އެމްޑީޕީގެ ސާޅީހަށް ވުރެ ގިނަ މެންބަރުން ދަފްތަރުން އުނިކުރަން އުޅޭކަމަށް ތުހުމަތުކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއވެެ.
ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލު ކުރުމާއި، ޕާޓީތަކަށް ނިސްބަތްނުވާ އެފަދަ ޝައުގުވެރިކަމެއް ނެތް މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ޙަސަން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި އެޕާޓިގެ ދަފްތަރުން 40،000އެއްހާ މެންބަރުން ވަކިވާގޮތަށް ގަރާރެއް ފާސްކޮށްފައިވާކަމަށެވެ. އެ މެންބަރުންނަށް ވާއެއް ނުވާއެއް ނޭނގޭކަމަށާއި، ޕާޓިގެ ގުނަންތަކުގައި މަޝްވަރާކޮށްގެން ކޮށްފައިވާކަމެއް ނޫންކަމަށްވެސް ހަސަން ވިދާޅުވިއެވެ. އެއީ ޤައުމީ މަޖިލީހުގައި މަޝްވަރާ ކުރެވިފައިނުވާކަމެއްކަމަށާއި، އެކަމާއި ހިތާމަކުރާކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް އިންތިޚާބުތަކުގައި ވާދަކުރަމުންދާނެ. މޮޅުވާ ފަހަރާ ބަިވާފަހަރު އާދޭ. އެކަމު އެއީއެއް ނޫން ހިތާމަވެރިކަމަކީ. އެރޭގެ ޤައުމީ މަޖިލީހަށްވުރެ ހިތާމަވެރި ދުވަހެއް އެމްޑީޕީއަކަަށް ނާދޭ. ސާޅީހަކަށް ހާސް މެންބަރުން މިޕާޓީ އުފެއްދި މެންބަރުން ޕާޓީން ވަކިކުރަން ނިންމައިގެން އަޅުގަނޑުމެންގެ ޤައުމީ މ ަޖިލީހުން ނިންމައިގެން އެ އޮތީ. އެއީ ހިތާމަ އޮތްކަމެއް.
ޙަސަން މިހެން ވިދާލުވެފައިމިވަނީ އެމްޑީޕީގެ އައު ޗެއަރޕާސަންކަމާއި ހަވާލުވެވަޑައިގަތް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ޗެއަރކުރެއްވި ފުރަތަމަ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ދަފްތަރާއި އިލެކްޝަންސްގެ ދަފްތަރާއި އެއްގޮތްކުރުމަށް ނިންމެވުމުންނެވެ.
ޗެއަރޕާސަންކަމަށް އިންތިޚާބުވެވަޑައިގެންވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލ ޗެއަރކުރެއްވި ޤައުމީ މަޖިލީހުގައި ވަނީ މައިގަނޑު ދެކަމެއް ފާސްކޮށްފައެވެ. އެއީ އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީޚް އޯގަސްޓް 4 އިން 19އަށް ފަސްކުރުމަށާއި، އެޕާޓިގެ ދަފްތަރުގައި ތިބި މީހުން، އިލްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެހުމަށް ތިން މަސްދުވަހުގެ މުހުލަތެއްދީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރާ އެއްގޮތްކުރުމަށެވެ. މިގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދަފްތަރުގައި ޖެހޭ މީހުންނަށްކަމަށްވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ