އަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރެއްކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައިމިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން އޭރު ކުށްވެރި ނުކުރާތީ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ އެމްޑީޕީގެ މެންބަރުން ބޭރުކޮށްލުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
އެމްޑީޕީން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ތްރީލައިން ވިޕެއް ނެރެގެންނެވެ. މި މައްސަލަ ބޭރުކުރުމުން އެމްޑީޕީ މަޖިލިސް މެންބަރުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށައެޅީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައިކަމަށެވެ. އަދުގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގަޔާއި އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެއްކަމަށް ބުނެފައިވެއެވެ.
މިއަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް މިޕާޓީން ދެކޭހިނދު، ބީ.ޖޭ.ޕީ ފަދަ ހުރިހާ ދީންތަކަކަށް އިޚްތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއަމަލު ހިންގި ފަރާތާއި ގުޅޭގޮތުން މިހާރު ފިޔަވަޅު އަޅާފައިވާކަމީ މިޕާޓީ ތަރުހީބުދޭ ކަމަކެވެ.
– އެމްޑީޕީން ބުންޏެވެ.
މަޖިލީހުންމި މައްސަލަ ބޭރުކޮށްލި ކޮށްލުމާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލީ ވިޕެއް ނެރެގެންކަމަށެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގައި މިހާރު އޮތީ ސަރުކާރުގެ މެންބަރުންނަށް ބާރުކަމަށް ސިފަކުރައްވާ ބޮންޑެ ވިދާޅުވީީ، ހުރިހާ ބަދުނާމެއް އާންމުން ރައްދުކުރަނީ މަޖިލީހުގެ ރިޔާސަތަށްކަމަށެވެ. އެހެންކަމުން މިކަން އެނޫންގޮތަކަށް ހަދަންޖެހޭކަމަށް ބޮންޑެ ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން 33 މެންބަރުންގެ އަގްލަބިއްޔަތުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މިކަން ހިނގައިގެން އުޅޭތާ އެތައް އިރެއް ވީފަހުން މިއަދު ހަވީރު ދިވެހި ސަރުކާރުން މިކަން ކުށްވެރިކޮށްފައެވެ. ސަރުކާރުގެ ކުރު ބަޔާނުގައި މިކަން ކުށްވެރިކޮށް، މިކަމުގައި ޝާމިލުވި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލުމުގެ ބަދަލުގައި ސަރުކާރުން ވަނީ ބީޖޭޕީގެ ނިންމުމަށް މަރުހަބާ ދަންނަވާފައެވެ.
އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ އޮފިޝަލަކު ދެއްކި ވާހަކަތައް ކުށްވެރިކުރައްވައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި، މާތް ރަސޫލާގެ ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ އެއްވެސް ޢަމަލެއް ދިވެހި ސަރުކާރުން ބަލައިނުގްނަނާނެކަމަށެވެ. އަދި އެފަދަ ކޮންމެ ޢަމަލެއްވެސް އެންމެ ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.
ބީޖޭޕީގެ މިޢަމަލުގައި ޝާމިލުވި އޮފިޝަލަށް އެޕާޓީން ފިޔަވަޅު އަޅާފައިވާތީ ދިވެހި ސަރުކާރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ