ޑެންގީއާއި ޢާންމު ރޯގާތައް އިތުރުވަނީ، ސަމާލުވޭ!

ޑެންގީއާއި ޢާންމު ރޯގާތައް އިތުރުވަނީ، ސަމާލުވޭ!

Author
މުޙައްމަދު ޖިމީ
06 ޖޫން 2022 07:57
0

ޑެންޑީ ހުން ޖެހިގެން ރިޕޯޓްކުރާ ޢަދަދު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަށް ކޮންމެ އަހަރަކުވެސް ވިއްސާރަ މުސުމާދިމާކޮށް މިދުވަސްވަރު އިތުރުވެއެވެ. އެޗްޕީއޭއިން ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު އިތުރުކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އޭޕްރިލް މަހަށްވުރެ، މެއި މަހު ރިޕޯޓުކުރި ކޭސްތައްވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު ޑެންގީގެ 92 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މޭ މަހު އޭގެ ދެގުނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 185 މީހުންނެވެ. އޭޕްރިލް މަހުގެ ފަހު ހަފްތާގައި 32 ކޭސް ރިޕޯޓް ކުރިއިރު މެއި މަހުގެ ފަހު ހަފްތާގައި 73 މީހުން ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން:

  • ހަށިގަނޑު ރަނގަޅަށް ނިވާގޮތަށް ހެދުން އެޅުން
  • މަދިރި ލޯޝަން، ސްޕްރޭ، ރެޕެލެންޓް ބޭނުންކުރުން
  • ފަތިސްވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން (މަދިރި އިތުރުވާ ވަގުތެއް)
  • ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން (ގެއާއި ގޯތިތެރެ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ ފެންހަރުލާ ޒާތުގެ ތަންތަން)

މަދިރި އާލާވުން މަދުކުރުމަށް ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީފަދަ ތަކެތި ސާފުކުރުން މުހިންމެވެ. އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން ވަރަށް މުހިންމެވެ.

ބައްޔާމެދު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައްކަމަށްވާ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ބަނޑުގައި ރިއްސުންފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ.

ގޭތެރޭގައި ދެވިދާނެ ބައެއް ފަރުވާ:

  • އަރާމުކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސް ވުމާއިއެކު ބަލި ފެތުރުމުން ރައްކާތެރިކޮށްދޭ
  • ގިނަގިނައިން ދިޔާ އެއްޗެހި ބުއިން (ލޮނު ޕެކެޓު، ކުރުނބާ، ސޫޕް ފަދަ ތަކެތި)
  • ހުން އައިސް ގައިގައި ރިއްސާނަމަ ގަޑިންގަޑިއަށް ޕެރަސެޓަމޯލް ކެއުން
  • ހާލަތު މާބޮޑަށް ދެރަވާނަމަ ޑޮކްޓަރަށް ދެއްކުން

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމާއި ހޮޑުލެވޭ ރޯގާވެސް ވަނީ މިދުވަސްވަރު އިތުރުވެފައެވެ. އެގޮތުން މެއި މަހު އަރިދަފުސް ރޯގާގެ 13361 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭޕްރިލް މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކިކަަމަށް ރެކޯޑުކުރެވިފައިވަނީ 12978 މީހުންނެވެ. މެއި މަހު 4 މީހުން އިންފުލުއެންޒާއަށްވެސް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހޮޑުލުމާއި ބޭރަށްހިންގުން ޖެހިގެން މެއި މަހު 1824 މީހުން ޑޮކްޓަރަށް ދެއްކިއެވެ. އޭޕްރިލް މަހު މިފަދަ ރޯގާތާގެ 1575 ކޭސް ރިޕޯޓްކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.