކެޕްޓަން ލޫކާ މޮޑްރިޗްވަނީ ޤައުމީ ޓީމަށް 150 ވަނަ މެޗް ރޭ ކުޅެދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.